ދުވަހަކުވެސް ކައިވެންޏެއް ކުރާކަށް ގަސްދެއް ނުކުރަން: އަކްޝޭ ކަންނާ
ދުވަހަކުވެސް ކައިވެންޏެއް ކުރާކަށް ގަސްދެއް ނުކުރަން: އަކްޝޭ ކަންނާ

ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާގެ ދޮށީ ފިރިހެން ދަރިފުޅު އަކްޝޭ ކަންނާ އަކީ ކައިވެންޏެއް ކުރަން ބޭނުންވާ މީހެއް ނޫނެވެ.

އަކްޝޭގެ އެންމެ ފަހު ފިލްމު "މޮމް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އޭނާ ބުނި ގޮތުގައި ކައިވެންޏެއް ކުރިޔަސް އޭނާއަަކަށް އެ ކައިވެނީގައި އުމުރަކަށް ދެމިއެއް ނުުހުރެވޭނެ އެވެ. ކައިވެނި ނުކުރަން އޭނާ ނިންމައިގެން ހުރި އެއް ސަބަބަކީ އެއީ ކަމަށް އޭނާ ބުންޏެވެ.

ކައިވެންޏެއް ކޮށްގެން އެންމެ މީހަކަށްޓަކައި މުޅި ހަޔާތް ހުސްކުރުމަކީ އަކްޝޭ ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމުގައި އޭނާގެ މައްސަލައެއް ނެތެވެ.

ކައިވެންޏެއް ކުރުމަށް އޭނާ އެހާ ބިރު ގަންނަނީ ކީއްވެ ހެއްޔެވެ؟

ނޫސްވެރިއަކު ކުރި މި ސުވާލުގެ ޖަވާބުގައި އަކްޝޭ ބުނީ އޭނާ އަކީ އެކަނި ދިރިއުޅުމަށް ވަރަށް ލޯބިކުރާ މީހެއް ކަމަށާއި އެކަނިވެރިކަމަކީ އޭނާއަށް ވަރަށް ބޭނުން ކަމެއް ކަމަށެވެ. ކައިވެންޏެއް ކޮށްފި ނަމަ އޭނާ ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ އެވެ. އެހެންވެ ދުވަހަކުވެސް އޭނާ ކައިވެނިކުރަން ގަސްތު ނުކުރާ ކަމަށް އަކްޝޭ ބުންޏެވެ.

ހަތަރު ވަަރަކަށް އަހަރު ފިލްމީ ދުނިޔެއާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް އަކްޝޭ ވަނީ "ޑިޝޫމް" އާއި "މޮމް" ކުޅެފަ އެވެ. އަދި "މޮމް"ގައި އޭނާ ކުޅެފައިވާ ރޯލަށް ގިނަ ބަޔަކު ވަނީ ވަރަށް ތައުރީފު ވެސް ކޮށްފަ އެވެ.

އަކްޝޭ ބުނި ގޮތުގައި ފިލްމީ މައިދާނާ ދުރުގައި ގިނަ ދުވަސް ތަކެއް ހޭދަކުރީ ބައެއް އަމިއްލަ މައްސަލަތަކާ ހުރެ އެވެ. ނަމަވެސް އެ މައްސަލަތަކަކީ ކޮބައިކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.

އެއްބަޔަކު ބުނަނީ އަކްޝޭ ފިލްމު ކުޅުން ދުވަސްކޮޅަކަށް ހުއްޓާލީ ބައްޕަ ވިނޯދް ކަންނާ ބަލިވެގެން އޭނާއާ އެކު ވަގުތު ހޭދަކުރަން ކަމަށެވެ. އަނެއްބަޔަކު ބުނަނީ އަކްޝޭ ބަނގުރަލަށް ދެވި ހިފީ ކަމަށެވެ. ނަމަވެސް ޒާތީ ދިރިއުޅުމުގެ ސުވާލުތަކަށް ޖަވާބުދިނުމުގައި އަކްޝޭ ޚިޔާރުކުރީ ހިމޭންކަމެވެ. އޭނާ ބުނި ގޮތުގައި ބޮލީވުޑްގައި ދެ ވަނަ ފަހަރަށް މި ފެށި ދަތުރު ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިއުމަކީ މިވަގުތު އޭނާ ބޭނުންވާ ހަމައެކަނި ކަންތަކެވެ.