ޝާހްރުކް-އަނުޝްކާގެ ކަޕިލް ޝަރުމާ ޝޯ ކުރިއަކަށް ނުގެންދެވުނު
ޝާހްރުކް-އަނުޝްކާގެ ކަޕިލް ޝަރުމާ ޝޯ ކުރިއަކަށް ނުގެންދެވުނު

ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ބައިވެރިވުމަށްޓަކައި މީގެ ދެ ދުވަހެއް ކުރިން ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާ ވަނީ އެ ޝޯގެ ޝޫޓިން އޮންނަ ސެޓަށް ޒިޔާރަތް ކޮށްފަ އެވެ. މި ދެ ތަރިން މި ޝޯގައި ބައިވެރިވާން އުޅުނީ ވަރަށް އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވާ "ޖަބް ހެރީ މެޓް ސޭޖަލް" ޕްރޮމޯޓް ކުރުމަށެވެ. ނަމަވެސް ޝޯ ޝޫޓް ނުކޮށް މި ދެ ތަރިން ވަނީ އަނބުރާ ގޮސްފަ އެވެ.

ސަބަބަކީ ކަޕިލް ޝަރުމާ ދެކެ އެ މީހުން ރުޅި އައުމެއް ނޫނެވެ. ޝޯގެ ޝޫޓިން ނުފަށަނީސް ކަޕިލް އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނީ އެވެ.

ހިންދުސްތާން ޓައިމްސްގައިވާ ރިޕޯޓެއް ބުނާ ގޮތުން މި ދުވަސްކޮޅު ކަޕިލް އުޅެނީ ވަރަށް ބޮޑަށް ސްޓްރެސް ވެގެންނެވެ. އޭނާގެ އާ ފިލްމުގެ ޝޫޓިން އާއި މި ޝޯގެ ޝޫޓިންގައި އުޅެންޖެހުމުން މާ ބޮޑަށް ވަރުބަލިވެ އޭނާގެ ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް ވެ އެވެ.

"ޝާހްރުކާއި އަނުޝްކާއާ އެކު ހުކުރު ދުވަހުރޭ އެޕިސޯޑެއް ޝޫޓްކުރަން ކަޕިލް އޮތީ ހަމަޖައްސާފައި. ނަމަވެސް އޭނާއަށް މިދުވަސްވަރު އުޅެން ޖެހިފައިވާލެއް ސްޓްރެސް ކަމުން އަނބުރައި ގަނެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނީ،" ޝޯގައި މަސައްކަތްކުރާ މީހަކު ބުނެފައިވެ އެވެ.

ކަޕިލްގެ ޝޯގައި މުހިއްމު ކެރެކްޓާއެއް އަދާކުރި ސުނިލް ގްރޯވަރު އާއި ކަޕިލް އާ ދެމެދު އެ ޓީމުން އޮސްޓްރޭލިޔާ އަށް ކުރި ދަތުރެއް ނިންމާލާފައި އެނބުރި އައި މަގުމަތީ ފްލައިޓް ތެރޭގައި ހިނގި ތަޅާފޮޅުމާއި އަރާރުންގަނޑެއްގެ ސަބަބުން ސުނިލް އާއި އެނޫން ވެސް ބައެއް މެމްބަރުން ޝޯއާ ވަކިވުމުގެ ސަބަބުން ޝޯގެ ޓީއާރުޕީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް ކަޕިލް ވަރަށް މަސައްކަތުން އަނެއްކާވެސް އެންމެ ގިނަ ބަޔަކު ބަލާ 10 ޝޯގެ ތެރޭގައި މި ޝޯ ވަނީ ހިމެނިފައި ކަމަށް، ދިމާވި ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެހެންވެ ޓީއާރުޕީ ވެއްޓުނު ނުދީ ހިފެހެއްޓުމަށް ވެސް ކަޕިލް ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖެހޭ. އެގޮތުން އަމިއްލަ ނަފްސަށާއި ހަށިގަނޑަށް ލިބިފައިވާ ސްޓްރެސް އަށް ކެތް ނުކުރެވި އޭނާ އަނބުރައިގަތީ،"

މީގެ ދެ ތިން ހަފުތާ ކުރިން ވެސް ކަޕިލްގެ ލޭގެ ޕްރެޝަރު ދަށްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެ އެވެ. އަދި ޝާހްރުކްގެ އެޕިސޯޑުގެ ކުރިން ޝޫޓްކުރި "ގެސްޓް އިން ލަންޑަން" ގެ ޓީމު ބައިވެރިިވި އެޕިސޯޑް ޝޫޓް ކުރިއިރުވެސް ކަޕިލް ބަލިވެގެން ޝޫޓިން މެދުކަނޑާލި އެވެ. ނަމަވެސް ކަޕިލް ހިތްވަރުކޮށްފައި ފަހުން ޝޫޓިން ފުރިހަމަ ކުރީ އެވެ.

ކަޕިލްގެ އެންމެ ވާދަވެރިންގެ ތެރޭގައި ހިމެނޭ ކްރުޝްނާ އަބީޝެކް އާއި އޭނާގެ ޝޯއިން ވަކިވެގެން ދިޔަ ބައެއް ކޮމޭޑިއަން އެކުވެގެން ސޮނީ އަށް މުޅީން އާ ކޮމެޑީ ޝޯއެއް "ދަ ޑްރާމާ ކޮމްޕެނީ"ގެ ނަމުގައި އުފައްދައި ދާދި އަވަހަށް ދައްކަން ފަށަން ވަނީ ހަމަޖެހިފަ އެވެ. ކަޕިލްއާ މައްސަލަ ޖެހުނު ސުނިލް ވެސް މި ޝޯގައި ދާއިމީ މެމްބަރެއްގެ ގޮތުގައި ބައިވެރި ނުވިޔަސް ބައެއް ފަހަރު ޝޯގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ކަޕިލްގެ ކުރީގެ ލޯބިވެރިޔެއްކަަމަށް ބުނެވޭ އޭނާގެ ޝޯގެ ކުރީގެ ކްރިއޭޓިވް ހެޑް ޕްރީތީ ސިމޯސް ވެސް މިހާރު ވަނީ "ދަ ޑްރާމާ ކޮމްޕެނީ" އާ ގުޅިފަ އެވެ. އެކަމާ ވެސް ކަޕިލް ވަނީ ވަރަށް ދެރަވެފަ އެވެ. މި ހުރިހާ ކަމަކާ މާ ބޮޑަށް ވިސްނާތީ ކަޕިލްގެ ސިއްހަތު ގޯސް ވަމުން ދަނީ އެވެ.

ކަޕިލް ބަލިވެގެން ކެންސަލް ކުރި ޝޫޓިން އަށް ޝާހްރުކް އާއި އަނުޝްކާ އަލުން ދާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ޔަގީނެއް ނޫނެވެ.

ކަޕިލްގެ ޝޯ އިން ވަކިވި މީހުންގެ ތެރޭގައި ހިމެނޭ އޭނާގެ ކުޑައިރުގެ ރަހުމަތްތެރިޔާ ޗަންދަން ޕްރާބާކަރަން މިހާރު ވަނީ ކަޕިލް އަށް މާފުކޮށް އެ ޝޯއާ އަލުން ގުޅިފަ އެވެ. އަދި އަންހެން ކޮމޭޑިއަނުންގެ ތެރެއިން އިންޑިއާގައި އެންމެ މަޝްހޫރު އެކްޓަރު ބާރުތީ ސިންގް ވެސް ވަނީ ކަޕިލްގެ ޝޯ އާ ގުޅިފަ އެވެ. އަދި އޭނާ ކައިވެނިކުރަން ހަމަޖެހިފައިވާ ހަރްޝް ލިމްބާޗިޔާ ވެސް ލިޔުންތެރިއެއްގެ ހައިސިއްޔަތުން މި ޓީމާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.