09 ޖުލައި 2017 - 06:35

(ބުދަ ދުވަހާ ގުޅޭ)
ޖަވާބުދޭކަށް ނާޒިމާއަކަށް ފަސޭހައެއް ނުވިއެވެ. ދޮގު ހުވައިކުރަން އަދި މާ އުނދަގުލެވެ. ނާޒިމާ ހިތަށްއެރިއެވެ. ދަރިފުޅު ރަނގަޅުވެއްޖެއްޔާ ނިމުނީއެވެ. އެ މީހަކު ކުރި ކަމެއް އެ މީހަކަށެވެ. ދެން ހިތަށްއެރިއެވެ. ކަން ކުރާ މީހާ ނޭނގި އެ މީހާގެ ކިބައިން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ ވިސްނައިގެން އުޅެން އެނގޭނީ ކިހިނެއް ހެއްޔެވެ؟
"ވިސްނައިލައިފަ ޖަވާބެއް ދޭނަން." ނާޒިމާ ޖަވާބުދިނެވެ.
ރޭގަނޑު ހަތަރުދަމު ނާޒިމާ ވިސްނިއެވެ. ހަމީދު ވަކި ކޮޅަކަށް ބުރައެއް ނުވެއެވެ. ނާޒިމާ ނިންމި ކޮންމެ ގޮތަކަށް ހަމީދު ހުރީ ރުހި ގަބޫލުވެގެންނެވެ.
"ދެން އެކަމަކު އެއްބަނޑުއެއްބަފާ ކުދިން ވިއްޔަ،" ދެއަތަކަށް ބޯހޫރައިލައިފައި ހަމީދު ބުންޏެވެ. "ހެޔޮނުވާނެއްނު އެ ކަހަލަ ކަންތައް ކުރަން. ނާޒިމާ ކިހާ ރަނގަޅަކަށް އެ ހުރިހާ ކުދިންނަށް ވެސް ކަންތައް ތި ކޮށްދެނީ؟ ކޮން ކަމަކާ ހަސަދަލާންވީ؟ ހަނދާންބަހައްޓާތި! ނާޒިމާއަކީ ފަސް ވަގުތު ނަމާދުކުރާ މީހެއް. ހުވަޔެއް ކޮށްފިއްޔާ އެ ހުވައިގެ މަތީ ދެމިހުންނަން ޖެހޭނެ."
ނާޒިމާ އެ ރޭ ރާޝިދަށް ފޯނުން ގުޅައިގެން ވާހަކަދެއްކިއެވެ. ސިހުރުހަދަނީ ކޮންމެ ކޮއްކޮއެއް ކަމުގައި ވިޔަސް، އެ ކުއްޖަކާ ޒުވާބުކޮށް އަރައިރުން ނުވާނެކަމުގެ ޔަގީންކަން ދިނެވެ.
"އެކަމަކު އަހަންނަށް އެ ކަން އެނގުނީމަ ސިހުރުހަދާ މީހާއަށް ވެސް އެނގޭނެތަ އަހަންނަށް އެނގޭކަން؟" ނާޒިމާ އެހިއެވެ.
"އެނގޭނެ،" ރާޝިދު ޖަވާބުދިނެވެ. "ހުރިހާ ޚަބަރެއް އޭނައަށް ބަރާބަރަށް ދާނެ. އޭނަ ސިހުރު ވަރުގަދަ ވެސް ކުރާނެ. އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން އަހަރުމެން ތިބެންވާނީ. ވަރަށް ކުޅިވަރު ހުންނާނެ."
ގޭގެ އެންމެންނާ އެކުގައި ކާންއަރަން ނާޒިމާއަށް އުނދަގޫވިއެވެ. އެކި ކުދިންނާ ދިމާއަށް ބެލޭ ގޮތް ތަފާތުވިއެވެ. ތަށްޓަށް ކުއްޖަކު ބަތްއަޅައިދިނަސް، ފެންތަށްޓެއް ދިއްކޮށްލިޔަސް ނާޒިމާ އިންނަނީ ހުއްޓުންއަރައިފައެވެ. ހިތަށްއަރައެވެ. ސިހުރުހަދަނީ އޭނަ ނޫންބާއެވެ؟ އެ ފަދަ ކޮންމެ ވަގުތަކު ހަމީދު ކަރުކެހިލައެވެ. ނާޒިމާ ބުނި ބަހުގެމަތިން ހަނދާންކޮށްދިނުމަށް ޓަކައެވެ. ނާޒިމާ ގާތުގައި އަބަދު ހުންނަން ހަމީދު ބޭނުމެވެ. އެހެންނަމަވެސް، ގޭގެ ފިހާރަ ބެލެހެއްޓުމަކީ ވެސް ހަމީދުގެ ޒިންމާއެކެވެ. ގިނަ ވަގުތު ހަމީދު އިންނަންޖެހެނީ ވެސް ސޭޓުގެ މަގާމުގައެވެ.
ރުޤްޔާ ކިޔެވި ދެވަނަ ރެޔަކީ އެންމެ މުހިންމު ރެޔެވެ. ކިޔަވަން ފެށިއިރު ވެސް ހައުލާގެ ގައިތެރޭގައި ތިނެތި އުޅުނެވެ. އެއްވަރަކަށް ގޮތްދޫނުކުރާ، މުސްކުޅި ތިނެއްޗެވެ. ކުރާ އެއްވެސް ސުވާލަކާ ގުޅޭ ޖަވާބެއް ނުދެއެވެ. ނުކުންނަން އެންގުމުން އިންކާރުކުރިއެވެ. ކިޔަވަން ފަށާއިރަށް ރޮއިހޭރެން ފަށައެވެ. ހުރިހައި ވޭނެއްއަޅަނީ ހައުލާ ގައިގައެވެ. އިދިފުށަށް ދަމައިގަންނަލެއް ބޮޑުކަމުން ފުއްކިބައާއި ފުންނާބު ނޫން ތަނެއް އެނދަކު ނުޖެހެއެވެ. އެ މަންޒަރު ދެކެން ނާޒިމާގެ ލޮލަކަށް ކުޅަދާނައެއް ނުވެއެވެ. ރާޝިދަށް ޖެހެނީ ކިޔެވުން ހުއްޓައިލާށެވެ. ތިން ޖިންނީން ބޭނުންވާ ގޮތަކީ އެއީއެވެ. ކިޔެވިޔަ ނުދިނުމެވެ.
"މިހެން ކިހިނެއް މި ކަން ކުރާނީ؟" ގޮތް ހުސްވުމުން ރާޝިދު ބުންޏެވެ. "ނާޒިމާއަށް މި ތަނުގަ އިނދެވޭކަށް ނެތް. ބޭރަށް ނުކުންނާކަށް ބޭނުމެއް ނޫން. އޭރު ވެސް މަ ބުނީމެއްނު ވަރަށް ހިތްވަރުކުރަން ޖެހޭނޭ."
"އެކަމަކު ދަރިފުޅު ގައިގަ އަޅާ ހުރިހާ ވޭނެއް އަޅަނީ އަހަރެންގެ ގައިގަޔޭ،" ފެންކަޅިވެފައި ނާޒިމާ ބުންޏެވެ. "އެހެން ގޮތެއް ނެތްތަ؟ އަހަރެން އިހަށް ނުކުންނާނަން ބޭރަށް؟"
ނާޒިމާ ތެދުވެގެން ހިނގައިގަތެވެ. އެހެންނަމަވެސް، އެ ގޮތް ވެސް ހިތަކަށް ފަސޭހައެއް ނުވިއެވެ. އަނެއްކާ ގޮނޑީގައި އިށީނެވެ. ހައުލާއަށް އެ ފަދަ އަނިޔާއަކާ ކުރިމަތިލާން ޖެހެނީ އޭނަގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ ކާކަށް ކީއްކޮށްގެން ހެއްޔެވެ؟
"އެ ވޭނުގަ މުޅި އުމުރު ދުވަހު ދަރިފުޅު އުޅެންތަ ބޭނުމީ، މި ކަން ރަނގަޅުވާންތަ ބޭނުމީ؟" ކެތްތެރިކަމާ އެކުގައި ރާޝިދު ބުންޏެވެ. "ފިރުމައިގެން މި ކަން ކުރެވޭނެ ނަމަ ކީއްކުރަން މިހެން ކުރަންވީ؟ އަދި ކުޑަ އިރުކޮޅަކު ކެތްކޮށްލާ!"
ރާޝިދު ކިޔަވަން ފެށިއެވެ. ހައުލާއަށް ވާގޮތެއް ނާޒިމާ ނުބަލައެވެ. އިސްޖަހައިލައިގެން އިނދެ ރުއީއެވެ. ދެ ފަހަރު ހައުލާގެ ގައިން ވާގިދޫވިއެވެ. އެއިން ކޮންމެ ފަހަރަކީ ހަށިގަނޑު ދޫކޮށް އެއްޗެއް ދިޔަ ފަހަރެކެވެ.
"ދެން ހުއްޓާލާ ހުއްޓާލާ!" މުސްކުޅި އަޑަކުން ހައުލާ ގޮވައިލިއެވެ.
ނާޒިމާ ބަލައިލިއެވެ. ހައުލާ އޮތީ ދެ ލޯ ބޮޑުކޮށްގެން ރާޝިދާ ދިމާއަށް ބަލާށެވެ. ނާޒިމާއާ ދިމާއަށް ބަލައިލަނީ ބީރަށްޓެއްސަކަށް ބަލާހެންނެވެ. އެއް އަތުން ގޮއްމުށްކަވައިފައި ގޮދަޑިމަތީގައި ތެޅިއެވެ. އަތުގެ ނާރުތައް ހުރީ ފުއްޕައިލައިފައެވެ.
"ކުރިން ވެސް ތި ގޮތް އޮތްތާ!" ރާޝިދު ބުންޏެވެ. "ދެން ބުނޭ! ކާކު ބުނެގެން ކަލޭ ތި ކަމެއް ތި ކުރަނީ؟"
ހައުލާ ޖަވާބެއް ނުދެއެވެ. ހަރަކާތެއް ނުކުރެއެވެ. ގޮއްމުށުން އެނދުގައި ތެޅުން ފިޔަވައެވެ. ރާޝިދުގެ ސުވާލު ތަކުރާރު ކުރިއެވެ. ވާޅުވާނީ ކުރިން ކާކުބާއޭ ނާޒިމާ ހިތަށްއަރަންދެނެވެ.
"ފަލާހު!" ހައުލާ ޖަވާބުދިނެވެ. "ނާޒިމާގެ އެއްބަނޑުއެއްބަފާ ކޮއްކޮ."
ނާޒިމާއަށް ލިބުނީ ޝޮކެކެވެ. ފަލާހަކީ ދުވަސް ނުފުރާ ވިހޭ ކުއްޖެކެވެ. ދައްތައެއްގެ އިތުރުން މަންމައެއްގެ ލޯބި ވެސް ނާޒިމާ ދިން ހަމައެކަނި ކޮއްކޮއަކީ ފަލާހެވެ. ފަލާހު ލިބުނު ދުވަސްވަރު އޭނަގެ މަންމަ އުޅުނީ ވަރަށް ބަލިވެއެވެ. ރާއްޖެއިން ބޭރަށް ގިނަ ދަތުރުތަކެއް ކުރަން ޖެހުނެވެ. މަންމަ ނެތީމައި ފަލާހު ބެލީ ނާޒިމާއެވެ.
"ސިހުރުހަދަނީ ޒިދުނާޔާ ޒިދުނާގެ ބައްޕަ." ހައުލާ ހުރިހައި ނަމެއް ކިޔައިދިނެވެ.
ނަން އެކަންޏެއް ނޫނެވެ. ވަރަށް މުހިންމު މައުލޫމާތުތަކެއް ހައުލާ ކިޔައިދިނެވެ. އެ ވާހަކަތައް ގަބޫލުކުރަން ހަމީދަކަށް އެހާ އުނދަގުލެއް ނުވިއެވެ. ނާޒިމާ ހަނދާންނެތަސް ހަމީދު ކުރިން އެ ޝައްކު ކުރިއެވެ. އެންމެ ލޯބިން ގެންގުޅުނު ކޮއްކޮވީމައި ނާޒިމާއަށް އެ ވާހަކަތައް ގަބޫލު ނުކުރެވުނީއެވެ.
"ވަރަށް ރަނގަޅަށް ބަލާފައޭ އަހަރެން ބުނީ ޒިދުނާގެ ބައްޕައަކީ އެ އަތޮޅުގަ ހުރި އެންމެ މަޝްހޫރު ސިހުރުވެރިޔާއޭ،" ހަމީދު ހަނދާންކޮށްދިނެވެ. "އެކަމަކު މަ ހީކުރީ ގޯތީގެ ދަހިވެތިކަމުގަ ކަމަށް ތި ކުރި ކަމެއް ކުރީ. ދެން އަނެއްކާ މި ދުވާ ކުނިވަސް މީ ވެސް އަރަތެއް ކަހަލަ ކަމެއް. ބަރާބަރަށް ކުނިއުކާ. ވަހެއް ނުކެނޑޭ."
"އެކަމަކު ކުނިވަހާ ސިހުރާ ކޮން ގުޅުމެއް؟" ނާޒިމާ އެހިއެވެ.
އެ ސުވާލުގެ ޖަވާބެއް ހަމީދަކަށް ވެސް ނޭނގެއެވެ. ގޭގެ މީހުން ތިބެނީ އެ ވަހަށް ހޭނިފައެވެ. ގޭގެ އެކި ތަންތަނުން، ކުނިވެފައި ހުންނަ މީދާ ފެނުމަކީ އާންމުކަމެކެވެ. ގޯތީގެ ބިންމަތީގެ ބައެއް ދިމާއިން، ވަކި އެއްޗެއް ނުފެނި ވެސް ނުބައިވަސް ދުވައެވެ. އެ ކަމެއް ފެށުނީ ޒިދުނާ އައި ފަހުންނެވެ.
"އަދި އެނގޭނެ،" ހަމީދު ޔަގީންކަމާ އެކުގައި ބުންޏެވެ. "ވެދާނެ އަހަރެން މި ގޭގަ އުޅޭތީ އަހަންނަށް ޖެއްސުމަށް ކުރާ ކަމަކަށް ވެސް. ތި ޒިދުނާއަކީ ސިއްރުން ފުރިގެންވާ އަންހެނެއް. އެކަމަކު އަޅެ އަހަރުމެންގެ ދަރީގެ ކުށަކީ ކޮބާ؟ ހަތަރުދަމު އެ ކުދިން އެ ތިބެނީ މި ކޮޓަރިގަނޑު ތެރޭގަ."
"އެ މީހުން ސިހުރުހަދަން ފެށިތާ ކިތަންމެ ޒަމާނެއް،" ރުޤްޔާގެ އެހީގައި ލިބުނު މައުލޫމާތު ނާޒިމާ ކިޔައިދިނެވެ. "ކުޑައިރު އެ މީހުން ހަސަދަލީ ހައުލާ ހުންނަލެއް ލޯބިކަމުން އެ ކަމާ ހިތްހަމަނުޖެހިގެން. ބޮޑުވަމުން އައިއިރު ސިހުރުހެދީ ހައުލާ ކިޔެވުމަށް މާ މޮޅުވީމަ. ހައުލާއާ ސަނާ އުޅުނީ އެއް ކިލާހެއްގައެއްނު."
ސަނާއަކީ ޒިދުނާއާއި ފަލާހުގެ ދަރިފުޅެވެ. ގިނަ ގުރޭޑުތަކެއްގައި ހައުލާއާއި ސަނާ އެއް ކިލާހެއްގައި އުޅުނެވެ. ދެ ކުދީން ވެސް ކިޔެވުމަށް ވަރަށް މޮޅެވެ. މައްސަލައަކީ، ބައެއް ފަހަރު ހައުލާއަށް ބައެއް މާއްދާއިން ތަންކޮޅެއް މަތި ލިބޭތީއެވެ. ބައެއް ފަހަރު މޫނިސާ ވެސް ސަނާއަށް ވުރެ މަތީ ވަނަ ހޯދައެވެ. މޫނިސާއަކީ ހައުލާގެ ދައްތައެވެ. އެހެންވެ، މޫނިސާއާއި ހައުލާއަށް ސިހުރު ހަދާތާ ކިތަންމެ ދުވަހެކެވެ. ޒިދުނާއަށް މަޅީގައި ޖެއްސެނީ ހައުލާއެވެ. މޫނިސާ އަތަކު ނުޖެހެއެވެ. ހައުލާއަކީ އެއްޗެހި ކާންދޭން ފަސޭހަ ކުއްޖަކަށް ވެފައި މޫނިސާ ނުކާތީއެވެ. ކުޑައިރުއްސުރެ ވެސް މޫނިސާއަކީ ކާންދޭން އުނދަގޫ ކުއްޖެކެވެ. ހަމީދަށް ވާހަކަތައް ކިޔައިދެމުން ގެންދިޔައިރު ނާޒިމާގެ ހަނދާންތައް ދަތުރުކުރީ މާޒީއަށެވެ. ރޮށްޓާއި ރިހާކުރަކީ ހައުލާއަށް ވަރަށް މީރު ކެއުމެކެވެ. ސަނާ ވަރަށް ގިނައިން ހައުލާ ބަލާ ފޮނުވައެވެ. ނާޒިމާ ހީކުރީ އެއީ ލޯބިކަމަށެވެ.
"ހިނގާ ރޮށްޓާ ރިހާކުރާ ކާން." ސަނާގެ އަޑު ދުރުދުރުން ނާޒިމާއަށް އިވުނު ކަހަލައެވެ.
"ރޮށްޓާ ރިހާކުރާ ކާން ބޭނުން؟" ބައެއް ފަހަރު އައިސް އެހެންވެސް ބުނެއެވެ.
މަންމަ މިއަދު އެބަހުރި ހުނިލީ ރޮށްޓާ ރިހާކުރާ ހަދާފަ." އެއީ ވެސް ސަނާ ބުނާ ގޮތެކެވެ.
އެކި ފަހަރުމަތިން އެކި ރާގުގައި ސަނާ އައިސް އެ ވާހަކަ ބުނެއެވެ. ހައުލާ ނިކަން އުފާވެފައި ދެއެވެ. ސިހުރުހަދައިފައި ހުންނަނީ ހައުލާއަށް ކާންދޭ ރިހާކުރަށެވެ. އެހެންނަމަވެސް ކުޑައިރު އޭގެ ނަތީޖާއެއް ނުނިކުތީއެވެ. ހައުލާގެ ކިޔެވުމަކަށް ގޯސް ބަދަލެއް ވެސް ނައެވެ. ކިޔެވުން ވީ ރަނގަޅެވެ. އެ ދުވަސްވަރަކީ ޒިދުނާ ސިހުރުހަދަން ދަސްކުރި ދުވަސްވަރެވެ. ނާޒިމާއަށް ހީވަނީ އޭރު ޒިދުނާގެ ހުނަރު ދަށީހެންނެވެ.
ސިހުރުހަދާ މީހާ ނޭނގިގެން ލިބުނު ނުތަނަވަސްކަމަށް ވުރެ، އޭނަ އެނގުމުން ވީ އުނދަގޫ މާ ބޮޑެވެ. ޖެހިގެން އައި ދުވަހު، ފަލާހާ އެކުގައި ސައިބޯން އިށީންނާކަށް ނާޒިމާ ހިތްހަމައެއް ނުޖެހުނެވެ. ނާޒިމާ އެކަންޏެއް ނޫނެވެ. ފިރިމީހާއާއި ދަރިން ވެސް ފަލާހާ އެކުގައި ސައިބޯން އިށީންނާކަށް ނާޒިމާ ބޭނުމެއް ނޫނެވެ. ހިތުގައި އުފެދުނު ޝަކުވާތައް މާ ގިނަވީއެވެ. ދެން ހަދާނެ ގޮތަކާ މަޝްވަރާކުރަން ތިއްބާ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. ދޮރު ހުޅުވަން ދާން އުޅުނީ ހައުލާއެވެ. ހައުލާ ހުއްޓުވައިފައި ދިޔައީ ނާޒިމާއެވެ. ދޮރު ހުޅުވައިލިއިރު ހުރީ ޒިދުނާއެވެ. ވަރަށް ހިނިއައިސްފައެވެ. އެއީ އާންމުކޮށް ޒިދުނާގެ މޫނުމަތިން ފެންނަ ވިހަ ހިނިތުންވުމެވެ.
"ސައިބޯން ނުނިކުމެ އެންމެން ކީއްތަ ތި ކުރަނީ؟" ސަމާސާ ރާގެއްގައި ޒިދުނާ ބުނެލިއެވެ. "ރޮށްޓާ ރިހާކުރާ ކާން ބޭނުން؟"
ނުނިމޭ