މެސީ މަޑުކުރީ ޝަރުތުތަކެއް ކޮށްފައެއް ނޫން: ބާޓޮމެއު
މެސީ މަޑުކުރީ ޝަރުތުތަކެއް ކޮށްފައެއް ނޫން: ބާޓޮމެއު

ބާސެލޯނާ (ޖުލައި 8) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކުރީ ބަދަލުގައި އެއްްވެސް ކަމަކަށް ޝަރުތު ކޮށްފައި ނޫން ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.

މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރުގެ ނިޔަލަށް އާ ކުރިއިރު އެ ޓީމަށް ކުޅޭ ބައެއް ކުޅުންތެރިންތަކެއް ވިއްކާލަން ޝަރުތުކުރިކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. އެހެން ނަމަވެސް ބާޓޮމެއު ވަނީ އެކަން ދޮގުކޮށްފަ އެވެ.

"މެސީ ކޮންޓްރެކްޓް އާ ކުރީ ހަމަ ރަނގަޅު މަޝްވަރާތަކަށް ފަހު. އެއްވެސް ކަމެއް ބަދަލުގައި ކުރަން ޖެހޭނެ ކަމަށް އޭނާ ޝަރުތެއް ނުކުރޭ. މީޑިއާ ރިޕޯޓްތަކުގައި އެއްވެސް ހަގީގަތެއް ނެތް،" ބާޓޮމެއު ވިދާޅުވި އެވެ.

މީޑިއާ ތަކުން ރިޕޯޓްކުރި ގޮތުގައި މެސީ ވިއްކާލަން ޝަރުތުކުރި ކުޅުންތެރިންނަކީ އެ ޓީމަށް ކުޅޭ ތޯމަސް ވަމެއިލަން އާއި އަންދްރޭ ގޯމޭސް އަދި އާޑާ ޓުރާން އެވެ.

އުމުރުން 30 އަހަރުގެ މެސީ އަށް ބާސެލޯނާގެ އާ ކޯޗު އާނަސްޓޯ ވަލްވޭޑޭގެ ކޯޗުކަމުގައި ވެސް މޮޅު ކުޅުމެއް ދެއްކޭނެ ކަމަށް ބާޓޮމެއު ވަނީ ވިދާޅުވެފަ އެވެ.

"އެންރީކޭގެ ކޯޗުކަމުގައި ވެސް މެސީ އަށް ނުކުޅެވޭނެ ކަމަށް ގިނަ ބަޔަކު ބުނި. އެކަމު އެހެނެއް ނޫން ވީ. ދެން ކުރިއަށް އޮތް ސީޒަނުގައި ވަލްވޭޑޭގެ ކޯޗުކަމުގައި މެސީގެ މޮޅު ކުޅުން ފެންނާނެތޯ ގިނަ ބަޔަކު އުފައްދާފައިވާ ސުވާލަށް އޭނާ ދަނޑުމަތިން ޖަވާބު ދޭނެ،" ބާޓޮމެއު ވިދާޅުވި އެވެ.

އަންނަ ސީޒަނަށް ޓީމުތަކުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ބާސެލޯނާ އިން ވެސް އަންނަނީ ގިނަ ކުޅުންތެރިންނަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އާއި ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އާއި ޗައިނާގެ ގުއަންޒޫ އެވަގްރާންޑަށް ކުޅޭ ބްރެޒިލްގެ ޕައުލީނިއޯ އަދި އާސެނަލްގެ ފުލްބެކް ހެކްޓަ ބެލެރިން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ވެރާޓީ ބާސެލޯނާ އަށް ބަދަލުވާން ބޭނުން ނަމަވެސް ޕީއެސްޖީން ކިޔާ އަގުބޮޑުވުމުން އެއްބަސްވުމަކަށް ވަނީ ނާދެވިފަ އެވެ.