"ޖައްގާ ޖާސޫސް"ގެ ޓީމަށް ގޯވިންދާގެ ރުޅިގަނޑު އަމާޒުވެއްޖެ
"ޖައްގާ ޖާސޫސް"ގެ ޓީމަށް ގޯވިންދާގެ ރުޅިގަނޑު އަމާޒުވެއްޖެ

ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ "ޖައްގާ ޖާސޫސް" ފުރަތަމަ އިއުލާން ކުރިއިރު އެ ފިލްމުގައި ގޯވިންދާގެ މެހެމާނެއްގެ ބައި ހިމެނޭ ކަމަށް ބުނެފައިވެ އެވެ. ފިލްމުގައި އޭނާ ކުޅެނީ ރަންބީރުގެ ބައްޕަގެ ރޯލުކަމަށް ވެސް އޭރު ވަނީ ބުންޏެވެ.

ނަމަވެސް "ޖައްގާ ޖާސޫސް"ގެ ޝެޑިއުލްތައް ލަސްވެ ފިލްމުގެ ބައެއް ބައިތައް އަލުން ޝޫޓްކޮށް މި ސަކަރާތްގަނޑުގެ ތެރޭގައި އުޅެނިކޮށް ގޯވިންދާ އާއި "ޖައްގާ ޖާސޫސް"ގެ ޓީމާ ދެމެދު މައްސަލަތައް ޖެހި ގޯވިންދާގެ ބަދަލުގައި އޭނާގެ ރޯލަށް ބެންގާލީ އެކްޓަރެއް ކަމަށްވާ ސަސްވަތާ ޗެޓަޖީ ވަނީ ހަމަޖައްސާފަ އެވެ.

ނަމަވެސް ފަހުން ގޯވިންދާ އެހެން ރޯލެއް ފިލްމުގައި ކުޅުނު ކަމުގެ ޚަބަރުތަކެއް އިވިގެން ދިޔަ އެވެ. ނަމަވެސް ފިލްމު ޝޫޓްކުރުމުގައި ތިން އަހަރު ހޭދަވި "ޖައްގާ ޖާސޫސް" މިހާރު ވަނީ ރިލީޒްކުރަން ތައްޔާރުވެފަ އެވެ. އަދި ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ. އެއްވެސް ހިސާބެއްގައި ގޯވިންދާގެ ނަން ވެސް މިހާރު ނުކިޔަ އެވެ.

އެހެން އޮއްވާ ކުއްލިއަކަށް ގޯވިންދާ މި ފިލްމުގައި ކުޅެފައިވާ މަންޒަރެއް ކަމަށް ބުނާ މަންޒަރެއް މީޑިއާ އަށް ލީކުވި އެވެ. މި މަންޒަރުގައި ރަންބީރާއި ކެޓުރީނާ ވެސް ފެންނަން ހުއްޓެވެ.

މި މަންޒަރު ލީކުވުމުން ގޯވިންދާ އަދިވެސް މިފިލްމުގައި ބައިވެރިވާކަމަށް ހިތާ އޭނާގެ ފޭނުން ވަރަށް އުފަލުން އުޅުނެވެ. ނަމަވެސް އޭގެ ފަހުން ފިލްމުގެ ޑައިރެކްޓަރު އަނުރާގު ބާސޫ ބުނީ ގޯވިންދާ އެ ފިލްމުގައި މިހާރު އެއްވެސް ރޯލެއް އަދާ ނުކުރާ ކަމަށެވެ. އޭނާ ބުނީ ފިލްމު އެޑިޓްކުރުމުގެ މަރުހަލާގައި ގޯވިންދާގެ މަންޒަރުތައް ވެސް އެޑިޓް ކޮށްފައިވާ ކަމަށެވެ. މިކަމާ ވަރަށް ހިތާމަކުރާ ކަމަށް ވެސް އަނުރާގު ބުންޏެވެ. ފިލްމުގެ ބޮޑުބައެއް އަލުން ޝޫޓްކުރަން ޖެހުމުގެ ސަބަބުން، ގޯވިންދާ ކުޅެފައިވާ އޮތް ބައި ފިލްމުގައި ހިމެނޭނެ ގޮތް ފަހުން ނުވީ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އަނުރާގުގެ މި ވާހަކަތަކުން ގޯވިންދާގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ.

ގޯވިންދާ ކޮށްފައިވާ ޓުވީޓްތަކެއްގައި ބުނީ ކަޕޫރު އާއިލާއަށް އޭނާ ވަރަށް އިހްތިރާމް ކުރާ ކަމަށެވެ. އަދި އޭނާ އެ ފިލްމު ކުޅެދޭން އެއްބަސްވީ ކަޕޫރު އާއިލާގެ އިސް މީހެއްގެ ދަރިއަކު އުޅޭ ފިލްމަކަށް ވާތީ އާއި ރަނގަޅު ސްކްރިޕްޓެއް އޮތް ކަމަށް ބުނުމުން ކަމަށެވެ. މި ފިލްމުގެ ސްކްރިޕްޓް ސައުތު އެފްރިކާގައި ކިޔައިދޭނެ ކަމަށް ބުނުމުން އޭނާ އެއްވެސް ފީއެއް ވެސް ކުރިން މިފިލްމަށް ނުނަގާ ކަމަށާއި ކޮންޓްރެކްޓެއްގައި ވެސް ސޮއި ނުކުރާ ކަމަށް ގޯވިންދާ ކުރި ދެ ވަނަ ޓުވީޓްގައި ބުންޏެވެ.

ބަލިވެ އައިވީ ގުޅައިގެން އުޅެމުން ވެސް އޭނާ ސައުތު އެފްރިކާއަށް ދަތުރުކޮށް ފިލްމުގެ ޝޫޓިން ނިންމައިދިން ކަމަށާއި ގޯވިންދާއާ ބެހޭ ގޮތުން ވަރަށް ނޭދެވޭ ވާހަކަތަކާއި ނެގެޓިވް އާޓިކަލްތައް މި ފާއިތުވީ ތިން އަހަރު ތެރޭ ދައުރުވެފައިވާ ކަމަށް އޭނާގެ އިތުރު ޓުވީޓެއްގައި ބުނެފައިވެ އެވެ.

"އަހަރެން އަހަރެންގެ ވަޒީފާ ރަނގަޅަށް އަދާކުރިން. ނަމަވެސް ޑައިރެކްޓަރު ހިތްހަމަނުޖެހުމަކީ އޭނާގެ މައްސަލައެއް،" ގޯވިންދާގެ ފަސް ވަނަ ޓުވީޓްގައިވެ އެވެ.