ބަަތަލާއެއްގެ މަރުގެ މައްސަލައިގައި އެކްޓަރަކު ހައްޔަރުކޮށްފި
ބަަތަލާއެއްގެ މަރުގެ މައްސަލައިގައި އެކްޓަރަކު ހައްޔަރުކޮށްފި

މޮޑެލް އަދި އެންކާ ސޯނިކާ ސިންގް ޗޯހާންގެ މަރުގެ މައްސަލައިގައި އިންޑިއާގެ އެކްޓަރެއް ކަމަށްވާ ވިކްރަމް ޗެޓަޖީ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިސް ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ވިކްރަމް ވަނީ ކަން ހިނގި ގޮތް ސިއްރުކޮށް ހެކި ނައްތާލައި ފުލުހުންނަށް ފިލަން މަަސައްކަތް ކޮށްފަ އެވެ.

އެކްޓަރު ހައްޔަރު ކޮށްފައިވަނީ އޭނާއާ ދެކޮޅަށް އޭނާގެ އިހުމާލުން މީހަކު މަރުވިކަމުގެ ތުހުމަތު ފުލުހުން ކޮށްފައި ވަނިކޮށެވެ.

ސޯނިކާ މަރުވެފައިވަނީ ވިކްރަމާ އެކު ކާރެއްގައި ދަތުރުކުރަނިކޮށް ވީ އެކްސިޑެންޓެއްގަ އެވެ. ނަމަވެސް މި އެކްސިޑެންޓްވީއިރު ކާރު ދުއްވަން އިނީ ވިކްރަމް ކަމަށާއި އޭނާ އެވަގުތު ކާރު ދުއްވަމުން ދިޔައީ ވަރަށް ބާރު ސްޕީޑެއްގައި ކަމުގެ ހެކިތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވިކްރަމް އާއި ސޯނިކާ އަކީ ވެސް ސައުތު އިންޑިއާގެ މުނިފޫހިފިލުމުގެ ދާއިރާގައި ނަން މަޝްހޫރު ދެ ފަންނާނުންނެވެ. އަދި ދެ މީހުން އުޅެނީ ރައްޓެހިވެގެން ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ރޭ ދަންވަރު 3:30 ހާއިރު މި ދެ މީހުން ޕާޓީއަކުން ނިމިގެން ގެއަށް ދިޔަ މަގުމަތީގަ އެވެ.

އެކްސިޑެންޓްގައި ކާރު ޕޭވްމަންޓުގައި ހުރި ތަނެއްގައި ޖެހި ފުނޑުފުނޑުވެ ސޯނިކާ، 27، ވަނީ ވަގުތުން މަރުވެފަ އެވެ. ވިކްރަމަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

މި ދެ ފަންނާނުން ނިސްބަތްވާ ބެންގާލީ ފިލްމް ފްރެޓާނިޓީ ވަނީ ފުލުހުން މި މައްސަލަ ތަހުގީގުކުރާ ގޮތާ މެދު ޚިޔާލު ތަފާތުވެފަ އެވެ. ވިކްރަމް ކާރު ދުއްވީ މަސްތުވެފައި އިނދެގެން ކަމަށް ފުުލުހުން ޝައްކު ކުރާއިރު އޭނާގެ ލޭގެ ސާމްޕަލް ވެސް ނެގީ އެކްސިޑެންޓް ވީތާ ނުވަ ދުވަސް ފަހުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.