ޓީމުތަކުން ދަނޑަށް އަރަނީ ގުރުބާންކުރާނެ މީހަކު ހޯދާފައި: ނަޒީހު
ޓީމުތަކުން ދަނޑަށް އަރަނީ ގުރުބާންކުރާނެ މީހަކު ހޯދާފައި: ނަޒީހު

ބައެއް ޓީމުތަކުން މެޗަށް ނުކުންނައިރު ވެސް އޮންނަނީ ގުރުބާން ކުރާނެ މީހަކު ހޯދާފައި ކަމަށާއި ޕްރެޝަރޭ ކިޔަނީ ވެސް ސަލާމަތްވާން ވެގެން ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

އެސްޓީއޯ މާލޭ ލީގުގައި މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑް ވިކްޓަރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އަނެއްކޮޅުން ގްރީން ސްޓްރީޓްސް އަށް ގަދަ ހަތަރަކަށް ވަނުމަށް މިރޭ މޮޅުވުން ވަރަށް މުހިއްމެވެ.

ގަދަ ހަތަރެއްގެ ފުރުސަތު ނެތުމުން ޔުނައިޓެޑް ވިކްޓަރީ ކުޅެނީ ޕްރެޝަރެއް ނެތި ކަމަށާއި އޭގެ ސަބަބުން އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށް ބައެއް ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު ނަޒީހު ބުނީ ހަގީގަތުގައި ޕްރެޝަރު ބޮޑީ އޭނާގެ ޓީމަށް ކަމަށާއި ޔުނައިޓެޑް ވިކްޓަރީ އަށް ޕްރެޝަރެއް ނެތޭ ކިޔަނީ ސަލާމަތްވާން ވެގެން ކަމަށެވެ.

"ކުރިން ވެސް އަޅުގަނޑު ފާހަގަކުރިން ގަލޮޅު ދަނޑަށް މެޗަކަށް ނުކުންނައިރު އަބަދުވެސް ގުރުބާން ކުރާނެ މީހަކު ހޯދާފައޭ ހުންނާނީ. އެއީ ރެފްރީ. އަޅުގަނޑު ދުވަހަކު ވެސް ނުފެންނާނެ ރެފްރީންނާ ދިމާލަށް ހަޅޭއްލަވާތަނެއް. ހީލާފައި ވާހަކަދައްކަނީ އެ މީހުން އޮފިޝިއޭޓް ކުރާއިރު. ސަބަބަކީ އަޅުގަނޑު ގަބޫލެއް ނުކުރަން ރެފްރީ ގަސްދުގައި ޔުނައިޓެޑް ވިކްޓަރީ ނުވަތަ ގްރީން ސްޓްރީޓްސް ބަލިކުރަން ޕެނަލްޓީއެއް ދީފާނެ ކަމަށް ނުވަތަ ފައުލަށް ފުމޭނެ ކަމަށް. އޭނާ އަށް ނޭގެނީ ނޫނީ އަތުން ދޫވަނީ،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ މެޗުގެ ކުރިން ބައެއް ކޯޗުން ޕްރެޝަރުގެ ވާހަކަ ދައްކަނީ ވެސް ހަމަ އެ އުސޫލުން ކަމަށާއި ބޭނުމަކީ މެޗަށް ފަހު ދައްކާނެ ރަނގަޅު އުޒުރެއް ހޯދުން ކަމަށެވެ.

"ޕްރެޝަރުގައި ފުޓްބޯޅަ ކުޅެލީމައެއް ނޫންތަ އޭގެ އެންމެ މޮޅު ކަމަކީ. އޭރުން އެ ލިބުނީ ދެ މޮޅު. ޕްރެޝަރުގައި ކުޅެގެން ލިބުނު މޮޅާއި އަނެއް ޓީމު ބަލިކޮށްގެން ލިބޭ މޮޅު،" ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.

ނަޒީހު ބުނީ ހަގީގަތުގައި މި ވަގުތު ޕްރެޝަރު ބޮޑީ ޔުނައިޓެޑް ވިކްޓަރީ އަށް ކަމަށާއި އެއީ ކޮލިފިކޭޝާނާ ހަމައަށް ދާއިރު މެޗަކުން މޮޅުނުވެ އޮވެއްޖެ ނަމަ އުނދަގުލާ ކުރިމަތިވުމުގެ ފުރުސަތު އޮތުން ކަމަށެވެ. ނަޒީހު ބުނީ ބާކީ އޮތް ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވާން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

"ހުރިހާ ގޮތަކުން ވެސް ގޯސްކޮށް ޔުނައިޓެޑް ވިކްޓަރީ މިވަގުތު މިއޮތީ. ބަލި، ބަލިވޭވޭ މިހާރު މޮޅުވާން ނޭގިގެން ބަޔަކު އުޅޭ ގޮތަށް މި އުޅެނީ. އަޅުގަނޑެއް ނޫން، އަޅުގަނޑަށް އެނގޭ މޮޅުވާނެ ގޮތް. އެކަން އިރާދަކުރެއްވިއްޔާ ކުރާނަން. ކުރިއަށް އޮތް ތިން މެޗުން މަދުވެގެން ހަ ޕޮއިންޓް ހޯދަން މަސައްކަތްކުރާނީ. މޮޅުނުވެ ރެލިގޭޝަނާ ކުރިމަތިލައިފިއްޔާ އެ މެންޓަލިޓީ ހުންނާނެ. އޭރުން އުނދަގޫވާނެ ރެލިގެޝަނުގައި ވެސް މޮޅުވާން. އެހެންވެ ހަގީގަތުގައި އަޅުގަނޑުމެންނަށް ޕްރެޝަރު ބޮޑީ،" ނަޒީހު ބުންޏެވެ.