09 ޖުލައި 2017 - 06:39

ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމު "ޓިއުބުލައިޓް" އަށް ބޮކްސް އޮފީހުގައި ކުރިމަތިވި ބޮޑު ނާކާމިޔާބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބަޔަކީ ޑިސްޓްރިބިއުޓަރުންނެވެ. މިއަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމުގައި މި ފިލްމު ވާނެކަމަށް ހިތާ ޑިސްޓްރިބިއުޓަރުން ވެސް ފިލްމު ގަނެފައިވަނީ ރެކޯޑް އަދަދަކަށް ފައިސާ ދީފަ އެވެ. ނަމަވެސް ސަލްމާންގެ އެހާ ގިނަ ފޭނުން ތިބުމާއެކު ވެސް "ޓިއުބުލައިޓް" ކާމިޔާބެއް ނުވި އެވެ.
ނަމަވެސް މި ފިލްމުގެ ނާކާމިޔާބީން ސަލްމާނަކަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް ވެ އެވެ. އޭގެ ބަދަލުގައި ގެއްލުންވީ ފަރާތްތަކަށް ބަދަލުދޭން ސަލްމާން ވަނީ ގަސްތުކޮށްފަ އެވެ. އެގޮތުން ޑިސްޓްރިބިއުޓަރުންނާއި ސަލްމާންގެ ބައްދަލުވުމެއްގައި، ބަދަލު ދޭން ސަލްމާން އެއްބަސްވީ ކަމަށް އޭނާއާ ގާތް މީހަކު ބޮލީވުޑްލައިފް އޮންލައިން ނޫހަށް ބުނެފައިވެ އެވެ.
މިއީ ފިލްމު އިންޑަސްޓްރީގައި މިހާތަނަށް އެއްވެސް އެކްޓަރަކު ކަންތައް ކޮށްފައިވާ ގޮތެއް ނޫނެވެ. އެހެން ބަޔަކަށް ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް އެ ގެއްލުން ފޫބައްދައިދޭން މިހާތަނަށް އެއްވެސް އެކްޓަރަކު މަސައްކަތް ކޮށްފައި ނުވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
"ޑިސްޓްރިބިއުޓަރުން ވަނީ ސަލްމާނާއި އޭނާގެ ބައްޕައާ ބައްދަލުކޮށް މިކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައި. މި ބައްދަލުވުމުގައި ސަލްމާނާއި އޭނާގެ ބައްޕަ ވަނީ 50-55 ކްރޯޑު (ގާތްގަނޑަކަށް 5.5 ބިިލިއަން ރުޕީސް) ޑިސްޓްރިބިއުޓަރުންނަށް އަނބުރާ ދޭން އެއްބަސްވެފައި،" އެ މީހާ ބުންޏެވެ.
"ޓިއުބުލައިޓް" އަކީ ބޮކްސް އޮފީހުގައި ފްލޮޕެއް ނޫނެވެ. ނަމަވެސް ފިލްމުގެ ވިޔަފާރީގައި އެކި ގޮތްގޮތުން ބައިވެރިވި ގިނަ ބަޔަކަށް ގެއްލުމާ ކުރިމަތިވި އެވެ. އޭގެ ތެރޭގައި ސިނަމާތަކުގެ ވެރިންނާއި ޑިސްޓްރިބިއުޓަރުން ހިމެނުނެވެ.
މި ފިލްމަކީ ފާއިތުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް ރިލީޒްވި ސަލްމާންގެ އެންމެ ނާކާމިޔާބު ފިލްމެވެ. ފިލްމު ނާކާމިޔާބުވުމުގެ އެއް ސަބަބެއް ކަމަށް ފާޑުކިޔުންތެރިން ބުނަނީ ސަލްމާން ކުޅެފައިވާ ރޯލާ އޭނާ އާ ނުގުޅުމާއި އެއްވެސް އާ ކަމެއް ފިލްމުން ނުފެންނާތީ އެވެ.