08 ޖުލައި 2017 - 10:21

ހީކުރި ވަރަށް ވުރެ ދިވެހި ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ކަމަށާއި ކުރިއަށް އޮތްތަނުގައި ވީހާ ވެސް ގިނަ ކުޅިބެލުންތެރިން ދަނޑަށް ވަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ނިއު ރޭޑިއަންޓުގެ ސްޕެނިޝް ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
ސްޕެއިނުގެ ދެ ވަނަ ޑިވިޝަނާއި އިންޑިއަން ސުޕަ ލީގާއި އިންޑިއަން އައި ލީގުގައި މަސައްކަތްކޮށްފައިވާ އޮސްކާގެ އިރުޝާދުގެ ދަށުން ނިއު ކުޅުނު ފުރަތަމަ މެޗުން އެސްޓީއޯ މާލޭ ލީގުގައި މިދިޔަ ހަފުތާގައި ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން ވަނީ މޮޅުވެފަ އެވެ. މިއަދު ހަވީރު ނުކުންނާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
އޮސްކާ ބުނީ ވިކްޓަރީ އާއި ނިއުގެ މެޗަކީ ދިވެހި ފުޓްބޯޅައިގެ އެންމެ ވާދަވެރި އަދި އެންމެ ބޮޑު މެޗު ކަމަށް އޭނާ އަށް އެނގިފައިވާ ކަމަށާއި އޭގެ ސަބަބުން މެޗުގެ ފޯރިގަދަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ގްރީން ސްޓްރީޓްސް އަތުން 2-1 އިން ވިކްޓަރީ މިދިޔަ ހަފުތާގައި މޮޅުވި މެޗަށް ބަލާއިރު ވިކްޓަރީ މެޗު ޔުނައިޓެޑް ވިކްޓަރީ މެޗަށް ވުރެ މާބޮޑަށް ވެސް އުނދަގޫވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ވިކްޓަރީ އަކީ މާބޮޑަށް ވެސް ވަރުގަދަ ޓީމެއް. ގްރީން ސްޓްރީޓްސް މެޗުގެ ފަހު ވަގުތު އެ ޓީމު މޮޅުވިޔަސް އެއީ އެ ޓީމަށް ހައްގު މޮޅެއް. އަނެއްކާ މިއީ ރާއްޖޭގެ އެންމެ ބޮޑު ޑާބީ މެޗު ކަމަށް އެނގިފައިވަނީ. ދެ ޓީމުން ދިވެހި ފުޓްބޯޅައިގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު މިއީ ބޮޑު މެޗަކަށް ވާނެ. އެހެންކަމުން މިއީ ފަސޭހަ މެޗެއް ނޫން،" އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ އޭނާ ބޭނުންވަނީ ނިއު އިން ގިނަ ވަގުތު ބޯޅަ ގެންއުޅެ މެޗުގެ ކޮންޓްރޯލް ނަގަން ކަމަށާއި އެކަމަކު އިދިކޮޅު ޓީމުގެ ކުޅުމަށް ބަލާފައި ދެ ވަނަ އޮޕްޝަނަކަށް ވެސް ތައްޔާރުވެގެން ތިބެން ޖެހޭ ކަމަށެވެ.
"އަހަންނަށް ހިޔެއް ނުވޭ ވިކްޓަރީން އަހަރެމެން ހަދާނެ އެއްޗަކަށް ބަލަން ތިބޭނެހެން. ވިކްޓަރީން ފެންނަނީ ވަރަށް ބޮޑަށް ޕްރެސްކޮށްގެން ކުޅޭތަން. އަހަރެން ބޭނުންވަނީ މެޗުގެ ކޮންޓްރޯލް ނަގަން. އެކަމަކު ބެލެންސެއް ވެސް އަންނަން ޖެހޭ. މާނައަކީ ވިކްޓްރީގެ ކުޅުމަށް ބަލާފައި އަހަރެމެން ގެންނަން ޖެހޭ ބަދަލެއް މެޗުގެ ތެރޭގައި ގެންނަން ތައްޔާރުވުން. އެގޮތުން ވިކްޓަރީގެ ޑިފެންސް ލައިނުން ހުސްވާ ޖާގަތަކުގެ ބޭނުން ހިފަން ވެސް ވިސްނަން ޖެހޭ. އެކަމަކު އަހަރެން ވަރަށް ސީދަލަށް މި ބުނަނީ އަހަރެމެން ވެސް ނުކުންނާނީ ކޮންޓްރޯލް ނަގައި ސީދާ މޮޅަކަށް،" އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ އޭނާ ހަވާލުވެގެން މިދިޔަ 10 ވަރަކަށް ދުވަހު ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިންގެ ފަރާތުން ވެސް ޕޮޒިޓިވް ކޮމެންޓްތައް ލިބިފައިވާ ކަމަށެވެ.
އޭނާ ބުނީ މާލޭ ލީގުގެ ވާދަވެރިކަން ވަރަށް ބޮޑު ކަމަށާއި މިއީ އޭނާ ކުރިން އެއްގޮތަކަށް ވެސް ހީކުރި ކަމެއް ނޫން ކަމަށެވެ.
"އަހަރެން އުއްމީދުކުރަން ކުރިއަށް އޮތްތަނުގައި ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ވަންނާނެ ކަމަށް. ސަބަބަކީ މިއީ ވަރަށް ވާދަވެރި މުބާރާތަކަށް ވުން. އަހަރެން މިހިރީ ވަރަށް ހައިރާންވެފައި ދިވެހި ފުޓްބޯޅައިގެ ފެންވަރު ފެނިފައި. ތެދަށް ބުންނަންޏާ ބުނެވޭނީ އަހަރެން ހީކޮށްގެން ހުރީ މި ލެވެލްގެ ފުޓްބޯޅައެއް ފެންނާނެ ކަމަށް ނޫން. ލީގުގެ ގަދަ ހަ ޓީމު ވަރަށް ވާދަވެރި. ވަރަށް ހަނި ތަފާތުތަކެއް ކޮންމެ މެޗެއްގައި ވެސް ފެންނަނީ. ޖުމްލަކޮށް ހުރިހާ ޓީމެއް ވެސް ވަރަށް ހަމަހަމަ އަދި ވާދަވެރި،" އޮސްކާ ބުންޏެވެ.