23 ޖޫން 2016 - 15:17

ބިޑްނުކޮށް ވެސް ޓޫރިޒަމްގެ މަސައްކަތްތަކަަށް ރަށްރަށް ދޫކުރެވޭ އިސްލާހު ފާސްވުމުން ރިސޯޓް ހަދަން ރަށްތައް ހޯދަން މިނިސްޓަރުގެ ކޮޓަރީގައި ޓަކި ޖަހަން ނުޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހާ ފާސްވެއްޖެ ނަމަ ރިސޯޓްގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ރައީސް އޮފީހުން ކަނޑައަޅާ ދަފުތަރެއްގައި ޝާއިއުކުރަން ޖެހެ އެވެ. އަދި ސަރުކާރުން ކަނޑައަޅާ އިކުއިޒިޝަން ފީއެއް ދެއްކުމުން ރަށް ހަވާލުކުރެވޭ ގޮތަށް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
އެ އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ އެ ބަދަލު ގެނައުމުގެ ވިސްނުން އައީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާ ގުޅޭ ގޮތުން އޮޑިޓަ ޖެނެރަލް ނެރުނު ރިޕޯޓާއި ފުލުހުން ކުރި ތަހުގީގަށް ފަހު ކުރި މަޝްވަރާތަކުގައި ކަމަށެވެ.
"މި އިސްލާހަށް ފަހު ރަށްތައް ހޯދަން މިނިސްޓަރުގެ ކޮޓަރީގައި ޓަކި ޖަހާކަށް ނުޖެހޭނެ. މީރާއަށް ފައިސާ ދެއްކުމަށް ފަހު މިނިސްޓަރާ ހަމަޔަށް އަންނަން ޖެހޭނީ ހެޑްލީސް އެގްރިމަންޓްގައި ސޮއިކުރަން އެކަނި،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވިއިރު ރަށްތައް ދޫކުރާނެ ވަކި އުސޫލެއް ނެތް ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާނީ ވަރަށް ޓްރާންސްޕޭރަންޓް އުސޫލެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ އަހަރަކު ވެސް މި އިއުލާންކުރަނީ ބޮޑު އެއް ބިޑް. އެއީ ރައީސް އޮފީހުން އިއުލާންކުރާ ދަފުތަރު. އޭގައި އޮންނާނެ ރަށްތަކުގެ ނަމާއި އެ ރަށަކަށް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅަން ޖެހޭ އަދަދު. އެ ފައިސާ ދައްކަން ޖެހޭނީ މީރާއަށް،" ޒަމީރު ވިދާޅުވި އެވެ.
"އެ ރަށްތަކުގެ އެގްރިމަންޓްގައި ސޮއިކުރުމަށް ފަހު އެ މައުލޫމާތުތައް އަޅުގަނޑުމެން އޭސީސީ އަށާއި އޮޑިޓާ ޖެނެރަލްއަށް ވެސް ފޮނުވާނަން. އޭރުން ބަޔަކު މައްސަލައެއް ޖެއްސުމުގެ ކުރިން އެތަންތަނަށް އެކަން ބެލުމުގެ ފުރުސަތު ކުރިން ލިބޭނެ."
ޒަމީރު ވިދާޅުވީ ބިޑްކޮށްގެން ރިސޯޓް ހަދަން ދޫކުރާ އުސޫލް އެހާ ކާމިޔާބު ނޫން ކަމަށެވެ. އެގޮތުން ދާދި ފަހުން ލ. އަތޮޅުން ހުޅުވާލި ރަށްތަކަށް ކުރިމަތިލާނެ ބަޔަކު ނުވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ބިޑްކުރުމުގެ އޮޕްޝަނަށް ބަލާއިރު އޭގެ ނަތީޖާ އެހާ ރަނގަޅެއް ނޫން. ބިޑް ކާމިޔާބުކުރަން ބޮޑެތި ކުލިތައް ޖަހައިގެން ކާމިޔާބުކުރި ގިނަ ރަށްތައް ހުރީ ނުހެދި،" ޒަމީރު ވިދާޅުވީ އެވެ.
އޭނާ ވިދާޅުވީ ރިސޯޓްގެ ގޮތުގައި ތަރައްގީކުރަން މިހާތަނަށް ހަވާލުކުރި 88 ރަށުގެ ތެރެއިން 30 ރަށް ނުނިމި އެބަ އޮތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް ދޫކުރި ރަށްތަކުން ސަރުކާރަށް އިކުއިޒިޝަންގެ ގޮތުގައި 42 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޒަމީރު ވިދާޅުވީ ގާނޫނަށް އިސްލާހު ގެންނަން ނިންމީ މިހާރު ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓްރީ ބަޖެޓްގައި އާމްދަނީ އިތުރުކުރާނެ ކަންތައްތަކާ ބެހޭ ގޮތުން ކުރި މަޝްވަރާތަކަށް ފަހު ކަމަށެވެ.
"ސަރުކާރުން މިހާރު ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމާފައި. އެ ބަޖެޓަކީ ބެލެންސް އަދި ޑެފިސިޓް ކުޑަ ބަޖެޓަކަށް ހަދަން ބޭނުންވޭ،" ޒަމީރު ވިދާޅުވި އެވެ.