08 ޖުލައި 2017 - 10:47

ލަންޑަން (ޖުލައި 8) - ފާއިތުވި ތިން އަހަރަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުންތެރިންނާ އެންމެ ގާތް ގުޅުމެއް އޮތީ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ސަންޑަލެންޑުގެ އުމުރުން ހަ އަހަރުގެ ކުޑަކުޑަ ސަޕޯޓަރު ބްރެޑްލީ ލޯވްރީ އެވެ. އެންމެ 18 މަސް ދުވަހުގައި ތަފާތު ވައްތަރެއްގެ ކެންސަރުގެ ޝިކާރަ އަކަށްވެ، އިއްޔެ ބްރެޑްލީ ވަނީ މަރުވެފަ އެވެ.

ބްރެޑްލީ މަރުވީ ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރުގެ ވައްތަރެއް ކަމަށްވާ ނިއުރޯބްލަސްޓޯމާ އަށް ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ފަރުވާ ހޯދުމަށް ފަހު އެވެ.

އިނގިރޭސި ޓީމުތަކުން އިއްޔެ ކުޅުނު ނުރަސްމީ މެޗުތަކުގެ ކުރިން ބްރެޑްލީގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ.
ފާއިތުވި ދެ އަހަރު އޭނާ ވެފައިވަނީ އިނގިރޭސި ގިނަ ކްލަބްތަކެއްގެ ސުޕަ ހީރޯ އަށެވެ. އެގޮތުން ސަންޑަލެންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅޭ ގިނަ މެޗުތަކުގެ ކުރިން އިދިކޮޅަށް ކުޅޭ ޓީމުތަކުގެ މަޝްހޫރު ތަރިން ވަނީ ބްރެޑްލީއާ އެކު ފޮޓޯ ނަގައިފަ އެވެ. އަދި ގިނަ ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައި ވެސް ބްރެޑްލީ އަށް އޮތް ސަޕޯޓް ހިއްސާކޮށްފަ އެވެ.
ބްރެޑްލީގެ އައިޑަލް އަކީ ސަންޑަލެންޑަށް މިދިޔަ ދެ އަހަރު ކުޅުނު އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް ޖަމެއިން ޑެފޯ އެވެ. ފާއިތުވި ސީޒަނުގައި ސަންޑަލެންޑް ކުޅުނު ގިނަ މެޗުތަކުގައި ޑެފޯގެ މެސްކޮޓަކީ ބްރެޑްލީ އެވެ. އޭގެ ފަހުން ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން ވަނީ ބްރެޑްލީ އަށް އެ ޓީމު ދަނޑުގައި ކުޅޭ މެޗުތަކުގައި މެސްކޮޓަކަށް ވުމަށް ވެސް ދައުވަތު ފޮނުވައިފަ އެވެ. މީގެ އިތުރުން ޑެފޯ ވަނީ ތިން އަހަރަށް ފަހު ފުރަަތަމަ ފަހަރަށް އިނގިރޭސި ގައުމީ ޓީމަށް އޭނާ ކުޅުނު މެޗުގައި ވެސް އޭނާގެ މެސްކޮޓްގެ ގޮތުގައި ބްރެޑްލީ ގެންގޮސްފަ އެވެ.
ސަންޑަލެންޑުގެ އެންމެ ޒުވާން އެމްބެސަޑަރުގެ ގޮތުގައި ބްރެޑްލީ ހަމަޖެއްސުމަށް މިދިޔަ ސީޒަނުގައި އެ ކްލަބުން ނިންމި އެވެ. އަދި ޗެލްސީއާ ދެކޮޅަށް ސަންޑަލެންޑް ކުޅުނު މެޗުގެ ކުރިން ސަންޑަލެންޑަށް ލަނޑެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިއާގެ ޝަރަފް ބްރެޑްލީ އަށް ދިނުމަށް އޭނާ ލައްވައި އެ ކްލަބުން ވަނީ ޗެލްސީގެ ކީޕަރު އަސްމިރް ބެގޮވިޗް ކައިރިން ހާއްސަ ޕެނަލްޓީ އެއް ވެސް ޖަހައިފަ އެވެ.
ބްރެޑްލީ އަށް އެހީތެރިވުމުގެ ގޮތުން ފާއިތުވި އަހަރު އެކަނި ވެސް ފުޓްބޯޅަ ސަޕޯޓަރުން ވަނީ 700،000 ޕައުންޑަށް ވުރެން ގިނައިން ހަދިޔާ ކޮށްފަ އެވެ.
އިނގިރޭސި ގިނަ ކްލަބްތަކުން އިއްޔެ ވަނީ ބްރެޑްލީގެ ހަނދާނުގައި ސޯޝަލް މީޑިއާގައި އެ ކްލަބްތަކުގެ ޝުއޫރު ފާޅުކޮށްފަ އެވެ. އަދި އޭނާ އަށް ޓަކައި ހިންގުނު ކެމްޕެއިންތަކުގެ ތެރެއިން ފުޓްބޯޅަ އަށް ވެސް އެއްބައިވަންތަކަން ލިބިފައިވާ ކަމަށް ކްލަބްތަކުން ބުނެ އެވެ. އަދި މީގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ވެސް ވަނީ ބްރެޑްލީ ދެއްކި ހިތްވަރަށް ތައުރީފް ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެއިނާއި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ހިމެނެ އެވެ.