ސާއިދު: އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިއާ
ސާއިދު: އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިއާ

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި މިރޭ ވާދަކޮށް ހަތަރު ވަނަ އަށް ރޭސް ނިންމައި، މަތީ ފަންތީގެ ކުޅިވަރަކުން ދިވެއްސަކު ހޯދި އެންމެ ބޮޑު ކާމިޔާބީ ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިފި އެވެ.

އިންޑިއާގެ އޮޑިޝާގައި ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު އެތުލެޓިކްސް މުބާރާތުގެ އެންމެ މުހިއްމު އިވެންޓުގައި، ކ. ގާފަރަށް އުފަން ސާއިދު ހޯދި މި ފަހުރުވެރި ކާމިޔާބާއާ އެކު އޭނާ އަކީ މި ވަގުތު މި ބިޔަ އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިއާ އެވެ.

މީގެ ދެ އަހަރު ކުރިން ބޭއްވި މުބާރާތުގެ ސެމީ ފައިނަލުގައި ދުވެ، 12 ވަނައިގައި ރޭންކްކުރެވުނު ސާއިދު މި ފަހަރު އަށް ދަރަޖަ ކުރިއަށް ޖެހުނީ މިރޭ ފައިނަލުގައި 10:37 ސިކުންތުން ދުވެގެންނެވެ. އޭނާ އަށް އޭޝިއާގެ ތިން ވަނަ ނުވަތަ ލޯ މެޑަލް ނުލިބުނީ ހަމަ ކިރިޔާ އެވެ. ތިން ވަނަ އަށް ރޭސް ނިންމި ޗައިނީސް ޓައިޕޭގެ ޔަންގް-ޗުން-ހަން 10:31 ސިކުންތުން ދުވިއިރު މިއީ ސާއިދުގެ ގައުމީ ރެކޯޑް ޓައިމިން ކަމަށްވާ 10:33 ސިކުންތާ 0.02 ސިކުންތުގެ ފަރަގެކެވެ.

މި ރޭހުގެ އެއް ވަނަ ހޯދައި އޭޝިއާގެ އެންމެ ބާރު ދުވުންތެރިއާގެ ޝަރަފް ހޯދީ 10:25 ސިކުންތުން ދުވި އީރާނުގެ ހަސަން ތަފްތިއާން އެވެ. ރިހި މެޑަލް ހޯދީ ގަތަރުގެ ފެމީ ސުއެން އެވެ. އޭނާ ރޭސް ނިންމީ 10:26 ސިކުންތުންނެވެ. ސާއިދާއި އެއް ވަނަ ދުވުންތެރިއާ ތަފްތިއާންގެ ފަރަގަކީ 0.12 ސިކުންތެވެ.

ސާއިދު ފިޔަވައި ދެކުނު އޭޝިއާގެ އެހެން އެތުލީޓަކަށް ފައިނަލުން ފުރުސަތެއް ނުލިބެ އެވެ. އެހެންކަމުން އޭނާ ވެފައިވަނީ އޭޝިއާގެ އެތުލެޓިކްސް އެންމެ ޝަރަފްވެރި މުބާރާތުގެ އެންމެ ހާއްސަ އިވެންޓުގެ ފައިނަލުގައި ދެކުނު އޭޝިއާ ތަމްސީލްކުރި ދުވުންތެރިޔާ އަށް ވެސް މެ އެވެ.

އިވެންޓުގެ ހަތަރު ވަނަ ހޯދުން އެއްކިބައިގައި އޮއްވާ ސާއިދު ފައިނަލުގައި ވާދަކުރުމަކީ ވެސް ނިސްބަތުން ވަރަށް ބޮޑު ކާމިޔާބެކެވެ.

އެއްވެސް ކުޅިވަރެއްގައި އޭޝިއާގެ އެންމެ މަތީ ފެންވަރުގައި ވާދަކޮށް ފައިނަލުން ދިވެއްސަކު ނުވަތަ ދިވެހި ޓީމެއް ޖާގަ ހޯދަފާނެ ކަމަށް މީގެ ފަސް އަހަރު ކުރިއާ ހަމަޔަށް ވެސް ދިވެއްސަކު ގަބޫލުނުކުރާނެ އެވެ.

މިއީ މީގެ ދެ އަހަރު ކުރިން ސާއިދު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ހޯދި ރަން މެޑަލަށް ވުރެ ވެސް ނިސްބަތުން ބޮޑު ކާމިޔާބެކެވެ.

ދުނިޔޭގެ ހަތް ބިލިއަން މީހުންގެ ތެރެއިން 4.4 ބިލިއަން މީހުން ނިސްބަތްވާ މި ބިޔަ އޭޝިއާގެ ހަތަރު ވަނަ ސާއިދު ހޯދުމަކީ ޔަގީނުން ވެސް ރާއްޖޭގެ ކުޅިވަރުގެ ތާރީހުގެ ރަން އަކުރުން ލިޔެވޭނެ ކާމިޔާބެކެވެ.

އެތުލެޓިކްސްގެ އިތުރުން ޖުމްލަކޮށް ހުރިހާ ކުޅިވަރަކަށް ބެލިޔަސް 100 މީޓަރު ދުވުމަކީ ވަރަށް މުހިއްމު އަދި އިސްކަމެއްދޭ އިވެންޓެކެވެ. މި އިވެންޓަކީ އެންމެ ބާރު ދުވުންތެރިޔާ ކަނޑައަޅާ އިވެންޓަށްވުމާ އެކު މިއީ އެރުލެޓިކްސްގައި އެންމެ ބޮޑު ސަމާލުކަން ވެސް ލިބޭ އިވެންޓެކެވެ.

ސާއިދު ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގައި މިއަދު ހަވީރު ދުވެ ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ. ފައިނަލުން ފުރުސަތު ލިބުނީ ތިން ހީޓުގެ ތެރެއިން ކޮންމެ ހީޓެއްގެ އެންމެ ބާރު ދެ ދުވުންތެރިންނާއި ތިން ހީޓުގެ ތިން ވަނަ ހޯދި ދުވުންތެރިންގެ ތެރެއިން އެންމެ ބާރު ދެ ދުވުންތެރިންނަށެވެ.

މިދިޔަ އަހަރުގެ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގެ އެއް ވަނަ ހޯދައި އޮލިމްޕިކްސްގެ ހީޓެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދުމަށް ފަހު ސާއިދު ބުނީ ދެން އޮތް އަމާޒަކީ މި އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިއުން ކަމަށެވެ.

މުބާރާތުގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އަފާ އިސްމާއިލް ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. މިއީ ދިވެހި އަންހެން އެތުލީޓަކު އޭޝިއާގެ ސެމީ ފައިނަލެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

އެތުލެޓިކްސް އިން ރާއްޖެ އަށް ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީ ކަމަށްވާ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނުނު ސާއިދު އެ މުބާރާތަށް ފަހު ފަސް އެނބުރި ބަލާފައެއް ނުވެ އެވެ.

އޮލިމްޕިކް ކޮމިޓީން ދިން ސްކޮލަޝިޕެއްގައި 2012 ވަނަ އަހަރު ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި ތަމްރީން ހަދަން ފަށައި ސާއިދު ވަނީ ކުޅިވަރުގައި ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑެތި ކާމިޔާބީތައް ހޯދައިދީފަ އެވެ.

ރިޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ކާމިޔާބުކޮށް ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއަކުން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދައިދިން އިރު އެ މުބާރާތުގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދި އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައި ދެކުނު އޭޝިއާގައި އެތުލެޓިކްސް އިން މިހާތަނަށް ދެވިފައިނުވާ ހިސާބަކަށް ސާއިދު ވަނީ ރާއްޖެ ގެންގޮސްދީފަ އެވެ.