ސާއިދު އޭޝިއާގެ ފައިނަލަށް! ސާބަސް!
ސާއިދު އޭޝިއާގެ ފައިނަލަށް! ސާބަސް!

އިންޑިއާގެ އޮޑިޝާގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފައިނަލަށް ގޮސްގެން ރާއްޖެ އަށް ކުޅިވަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ޝަރަފް ހަސަން ސާއިދު މިއަދު ހޯދައިދީފި އެވެ.

މިއީ މީގެ ދެ އަހަރު ކުރިން ސާއިދު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ހޯދި ރަން މެޑަލަށް ވުރެ ވެސް ނިސްބަތުން ބޮޑު ކާމިޔާބެކެވެ.

ދުނިޔޭގެ ހަތް ބިލިއަން މީހުންގެ ތެރެއިން 4.4 ބިލިއަން މީހުން ނިސްބަތްވާ މި ބިޔަ އޭޝިއާގެ އެންމެ ބާރު އަށް ދުވުންތެރިންގެ ތެރެއިން ސާއިދު ޖާގަ ހޯދިއިރު މިއީ ދިވެއްސަކަށް ކުޅިވަރުގައި ހާއްސަކޮށް އިންޑިވިޖުލް ކުޅިވަރެއްގައި ދެވިދާނެ ކަމަށް މީގެ ކުރިން ދިވެހިން ގަބޫލުކުރި ހިސާބެއް ނޫނެވެ.

އެތުލެޓިކްސްގެ އިތުރުން ޖުމްލަކޮށް ހުރިހާ ކުޅިވަރަކަށް ބެލިޔަސް 100 މީޓަރު ދުވުމަކީ ވަރަށް މުހިއްމު އަދި އިސްކަމެއްދޭ އިވެންޓެކެވެ. މި އިވެންޓަކީ އެންމެ ބާރު ދުވުންތެރިޔާ ކަނޑައަޅާ އިވެންޓަށްވުމާ އެކު މިއީ އެރުލެޓިކްސްގައި އެންމެ ބޮޑު ސަމާލުކަން ވެސް ލިބޭ އިވެންޓެކެވެ.

މިފަދަ އިވެންޓަކުން އޭޝިއާގެ މައި މުބާރާތުގެ ފައިނަލުން ސާއިދު ފުރުސަތު ހޯދުމަކީ ރާއްޖޭގެ ކުޅިވަރުގައި ތާރީހުގައި މިހާތަނަށް ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ސާއިދު ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގައި މިއަދު ދުވެ ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ. ފައިނަލުން ފުރުސަތު ލިބުނީ ތިން ހީޓުގެ ތެރެއިން ކޮންމެ ހީޓެއްގެ އެންމެ ބާރު ދެ ދުވުންތެރިންނާއި ތިން ހީޓުގެ ތިން ވަނަ ހޯދި ދުވުންތެރިންގެ ތެރެއިން އެންމެ ބާރު ދެ ދުވުންތެރިންނަށެވެ.

ސާއިދު ހީޓުގެ ތިން ވަނަ ހޯދީ 10:40 ސިކުންތުން ދުވެގެންނެވެ. އެއް ވަނަ ހޯދީ 10:27 ސިކުންތުން ދުވި ގަތަރުގެ ފެމީ އެވެ. ދެ ވަނަ އަކީ ޗައިނާގެ ހައިޔަން އެވެ. އޭނާގެ ޓައިމިން އަކީ 10:40 ސިކުންތެވެ.

މީގެ ދެ އަހަރު ކުރިން ބޭއްވި މުބާރާތުގެ ރޭންކިން އަށް ފަހު އޭޝިއާގެ 12 ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި ހުރި ސާއިދަށް މިހާރު ވަނީ އޭޝިއާގެ އަށް ވަނަ މަގާމް ދަށްވެގެން ލިބޭނެކަން ކަށަވަރުވެފަ އެވެ.

މިދިޔަ އަހަރުގެ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގެ އެއް ވަނަ ހޯދައި އޮލިމްޕިކްސްގެ ހީޓެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދުމަށް ފަހު ސާއިދު ބުނީ ދެން އޮތް އަމާޒަކީ މި އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިއުން ކަމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ މިއީ ކުރިން ހިތަށް ވެސް އަރާފައި ނެތް ވަރުގެ ކާމިޔާބީއެއް ކަމަށެވެ.

"މިއަދަކީ އެތުލެޓިކްސްގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ދުވަސް. އޭޝިއާގެ އިވެންޓެއްގެ ފައިނަލަށް ދިއުން މިއީ މިހާތަނަށް ހިތަށްއަރުވާފައި ވެސް ނެތް ކަމެއް،" އުފަލުން ރޮވިފައި ހުރި ތޮލާލް ވިދާޅުވި އެވެ.

"އެކަމަކު ދެ އަހަރު ކުރިން ފެށިގެން މި އަމާޒަށް ވާސިލްވާން މަސައްކަތްކުރަމުން އައީ. އަންހެނުންގެ 100 މީޓަރު ދުވުމުން އަފާ އިސްމާއިލް ސެމީ ފައިނަލް ދުވުމަކީ ވެސް ވަރަށް ތާރީހީ ކާމިޔާބެއް. މިއީ މީގެ ކުރިން އަންހެން ދުވުންތެރިއަކަށް ދެވިފައިވާ ހިސާބެއް ނޫން."

އޭނާ ވިދާޅުވީ މިވަގުތުގެ އުފާވެރިކަން ހާމަކޮށްދޭނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި މިއީ ގަބޫލުކުރަން ވެސް ދަތި ކާމިޔާބީއެއް ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ ޓާގެޓަކީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން. އިރާދަކުރެއްވިއްޔާ އެކަން ވެސް ހާސިލްވާނެ،" ތޮލާލް ވިދާޅުވި އެވެ.

އެތުލެޓިކްސް އިން ރާއްޖެ އަށް ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީ ކަމަށްވާ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނުނު ސާއިދު އެ މުބާރާތަށް ފަހު ފަސް އެނބުރި ބަލާފައެއް ނުވެ އެވެ.

އޮލިމްޕިކް ކޮމިޓީން ދިން ސްކޮލަޝިޕެއްގައި 2012 ވަނަ އަހަރު ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި ތަމްރީން ހަދަން ފަށައި ސާއިދު ވަނީ ކުޅިވަރުގައި ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑެތި ކާމިޔާބީތައް ހޯދައިދީފަ އެވެ.

ރިޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ކާމިޔާބުކޮށް ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއަކުން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދައިދިން އިރު އެ މުބާރާތުގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދި އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައި ދެކުނު އޭޝިއާގައި އެތުލެޓިކްސް އިން މިހާތަނަށް ދެވިފައިނުވާ ހިސާބަކަށް ސާއިދު ވަނީ ރާއްޖެ ގެންގޮސްދީފަ އެވެ.