ނޮކިއާ 3310 އެއް 2،500 ޑޮލަރަށް
ނޮކިއާ 3310 އެއް 2،500 ޑޮލަރަށް

ނޮކިއާ 3310 އަކީ ވަރަށް އަގު ހެޔޮ ފޯނެކޭ ބުނީ ކާކު ހެއްޔެވެ؟ އެއީ 50 ޑޮލަރަށް ވުރެ ހެޔޮކޮށް ލިބޭ ފޯނެއް ކަމަށް ބުނި ނަމަ އެ ވާނީ އެ ފޯނުގެ އަސްލު އަގު ނޭނގޭ މީހަކަށެވެ. ނޮކިއާ 3310ގެ އަސްލު އަގަކީ 2،500 ޑޮލަރެވެ.

ނޮކިއާ 3310 އެއް 2،500 ޑޮލަރަށް
ނޮކިއާ 3310 އެއް 2،500 ޑޮލަރަށް

މި ކޮށްލީ ސަމާސާއެކެވެ. ނޮކިއާ 3310 އަކީ އަސްލުގައި ވެސް އަގު ހެޔޮ ފޯނެކެވެ. ޒަމާނީ ބަހުރުވައިން ބުނާ ނަމަ އެއީ "ބައްތި ސްޓައިލް" ފޯނެކެވެ. ބައްތި ސްޓައިލް ފޯނުތަކުގައި މާ ބޮޑު އަގެއް ނުހުރެ އެވެ. ވެގެން އުޅޭ ގޮތަކީ މި އެވެ. ޖަރުމަނުގައި މިހާރު ހިނގަމުންދާ "ޖީ20 ސަމިޓް"އާ ދިމާކޮށް، ނޮކިއާ 3310 އަށް ރަޝިޔާ ކުންފުންޏަކުން ބޮޑު ބަދަލެއް ގެނައީ އެވެ. އެ ކުންފުންޏަށް ކިޔާ ނަމަކީ ކޭވިޔާ އެވެ.

ކާވިޔާ އިން ނޮކިއާ 3310 އަށް ގެނައި ބަދަލު ފޮޓޯއިން އެ ފެންނަނީ އެވެ. ފޯނު ވަށައިގެން ޓައިޓޭނިއަމް ކަވަރެއް އަޅުވައި ވަނީ މުއްސަނދި ސިފަޖައްސާފަ އެވެ. މޫނުމަތި ރަނުން ފަވައި ފޯނުގެ ފަހަތުގައި ރަން ސިއްކައެއް ތައްގަނޑުކޮށް ވަނީ ކަނޑައި ނަގާފަ އެވެ. އެއީ "ޕޫޓިން-ޓްރަމްޕް ސަމިޓް" ނޮކިއާ 3310 އެވެ.
ރަން ސިއްކައިން ފެންނަނީ ދެ މޫނެވެ. އެއީ އެމެރިކާގެ ރައީސް، ޑޮނަލް ޓްރަމް އަދި ރަޝިއާގެ ރައީސް، ލަޑީމިއާ ޕޫޓިން އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓްގައި ދެ ރައީސުން ބައްދަލުކުރައްވައިފި އެވެ. އެއީ އެމެރިކާގެ ރައިސްކަމާ ޓްރަމްޕް ހަވާލުވެވަޑައިގެންނެވި ފަހުން، ޕޫޓިންއާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ނޮކިއާ 3310 ގައި، ކޭވިޔާ އިން އަގު ބޮޑު ކުލަވަރު ޖައްސައި، 2،500 ޑޮލަރަށް އަގު އުފުލާފައި ވަނީ މި މުނާސަބަތަށްޓަކަ އެވެ. ޖީ20 ސަމިޓަށް ޚާއްސަ އައިފޯން 7 އަދި އައިފޯން 7 ޕްލަސް ވެސް ވަނީ އުފައްދާފަ އެވެ.

ކޭވިޔާ އަކީ އަބަދު ވެސް ފޯނުތަކުގައި ކުލަވަރު ޖައްސާ ކުންފުންޏެކެވެ. މީގެ ކުރިން ވެސް އައިފޯން 7 އަށް ބަަދަލުތައް ގެނެސް އެތައް ފަހަރަކު ވަނީ ސިފަ ބަދަލުކޮށްފަ އެވެ. އެ ގޮތަށް ގެންނަ އަގު ބޮޑު ބަދަލުތަކާ އެކު ފޯނުގެ އަގު، އަސްލު އަގަށް ވުރެ އެތައް ގުނައަކަށް ބޮޑުވެގެން ދެ އެވެ. ކޭވިޔާ އިން ވަނީ ފިޖެޓް ސްޕިނާއެއް ވެސް ރަނުން ޖަރީކޮށްފަ އެވެ.