07 ޖުލައި 2017 - 14:57

ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ ވެސް ރައީސް އަބްދުﷲ ޔާމީނާއެކުގައި ކަމަށާއި އަދި އެ މައިދާނުން ދުރަށް ވަޑައިގަންނަވާނީ ވެސް އެ މަނިކުފާނާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ފަހު ނޭވާއާ ހަމައަށް ވެސް ހުންނަވާނީ ރައީސް ޔާމީނާއެކުގަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނަވާ ކޮޅަކަށް ދުވަހަކު ވެސް އަރައިވަޑައި ނުގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކުރެއްވި މައްސަލަ ހޫނުވެފައިވާއިރު، އޭގެ ތެރެއިން ބައެއް މެމްބަރުންނާ "ނުގުޅިގެން"، އެ ޕާޓީގެ އިސް ބޭފުޅުންތަކެއް އިއްޔެ ރޭ ސްރީ ލަންކާ އަށް ވަޑައިގެންފައިވާއިރު އޭގެ ތެރޭގައި އަބްދުއްރަހީމް ހިމެނިވަޑައިގަންނަވަ އެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ ހޯމަދުވަހު މަޖިލީހަށް ވެއްދިއިރު، އެ މައްސަލައިގެ ލިޔުމުގައި ސޮއިކުރެއްވި ޕީޕީއެމްގެ ބައެއް މެމްބަރުން ތިއްބެވީ ލަންކާގަ އެވެ. އަދި އެހެން ބައެއް މެމްބަރުން އުޅުއްވަނީ ތައިލެންޑުގައި ކަމަށްވެ އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ޚިޔާލުތަފާތުވުން ބޮޑުވެ މެމްބަރުންތަކެއް ޕާޓީ ދޫކުރައްވާ ހިސާބަށް ދިޔައީ، އެ މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ދާއިރާތަކުގެ ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވި ކަންކަމަށް ސަރުކާރު ތެރެއިން އަޅާނުލައި ފަރުވާކުޑަކުރުމުންނެވެ. އެެ މައްސަލަތައް ހައްލުކުރަން މިހާރު ވަނީ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ދެ ކޮމެޓީއެއް ވެސް އުފައްދައިފަ އެވެ.