ޓްރާންސްފާ މައްސަލައިގައި ކޮންޓޭ ރުޅިގަދަވެއްޖެ
ޓްރާންސްފާ މައްސަލައިގައި ކޮންޓޭ ރުޅިގަދަވެއްޖެ

ލަންޑަން (ޖުލައި 7) - ބޭނުންވާ ކުޅުންތެރިން ގެންނަން ޗެލްސީގެ ބޯޑުން ދޭން ޖެހޭ ވަރަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ޗެލްސީން އަންނަނީ ގިނަ ކުޅުންތެރިންތަކަކަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ، ރޯމާގެ އެންޓޯނިއޯ ރުޑީގާ، މޮނާކޯގެ ޓިއެމް ބަކަޔޯކޯ އަދި އެވަޓަންގެ ރޮމެލޫ ލުކާކޫ ހިމެނެ އެވެ.

މީގެ ތެެރެއިން ރުޑީގާ އާއި ބަކަޔޯކޯ ޗެލްސީ އަށް އަންނަން ނިންމާފައިވީ ނަމަވެސް އަދި ވެސް ރަސްމީކޮށް ޗެލްސީން މި ކުޅުންތެރިން ގެންނަން އެއްބަސްވުމަކަށް އައިސްފައިނުވެ އެވެ. އަދި ލުކާކޫ އާއި އަލެކްސް ސަންޑްރޯ ހޯދުމުގެ ރޭހުގައި ޗެލްސީ ކުރީގައި އޮއްވައި މިހާރު މި ދެ ކުޅުންތެރިން ލިބުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ.

ލުކާކޫ ގަންނަން މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އަލެކްސް ސަންޑްރޯގެ އެއްބަސްވުން އާ ކުރަން ޔުވެންޓަސް އިން ވަނީ ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮންޓޭ ވަނީ އެ ޓީމުގެ ޓްރާންސްފާ ކަންތައްތަކާ ގުޅޭގޮތުން އެ ކްލަބްގެ ބޯޑު މެމްބަރުންނާއި ޓެކްނިކަލް ޑިރެކްޓަރު މައިކަލް އެމެނާލޯއާ ބައްދަލުކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގައި އެމެނާލޯ ވަނީ އެ ޓީމުން މި ފަހަރު ޓްރާންސްފާ މާކެޓްގައި ހަރަދުކުރަން ނިންމާފައިވަނީ ބައެއް ކުޅުންތެރިން ވިއްކައިގެން ކަމަށް ވަނީ ބުނެފަ އެވެ.

އަންނަ ސީޒަނުގައި ކޮންޓޭގެ ޕްލޭނުގައި ނުހިމެނޭތީ އެ ޓީމަށް ކުޅޭ ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ވަނީ އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ. ކޮސްޓާ ފެނުން އެންމެ ގާތީ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުންނެވެ. އޭގެ އިތުރުން ސާބިއާގެ މިޑްފީލްޑަރު ނިމެންޔާ މަޓިޗް ވެސް އަންނަނީ މެންޗެސްޓާ ޔުނައިޓެޑާ މަޝްވަރާ ކުރަމުންނެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރެއާލް މެޑްރިޑުން އަންނަނީ ހަމެސް ރޮޑްރިގޭޒް ޗެލްސީ އަށް ވިއްކާލުމަށް ފަހު އެ ޓީމަށް ކުޅޭ އެޑެން ހަޒާޑް ގެންނަން މަސައްކަތް ކުރަމުންނެވެ.