ޓްރަމްޕާއި ޕުޓިން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވަނީ
ޓްރަމްޕާއި ޕުޓިން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވަނީ

ހަމްބާގު (ޖުލައި 7) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޓްރަމްޕާއި ޕުޓިން މި ބައްދަލު ކުރައްވަނީ އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އާއި ސީރިއާގެ ހަނގުރާމައިގެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ހީނަރުވެފައި ވަނިކޮށެވެ. ޓްރަމްޕާއި ޕުޓިން ވެސް ވިދާޅުވެފައި ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން ބޭނުންވާ ކަމަށެވެ.

ރަޝިޔާގެ މީޑިއާތަކުން ބުނީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓުގެ ތެރޭގައި ޓްރަމްޕާއި ޕުޓިން ބައްދަލު ކުރައްވާނީ ގަޑިއެއްހާ އިރަށް ކަމަށެވެ. ބައެއް މީޑިއާތަކުން ބުނެފައި ވަނީ ބައްދަލުވުން ކުރިއަށްދާނީ ބައިގަޑިއިރަށް ކަމަށެވެ.

ޓްރަމްޕާއި ޕުޓިންގެ ސަމިޓަށް ފަހު މީޑިއާއާ ބައްދަލުކުރައްވާނެ ކަމެއް އަދި ނޭނގެ އެވެ. އަދި އެ ސަމިޓުގައި ނޫސްވެރިންނަށް ފުރުސަތު ދޭނެ މިންވަރެއް ވެސް ނޭނގެ އެވެ. ޓްރަމްޕާއި ޕުޓިން ޖެނުއަރީ އަދި މެއި މަހު ފޯނުން ދެއްކެވި ވާހަކަތަކުގެ ތަފްސީލް ވައިޓްހައުސް އާއި ކްރެމްލިން އިން ވަނީ ހާމަކޮށްފަ އެވެ.

ޖީ20ގެ ސަމިޓް ކުރިއަށްދާ އިރު ޖަރުމަނުގެ ހަމްބާގުގައި ދަނީ މުޒާހަރާތައް ކުރިއަށެވެ. މި މުޒާހަރާތަކުގައި ފުލުހުންގެ 76 އޮފިސަރުން ވަނީ ޒަޚަމްވެފަ އެވެ.