07 ޖުލައި 2017 - 11:30

ކޮލަމްބޯ (ޖުލައި 7) - މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސްރީ ލަންކާ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 4.5 ޕަސެންޓް އިތުރުވެ މިލިއަނަކަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްތެރޭ ލަންކާ އަށް 964،267 ޓޫރިސްޓުން ޒިޔާރަތްކުރި އިރު މި އަހަރުގެ އެ މުއްދަތުގައި ވަނީ 1،010،444 މީހުން ޒިޔާރަތްކޮށްފަ އެވެ. މި އަހަރުގެ މެއި މަހު ވަނީ ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރު ދަށްވެފަ އެވެ. އެއީ ކަތުނަޔަކަ އެއާޕޯޓުގެ ރަންވޭގެ މަރާމާތަށް ދުވާލު ވަގުތު އެއާޕޯޓް ބަންދު ކުރަން ޖެހުމުންނެވެ. އެއާޕޯޓުގެ އޮޕަރޭޝަންތައް ފުލްކޮށް ފެށީ ޖޫން 6 ގަ އެވެ.
މިދިޔަ އަހަރު ލަންކާ އަށް ވަނީ ގާތްގަނޑަކަށް 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އަދި އާމްދަނީގެ ގޮތުގައި ވަނީ 2.86 ބިލިއަން ޑޮލަރު ލިބިފަ އެވެ. ލަންކާގެ ޓޫރިޒަމް ބޯޑުން މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓަކީ 2.5 މިލިއަން މީހުންނެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތެރޭ ޓޫރިޒަމުން 1.038 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލަންކާ އަށް ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފަ އެވެ. ލަންކާގެ ޓޫރިޒަމް ދަނީ 3.4 ޕަސެންޓުގެ ރޭޓެއްގައި އަހަރުން އަހަރަށް ކުރިއަރަމުންނެވެ.