07 ޖުލައި 2017 - 11:10

ރިޔާޒް (ޖުލައި 7) - ސައުދީ އަރަބިއާގެ ވެރިކަމާ ދެކޮޅު ފަރާތްތަކަށް ހިތްވަރު ދީ އެ ގައުމުގެ ވެރިކަން ބަދަލު ކުރަން ހިންގަމުންދާ 23،000 އަށް ވުރެ ގިނަ ޓްވިޓާ އެކައުންޓުގެ ފަހަތުގައި އޮތީ ގަތަރު ކަމަށް ސައުދީގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
"ސައުދީއާ ދެކޮޅު 23،000 ޓްވިޓާ އެކައުންޓް ހިންގަމުންދަނީ ގަތަރުންކަން އެނގިފައި ވަނީ. ބައެއް ޓްވިޓާ އެކައުންޓްތަކުން ދަނީ ސައުދީގެ ވެރިކަން އިންގިލާބު ކުރުމަށް ވެސް ގޮވާލަމުން،" އިންފޮމޭޝަން މިނިސްޓަރު އައްވާދު ސާލިހު އަލް އައްވާދު އޭއެފްޕީ އަށް ވިދާޅުވި އެވެ.
މީގެ ތެރޭން 1.8 މިލިއަން ފޮލޯވަރުން ހިމެނޭ އެކައުންޓަކުން ވަނީ ސައުދީ އާއި ބަހުރޭން، ޔޫއޭއީ އަދި މިސްރުން މަސައްކަތް ކުރަމުންދަނީ ގަތަރުގެ ވެރިކަން ބަދަލު ކުރަން ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަން ހުއްޓާލީ އެމެރިކާގެ ފިއްތުމާ ހެދި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސައުދީއާ ދެކޮޅު އެކައުންޓްތައް ގަތަރާ ގުޅިގެން ހިންގުމުގެ ފަހަތުގައި ވަނީ ލަންޑަނުގައި އުޅޭ ސައުދީ ސަރުކާރާ ދެކޮޅު ސާދު އަލް ފާގިހު ކަމަށް ވެސް އައްވާދު ތުހުމަތު ކުރެއްވި އެވެ.
ސަައުދީގެ އިންފޮމޭޝަން މިނިސްޓަރު މި މޭރުމުން ވާހަކަ ދެއްކެވި އިރު ގަތަރަށް ކުރިމަތިކުރި ޝަރުތުތައް އެ ގައުމުން ގަބޫލް ނުކުރުމުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ސައުދީގެ ޚާރިޖީ ވަޒީރު ވަނީ އިންޒާރު ކުރައްވައިފަ އެވެ. ގަތަރަށް ކުރިމަތި ކުރި 13 ޝަރުތަށް އެ ގައުމުން އެއްބަސްނުވުމުން ސައުދީ، ބަހުރޭން، ޔޫއޭއީ އަދި މިސްރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.