06 ޖުލައި 2017 - 21:47

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހަދަން ހިއްކި ސަރަހައްދުގެ ވަށައިގެން ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެ އެއާޕޯޓުގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ރަންވޭގެ ހިއްކި ސަރަހައްދުގައި ޖަހަން ބޭނުންވާ ޝީޓް ޕައިލްތައް މިހާރު ގެނެސްފައިވާ ކަމަށެވެ. މި މަސައްކަތުގައި އެއާޕޯޓުގެ ތިން ދިމާލަކުން ޝީޓް ޕައިލް ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޝީޓް ޕައިލް ޖަހަން ނިންމާފައި ވަނީ ރަންވޭ އަޅާ ސަރަހައްދާއި ސީ ޕްލޭން ޓާމިނަލް އަޅާ ސަރަހައްދާއި އަދި އާ އިންޓަނޭޝަނަލް ޓާމިނަލް އަޅާ ސަރަހައްދުގައި. ތިން ތަނުގައި ވެސް އެއްފަހަރާ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް ކުރި އަށް ދާނެ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތްތައް ކުރި އަށް ދާ އިރު އާ ރަންވޭގެ ދެކޮޅުން ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ގޮތުން ރަންވޭގެ ބިންގަނޑު އެއްވަރު ކުރުމާއި ބިންގަނޑު ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން އެބަގެންދަން އާ ރަންވޭ އާއި ޓެކްސީވޭ ގުޅުވައިދޭ ސަރަހައްދުގެ ބިންގަނޑު ހަރުކުމުގެ މަސައްކަތް. އޭގެ އިތުރުން މިހާރު އޮތް އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތަށް ސައިޓް ސާފުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ އާ ރަންވޭގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
އާ ރަންވޭ ހެދުމުގެ މަސައްކަތްކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެންނެވެ.