06 ޖުލައި 2017 - 16:09

ދޯހާ (ޖުލައި 6) - މަތިންދާ ބޯޓުގެ ކެބިންގައި އެމެރިކާ އަށް ލެޕްޓޮޕް ގެންދިއުން މަނާކޮށްފައި އޮތް އޮތުމަށް މިހާރު ދެމުން އަންނަ ލުއިގެ ދަށުން ގަތަރު އެއާވެސް އިން ވެސް ލެޕްޓޮޕް ގެންދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ގަތަރު އެއާވޭސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން އެމެރިކާ އަށް ފުރާ ގަތަރު އެއާވޭސްގެ ހުރިހާ ބޯޓެއްގެ ކެބިންގައި ލެޕްޓޮޕް ގެންދެވޭނެ ކަމަށެވެ. އަދި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ސަލާމަތީ މިންގަނޑު ފުރިހަމަކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެމިރޭޓްސް އާއި ޓާކިޝް އެއާލައިންސް އަދި އިއްތިހާދު އެއާވެސް އިން މިހާރު ވަނީ އެމެރިކާ އަށް ކެބިންގައި ލެޕްޓޮޕް ގެންދަން ހުއްދަ ކޮށްފަ އެވެ. އެއީ މި އެއާލައިންތައް ނިސްބަތްވާ ގައުމުތަކުން އެއާޕޯޓުގެ ސެކިއުރިޓީ ޗެކް ކުރުން ވަރަށް ބޮޑަށް ހަރުދަނާ ކޮށްފައިވާތީ އެވެ. ޓާކިޝް އެއާލައިންސް އިން ވަނީ ޕަސިންޖަރުންގެ އިލެކްޓްރޯނިކް ޑިވައިސްތައް ބެލުމަށް ސީޓީ ސްކޭނާ ބޭނުން ކުރާ ކަމަށް ބުނެފަ އެވެ.
މެދުއިރުމަތީގެ ބަައެއް ގައުމުތަކުން އެމެރިކާ އާއި އިނގިރޭސިވިލާތަށް ދާ ބައެއް ފްލައިޓްތަކަށް ލެޕްޓޮޕާއި ޓެބްލެޓް އެރުވުން ވަނީ މާޗު މަހު މަނާކޮށްފަ އެވެ. ފުރަތަމަ މަނާކުރި އަށް ގައުމުގެ ތެރޭގައި މިސްރު، މޮރޮކޯ، ޖޯޑަން، ޔޫއޭއީ، ސައުދީ އަރަބިއާ، ކުވޭތު، ގަތަރު އަދި ތުރުކީ ހިމެނެ އެވެ. ސައުދީ އެއާލައިންސް އިން ވަނީ ޖުލައި 19 ގެ ފަހުން އެ އެއާލައިނުން ވެސް އެމެރިކާ އަށް ލެޕްޓޮފް ގެންދިއުމުގެ ހުއްދަ ލިބޭނެ ކަމަށް ބުނެފަ އެވެ.
މުސްލިމުންގެ އާބާދީ ބޮޑު އަށް ގައުމެއްގެ 10 އެއާޕޯޓަކުން އެމެރިކާ އަށް ދަތުރުކުރާ ފްލައިޓްތަކުން ލެޕްޓޮޕް ނުގެންދެވޭ ގޮތް ހެދީ ލެޕްޓޮޕްގައި ފޮރުވައިގެން ބޮމެއް ބޯޓަށް އަރުވަފާނެކަމުގެ ބިރަށެވެ. އެހެނެވް ކެބިން އަށް އަރުވާ އެއްޗެއްގައި "ސުމާޓްފޯނަކަށް ވުރެ ބޮޑު" އެއްވެސް ޑިވައިސްއެއް ނުގެންދެވޭނެ އެވެ. ލެޕްޓޮޕާއި އެހެން ޓެބްލެޓް ގެންދަން ޖެހޭނީ ޗެކްޑް-ބެގޭޖުގަ އެވެ. ކެބިންގައި ނުގެންދެވޭނީ 16 ސެންޓި މީޓަރު (6.3 އިންޗި) އަށް ވުރެ ދިގު، 9.3 ސެންޓި މީޓަރު (3.7 އިންޗި) އަށް ވުރެ ފުޅާ އަދި 1.5 ސެންޓި މީޓަރު (0.6 އިންޗި) އަށް ވުރެ ބޯ ޑިވައިސްތަކެވެ. ސްމާޓްފޯނާއި މެޑިކަލް ޑިވައިސްތައް މީގެ ތެރޭގައި ނުހިމެނެ އެވެ.