ލުކާކޫ ގަތުމަށް ޔުނައިޓެޑުން އެއްބަސްވުމަކަށް އަތުވެއްޖެ
ލުކާކޫ ގަތުމަށް ޔުނައިޓެޑުން އެއްބަސްވުމަކަށް އަތުވެއްޖެ

މެންޗެސްޓާ (ޖުލައި 6) – އެވަޓަންގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ގާތްގަނޑަކަށް 85 މިލިއަން ޔޫރޯ އަށް ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން އެވަޓަންއާ އެކު އެއްބަސްވެއްޖެ ކަމަށް ބީބީސީން ރިޕޯޓްކޮށްފި އެވެ.

ލުކާކޫ އަކީ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ 2014 ވަނަ އަހަރު ޗެލްސީއާ ހަވާލުވުމަށް ފަހު އެ ޓީމުން އެވަޓަން އަށް 28 މިލިއަން ޕައުންޑަށް ވިއްކާލި ކުޅުންތެރިއެކެވެ.

އުމުރުން 24 އަހަރުގެ ފޯވާޑް ވަނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި 25 ގޯލް ޖަހައިފަ އެވެ. ލުކާކޫ ލިބިއްޖެ ނަމަ ޔުނައިޓެޑުން ރެއާލް މެޑްރިޑުގެ ފޯވާޑް އަލްވާރޯ މޮރާޓާ ހޯދުމުގެ މަސައްކަތް ހުއްޓާލާނެ އެވެ. ޔުނައިޓެޑުން އޭނާ ހޯދަން މަސައްކަތްކުރި ނަމަވެސް އެކަން މަޑުޖެހުނީ ރެއާލް މެޑްރިޑުން ކިޔާ އަގު ބޮޑުވުމުންނެވެ.

ޗެލްސީން ވެސް މި ފަހަރު ލުކާކޫ ހޯދުމަށް މަސައްކަތްކުރި އެވެ. ބެލެވޭ ގޮތުގައި ޗެލްސީން ދެން މަސައްކަތްކުރާނީ މޮރާޓާ އަށެވެ.

އެވަޓަންއާ އެކު އެއްބަސްވުމަކަށް އާދެވުމާ އެކު ޔުނައިޓެޑަށް ދެން އޮތީ ލުކާކޫއާ އެކު އެއްބަސްވުމަކަށް އައުމެވެ. އެ ޓީމުން މަސައްކަތްކުރަނީ ޕްރީ ސީޒަން ޓުއާގައި އަންނަ އާދީއްތަ ދުވަހު އެމެރިކާ އަށް ފުރުމުގެ ކުރިން ލުކާކޫގެ ސޮއި ހޯދުމަށެވެ.

ލުކާކޫގެ އޭޖެންޓަކީ ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ސޮއިކުރި ޒަލަޓާން އިބްރަހިމޮވިޗާއި ޕައުލް ޕޮގްބާ އަދި ހެންރިކް މިކިތާރްޔަންގެ އޭޖެންޓް މިނޯ ރައިއޯލާ އެވެ.

ލުކާކޫ އެ ޓީމުގައި މަޑުކުރުވަން އެވަޓަން އިން މިދިޔަ މާޗު މަހު ރެކޯޑް މުސާރައެއް ހުށަހެޅި އެވެ. އެކަމަކު އޭނާ އޭރު ބުނީ އެއް ފެންވަރެއްގައި އަބަދު ކުޅެން ބޭނުންނުވާ ކަމަށާއި އެހެން ހަރުފަތަކަށް އަރަން ބޭނުންވާ ކަމަށެވެ.

ބެލްޖިއަމްގެ އެންޑަލެކްޓް އިން 2011 ވަނަ އަހަރު ކެރިއަރު ފެށި ލުކާކޫ ވަނީ 2011 ވަނަ އަހަރު ޗެލްސީއާ ގުޅުމަށް ފަހު ލޯން އުސޫލުން ވެސްޓް ބްރޮމް އަށް ވެސް ކުޅެފަ އެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް 57 މެޗުން 20 ގޯލް ޖަހައިދީފަ އެވެ.