25 ޖޫން 2016 - 09:17

ދިވެހިންނަކީ އާއްމުކޮށް ވަރަށް ރީތިކޮށް އިސްތިރިކޮށްގެން ހެދުން ލާ ބައެކެވެ. އާ ހެދުމެއް ލިބުމުން އަވަހަށް ދޮވެ އިސްތިރިކޮށްލާނެ އެވެ.
ހެދުން އިސްތިރިކުރާއިރު އާދަވެގެން ގެންގުޅޭ ގަވާއިދުތަކެއް އޮވެ އެވެ. މިސާލަކަށް ވަކި ކަހަލަ ފޮއްޗެއް ނުވަތަ ހެދުމުގެ އެކި ބައިތަކުގައި އިސްތިރިކުރާނެ ވަކި ގޮތްތަކެއް އެންމެންވެސް ގެންގުޅެ އެވެ.
މިޒަމާނުގައި ހެދުން ފަރުމާކޮށް ފަހާފައި ހުންނަނީ އެކި ވައްތަރުގެ ފޮތިންނެވެ. ގިނަ ފޮއްޗަކީ ހަމައެކަނި އުއި ނުވަތަ ކޮޓަން އިން ތައްޔާރުކޮށްފައިވާ ފޮއްޗެއް ނޫނެވެ. ނަމަވެސް ފަހުގެ ފޮތިތައް އުފައްދާފައި ހުންނަނީ އެކި ވައްތަރުގެ އާޓިފިޝަލް ބާވަތްތައް ބޭނުންކޮށްގެނެވެ. މިއީ އިސްތިރި ކުރާއިރު ސަމާލުވާންޖެހޭ ކަމެކެވެ.
* އިސްތިރިކުރާއިރު ވަށްބުރު ހަމަވާ ގޮތަށް އިސްތިރި ނުކާއްތާށެވެ. މިހެން އިސްތިރި ކުރުމުން ފޮތިގަނޑު އިތުރަށް ދެމޭނެ އެވެ.
* ވަރަށް ބޮޑަށް ރޫ ޖެހިފައި ހުންނަ ހެދުމެއް ނަމަ ފެން ޖަހާފައި ނޫނީ އިސްތިރިކުރަން ނުފަށާށެވެ. ރޫ އެންމެ ފަސޭހައިން އަވަހަށް ފިލާނީ ފެން ޖަހާ ތެތް ކޮށްލުމަށްފަހު އިސްތިރިކުރުމުންނެވެ.
* އިސްތިރީގެ ހޫނުމިން މާ ގަދަކޮށްގެން ކުރުމުން ހެދުންތައް އަވަހަށް ހަލާކުވާނެ އެވެ.
* ބައެއް ވައްތަރުގެ ހެދުމުގެ ފިނިޝިން ނުވަތަ ފޮތިގަނޑުގެ ރަނގަޅު ފުށުގައި އޮފުކޮށް ހުންނަ ނަމަ ނުވަތަ އެތެރެއަށްވުރެ ތަފާތު ގޮތަކަށް ހުންނަ ނަމަ އެންމެ ރަނގަޅީ ނުބައި ފުށަށް ބާއްވައިގެން އިސްތިރިކުރުމެވެ.
* އިސްތިރީގެ ސަބަބުން ހެދުންތައް ހަޑިވުން އެކަށީގެންވެ އެވެ. ވީމާ، އިސްތިރި ދޮންކުރުމަށް ފަހު ފުރަތަމަ އެހެން ފޮތިގަނޑެއްގައި ހާކާލައި ޗެކުކޮށްލުމަށް ފަހު ހެދުމުގައި އިސްތިރި ޖެއްސުން ބުއްދިވެރި އެވެ. ނުވަތަ ފެން އަޅާ ސްޓީމަރުން ކޮންމެވެސް ވަރަކަށް ފެންތައް ނެރެލާފައި ވެސް ފެށިދާނެ އެވެ.