06 ޖުލައި 2017 - 15:23

ވޯސޯ (ޖުލައި 5) - ނޯތު ކޮރެއާ އިން ދާދި ފަހުން ކުރި މިސައިލް ޓެސްޓަށް އިޝާރާތް ކުރައްވާ އެ ގައުމުން އުޅެނީ ވަރަށް ނުރައްކާ ގޮތަކަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޕޮލެންޑަށް ވަޑައިގެން އެ ގައުމުގެ ބޮޑު ވަޒީރު އަންދުރާޖް ދޫދާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ނޯތު ކޮރެއާ މައިތިރި ކުރަން ކޮންމެވެސް ކަމެއް ކުރަން ޖެހޭ ކަމަށެވެ.
"ނޯތު ކޮރެއާ އަށް ކުރެވޭނެ ކަންތައް އެބަހުރި. އޭގެ މާނައަކީ ނޯތު ކޮރެއާއާ ދެކޮޅަށް އެ ފިޔަވަޅުތައް އެޅުމެއް ނޫން. އަޅުގަނޑުމެން ރަތް ރޮނގެއް ނުދަމާނަން،" އަސްކަރީ ފިޔަވަޅެއް އަޅާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ނޯތު ކޮރެއާ އިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް އަންގާރަ ދުވަހު ޓެސްޓްކޮށްފައި ވަނިކޮށެވެ. އެމެރިކާ އިން ލަފާކޮށްފައި ވަނީ އެއީ 3،400 މޭލުގެ ރާސްތާއެއް ލިބިގެންވާ އެލަސްކާ އަށް ހަމަލާ ދެވޭވަރުގެ މިސައިލެއް ކަމަށެވެ.
ނޯތު ކޮރެއާގެ މިސައިލް ޓެސްޓާ ގުޅިގެން ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ސަފީރު ނިއްކީ ހާލީ ވަނީ އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ހަމަލާ ދިނުމަކީ އެމެރިކާ އިސްކަން ދޭނެ ކަމެއް ނޫން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ޕޮލެންޑުގައި ފަސް ގަޑިއެއްހާ އިރު ހޭދަކުރެއްވުމަށް ފަހު ޖީ20 ގެ ސަމިޓަށް އެމަނިކުފާން ދެން ވަޑައިގަންނަވާނީ ޖަރުމަނަށެވެ.