ޔާމީންގެ މަރުގެ ތަހުގީގުގެ ފޮރެންސިކް ހެކިތަކެއް ނައްތާލައިފި: ބައްޕަ
ޔާމީންގެ މަރުގެ ތަހުގީގުގެ ފޮރެންސިކް ހެކިތަކެއް ނައްތާލައިފި: ބައްޕަ

ޔާމީން ރަޝީދު މަރާލި މައްސަލާގެ "ފޮރެންސިކް ހެކިތަކެއް" ފުލުހުންގެ ތެރެއިން ނައްތާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޔާމީންގެ އާއިލާއިން މިއަދު ބުނެފި އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ޔާމީން ދިރިއުޅުނު ގޭގެ ތެރޭގައި އޭނާ މަރާލާފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ޔާމީންގެ ބައްޕަ ހުސައިން ރަޝީދު މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ފުލުހުން ނައްތާލީ ރިޕޯޓްތަކެއް ކަމަށް ބުނި ނަމަވެސް، ފަހުން އޭނާ ބުނީ ނައްތާލީ "ފޮރެންސިކް ހެކިތަކެއް" ކަމަށެވެ. ފޮރެންސިކް ރިޕޯޓްތަކެކޭ ބުނެވުނީ އޮޅުމަކުން ކަމަށް ވެސް "މިހާރު"އާ ފަހުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ ފުލުހުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށާއި އެކަމަކު މިހާތަނަށް ހިތްހަމަޖެހޭ ފަދަ ޖަވާބެއް ފުލުހުންގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ފޮރެންސިކް [ހެކިތައް] ފުލުހުންގެ ތެރެއިން ނައްތާލާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވިޔަސް އޭގެ ތަފްސީލެއް އޭނާ ނުދެ އެވެ.

"އަޅުގަނޑަށް އިއްޔެ ލިބުނު މައުލޫމާތެއް މިއީ. ދެން އެ މައުލޫމާތު ދެއްވި ފަރާތެއް އަޅުގަނޑަކަށް ނެތް ބުނެދެވޭކަށް،" ރަޝީދު ބުންޏެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޔާމީންގެ މަރުގެ ތަހުގީގު ވީ އެންމެ ރަނގަޅަކަށް ކުރަމުންދާ ކަމަށެވެ. އިތުރު އެއްޗެއް ފުލުހުން ނުބުނެ އެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑުމެން މިދަނީ ޔާމީންގެ މަރުގެ ތަހުގީގު ވީއެންމެ ރަނގަޅަށް ކުރެވޭނެ ގޮތްތައް ދިރާސާކޮށް، ވީ އެންމެ ރަނގަޅަކަށް ތަހުގީގު ކުރިއަށް މިގެންދަނީ،" ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވި އެވެ.

ޔާމީންގެ ބައްޕަ ރަޝީދު ބުނި ގޮތުގައި ދަރިފުޅުގެ މަރުގެ ތަހުގީގުގައި ހެކިތައް ގެއްލޭ ކަމުގެ ޝަކުވާ ކުރިން ވެސް ކުރަމުން އައި ކަމަށާއި ޔާމީން މަރާލާފައި އޮތް ތަނުގައި ހުރި ލޭތައް ސާފުކޮށް، އެތަނުގައި ކުލަ ލާފައިވާތީ އެކަމުގެ ޝަކުވާ ފުލުހުންނަށް ކުރިން ހުށަހެޅި އެވެ. އެ ޝަކުވާ އޭރު ކުރީ އެ މައްސަލަ ބަލަން އެހެން ބަޔަކު ފަހުން ބޭނުންވިޔަސް އެ ހެކިތައް މުހިންމު ވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން ވިދާޅުވަނީ އެ ބޭފުޅުން ކުލަ ލާން ހުއްދައެއް ނުދެއްވަމޭ. އެހެން ނަމަވެސް ކުލަލުމުގެ ކުރިން އެ ބޭފުޅުން ބޭނުންވާ ފޮރެންސިކް ރިޕޯޓްތައް ނަގައިފީމޭ. އެކަމަކު އެކަމާ ހިތްހަމަނުޖެހިގެން އެ ވާހަކަ އަޅުގަނޑު ދެންނެވިން،" ރަޝީދު ބުންޏެވެ.

ރަޝީދު ބުނީ ޔާމީން މަރާލުމުގެ ކުރިން އެތައް ފަހަރު އޭނާއަށް އިންޒާރު ލިބުމުން ފުލުހުން ފިޔަވަޅު އަޅާފައި ނުވާތީ އޭނާގެ އާއިލާއިން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވެސް އެއްވެސް މައުލޫމާތެއް ދޭން ދައުލަތުން ދެކޮޅު ހަދަމުންދާ ކަމަށެވެ. އެކަމަކު އެ މައްސަލައަކީ މިހާރު ހިނގަމުންދާ މަރުގެ މައްސަލައާ ގުޅުންހުރި މައްސަލައެއް ނޫން ކަމުން އޭގެ ތަފްސީލުތައް ހާމަ ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މިހާރު ހިނގަމުންދާ އިންވެސްޓިގޭޝަނާ ގުޅުން ހުރި ކަމެއް ނޫން. މިއީ ކުރިން ލިބިފައިވާ އިންޒާރުތަކާ ގުޅޭ މައްސަލައެއް. އެހެންވީމަ ސިއްރު ކުރަން ޖެހޭ މައުލޫމާތެއް ހުރި ކަމަށް ގަބޫލެއް ނުކުރަން،" ރަޝީދު ބުންޏެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ފުލުހުން ބަޔަކު ހައްޔަރުކޮށް، އެ މީހުންގެ މައުލޫމާތު އާންމު ކޮށްފައިވާއިރު އެ މީހުންނާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.