06 ޖުލައި 2017 - 14:54

ތެލް އަވީވް (ޖުލައި 6) - މުމްބާއީގެ ޔަހޫދީ ސެންޓަރަކަށް 2008 ގައި ދިން ހަމަލާގައި ސަލާމަތްވި އިޒްރޭލުގެ ޔަތީމް ކުއްޖާއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވައިފި އެވެ.
މޯދީއާ އެކު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ މޯޝީ ހޮލްޓްޒްބާގްއާ ބައްދަލުކޮށްފަ އެވެ. ނަތަންޔާހޫ ވަނީ އޭނާ އިންޑިއާ އަށް ކުރައްވާ ދަތުރުގައި އެ ކުއްޖާ ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައި މޯޝީ ވަނީ އޭނާ މުމްބާއީ އަށް ދާން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ހަމަލާ ދިން ޗަބާދު ހައުސްގެ ޑިރެކްޓަރަކަށް ވާން ބޭނުންވާ ކަމަށް މިހާރު 11 އަހަރު ފުރިފައިވާ މޯޝީ ބުންޏެވެ. މޯދީ ވަނީ މޯޝީ ބޭނުން އިރަކު އިންޑިއާ އަށް ދެވޭނެ ކަމަށާއި އޭނާގެ އާއިލާ އަށް އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ.
މުމްބާއީގެ ނަމިރާ ހައުސް ނުވަތަ ޗަބާޑް ހައުސް އަށް ހަމަލާ ދިން އިރު މޯޝީގެ އުމުރުން ދެ އަހަރެވެ. އެ ހަމަލާގައި އޭނާގެ މަންމަ އާއި ބައްޕަ ވަނީ މަރުވެފަ އެވެ.