މަސީހު ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި، ޖަލްސާ އޮންނަ ދުވަހެއް ނޭނގޭ
މަސީހު ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި، ޖަލްސާ އޮންނަ ދުވަހެއް ނޭނގޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް މެމްބަރުންނަށް މިއަދު ފޮނުވައިފި އެވެ. ނަމަވެސް އެ ނޯޓިސްގައި، އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ޖަލްސާ ބާއްވާނެ ދުވަހެއް ބުނެފައެއް ނުވެ އެވެ.

ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނީ، އެ މައްސަލައިގެ ނޯޓިސް މެމްބަރުންނަށް ފޮނުވާ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. މި މަހުގެ 3 ވަނަ (ހޯމަ) ދުވަހު މަސީހްގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ނޯޓިސް، މެމްބަރުންނަށް ފޮނުވީ މިއަދު އެވެ.

މެންބަރުންނަށް މިއަދު ފޮނުވި ނޯޓިސްގައި ބުނެފައިވަނީ "ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ) އާއި މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތް ކޮށް، އެ މައްސަލަ އެޖެންޑާ ކުރާ ދުވަސް އަންގާނެ ވާހަކަ ދެންނެވީމެވެ." މިހެންނެވެ.

މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު، މަޖިލިހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. މި ކަމުގައި މި ފަހަރު ވެސް އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނެވެ. އޭގެ ތެރޭގައި، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، މިނިވަން މެމްބަރުން އަދި ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރަކު ހިމެނެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ބޭނުންނަމަ، ސަބަބު ބަޔާންކޮށް 42 މެމްބަރުންގެ ސޮޔާއެކު ލިޔުމަކުން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދިި އެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވަން ވާނެ އެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުމަށް ފަހު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގައި ނޫނީ، މަޖިލިހަށް ހުށަހެޅިފައިވާ އެހެން އެއްވެސް މައްސަލައަކާ މެދު އެ ޖަލްސާގައި ބަހުސެއް ނުކުރެވޭނެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ބަހުސް ތިން ގަޑި އިރަށް ވުރެ ދިގުވެގެން ނުވާނެ އެވެ. މަޖިލީހުގެ ރައީސާ ދެކޮޅު މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ހައްގު ވެސް ގަވައިދުން އެ މަނިކުފާނަށް ވަނީ ފަހިކޮށްދީފަ އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިއާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.

މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ، އެ ދުވަހެއްގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވާނެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސޮއި ނުކުރައްވާ މެމްބަރުން ވެސް މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ އެވެ. އެކަމަކު ޕީޕީއެމުން ބުނީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.

މިއީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދި ތިން ވަނަ ފަހަރެވެ.