07 ޖުލައި 2017 - 07:54

ޝްރީދޭވީގެ "މޮމް" މިއަދު ސިނަމާތަކުގައި އަޅުވާނެ އެވެ. މި ފިލްމުގެ ފުރަތަމަ ޓްރެއިލާއާ އެކު ވެސް ފިލްމު ވަރަށް މޮޅުވާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ޝްރީދޭވީ ކަހަލަ ހުނަރުވެރި ބަތަލާއެއްގެ އިތުރުން މި ފިލްމުގައި ދެން ވެސް މަސައްކަތް ކޮށްފައިވަނީ އެކްޓްކުރުމުގެ ހުނަރަށް ބަލާއިރު ފާހަގަ ކޮށްލެވޭ ފަދަ މޮޅު އެކްޓަރުންނެވެ. އޭގެ ތެރޭގައި ނަވާޒުއްދީން ސިއްދީގީ އާއި އަކްޝޭ ކަންނާ ހިމެނެ އެވެ.

"އިންގްލިޝް ވިންގްލިޝް" އާއި ޝްރީދޭވީ ބޮލީވުޑްގެ ދެ ވަނަ ދައުރެއް އަލުން ފަށައިގަތުމާއެކު ހަމަ އެހާ ޝައުގުވެރި އެހެން ޕްރޮޖެކްޓަކުން އޭނާ ދެކިލަން ބޭނުންވެފައި ތިބި މީހުން ވަރަށް ގިނަ އެވެ. "ބަހޫބަލީ" ސިލްސިލާގައި ކާމިޔާބު ފިލްމުތައް އޭނާ ނުކުޅެ ދޫކޮށްލާފައި ވިޔަސް ކުޅޭ ފިލްމަކުން ވެއްޖިއްޔާ ފޭނުން މާޔޫސް ނުކުރާނެކަމުގެ ވަރަށް ފުރިހަމަ ޔަގީންކަން އެންމެންނަށް ވެސް އޮވެ އެވެ.
"މޮމް" އަކީ އަންހެނެއްގެ ހަޔާތުގެ ވާހަކަ އެކެވެ. އެހެންކަމުން މިހާރަކަށް އައިސް ބޮލީވުޑްގައި އަންހެން ކެރެކްޓާއަށް ބޮޑު ސަމާލުކަމެއް ދީގެން އުފައްދާ ގިނަ ފިލްމުތަކަށް ލިބޭ ކަހަލަ ތަރުހީބެއް މި ފިލްމަށް ވެސް ލިބޭނެކަމަށް ގަބޫލުކުރެވެ އެވެ.
ޝްރީދޭވީ، 53، ބުނި ގޮތުގައި މި އުމުރުގައި އޭނާއަށް ދަރިފުޅު ޖާންވީ ކުޅޭ ކަހަލަ ރޯލުތައް ނުކުޅެވޭނެކަން އެންމެންވެސް ގަބޫލުކުރަން ޖެހޭނެ އެވެ. އެހެންވެ މިހާރަކަށް އައިސް ވަރުގަދަ އަންހެން ކެރެކްޓާތައް ހިމެނޭ ފިލްމުތައް އުފައްދާ އަދި އެ ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބޭތީ އޭނާ އުފާ ކުރެ އެވެ.
އޭނާ ބުނި ގޮތުގައި "މޮމް" އަކީ މަންމަ އަކާއި އަންހެންދަރިފުޅެއްގެ އޮތް ގާތް ގުޅުން ހާމަކޮށްދޭ ފިލްމެކެވެ. އޭނާ މި ފިލްމުގައި ކުޅެނީ ވަރަށް ވަރުގަދަ އަންހެނެއްގެ ކެރެކްޓާއެއް ކަމަށާއި ދަރިންނަށް އަޅާލާ އެކުދިންނަށް އޯގާތެރިކޮށް ހިތާ މަންމައިންގެ ކެރެކްޓާތަކަކީ އޭނާ އަބަދުވެސް ކުޅޭހިތްވާ ޒާތުގެ ރޯލުތަކެއް ކަމަށް ވެސް ޝްރީދޭވީ ބުންޏެވެ.
ޝްރީދޭވީ އަކީ މޮޅު ނެށުންތެރިއަކަށް ވާތީ މި ފިލްމުގައި ވެސް އޭ ނަށާތަން ފެންނާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ ވަނީ އެ އުމުރުގައި އޭނާ ނަށާނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ.
"އަހަރެން ހަމައެކަނި ޕާފޯމްކުރާނީ ރޯލުތައް. އެވެސް އަހަރެންގެ ހިތްހަމަޖެހޭ ކަހަަލަ ރޯލުތައް. އަހަރެންގެ އުމުރާއި ތަޖުރިބާއަށް ބަލާ އަހަންނަށް އިންސާފު ކުރެވޭ ކަހަލަ ރޯލުތައް ނޫނީ އަހަރެން ނުކުޅޭނަން،" ޝްރީދޭވީ ބުންޏެވެ.
ބޮކްސް އޮފީހުގައި މި ފިލްމު ޕާފޯމްކުރާނެ ގޮތް ލަފާކޮށް ފިލްމު އިންޑަސްޓްރީގެ މީހުން ބުނަނީ ފުރަތަމަ ތިން ތިން ކްރޯޑު (30 މިލިއަން ރުޕީސް) ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ޝްރީދޭވީގެ "އިންގްލިޝް ވިންގްލިޝް" އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 2.5 ކްރޯޑު (25 މިލިއަން) އެވެ. ނަމަވެސް ފިލްމުގެ މޮޅު ވާހަކަ މީހުންގެ ތުންތުންމަތިން އަޑުއިވެމުން ގޮސް ފިލްމުބަލަން ގިނަ ބަޔަކު ޝައުގުވެރިވުމުގެ ސަބަބުން ފަހުން ގިނަ ބަޔަކު ސިނަމާތަކަށް ފިލްމު ބަލަން ވަދެ ވަރަށް ރަނގަޅު ފައިދާއެއް ފިލްމު ވަނީ ހޯދާފަ އެވެ.
މިފަހަރު "މޮމް" އަށް ވެސް ވާނީ އެފަދަ ގޮތެއް ކަމަށް ގިނަ ބަޔަކު ލަފާ ކުރެ އެވެ. މިހާތަނަށް ޚާއްސަ ބައެއް މެހެމާނުންނަށް ދައުވަތު ދީގެން ފިލްމު ދައްކާފައިވާއިރު އެންމެން ވެސް ފިލްމު ވަރަށް މޮޅުކަމަށް ވަނީ ބުނެފަ އެވެ.
"މޮމް" ރިލީޒްވުމަށްފަހު "މިސްޓަ އިންޑިއާ 2"ގެ މަސައްކަތް ޝްރީދޭވީ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.