10 ޖުލައި 2017 - 06:33

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި އެ މަނިކުފާނު ހިމޭނުން ހުންނަވާތީ އިދިކޮޅު މެމްބަރުން މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މަސީހަކީ ރައްޔިތުންނަށް ޖަވާބުދާރީވެ ވަޑައިގަންނަވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އަދި މަޖިލީހުގައި އެ މަނިކުފާނުގެ މަސްއޫލިއްޔަތު އަދާ ކުރައްވަން ނުކުޅެދިފައިވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވައިގެން އުޅެނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކޮންމެ ކަމެއް ފާސް ނުވާނެ ކަން މަސީހަށް އެނގިވަޑައިގަންނަވާތީ އެވެ. އަދި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދިކޮޅު މެމްބަރުން ހުށަހަޅާ ކަންކަން އެޖެންޑާ ކުރަން ބޭނުން ނުވަނީ (މަސީހު). އެއީ މަސީހަށް ގަބޫލު ކުރެވެނީ މަޖިލީހުގެ މެޖޯރިޓީ އޮތީ ގެއްލިފައި ކަން،" ރޮޒެއިނާ ވިދާޅުވި އެވެ.
ޕީޕީއެމުން ވަކިކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މަސީހުގެ ދިފާއުގައި އެމަނިކުފާނު ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ގިނަ މެމްބަރުންތަކެއް މަސީހާ ދެކޮޅަށް ނުކުންނެވި އިރު، މަގާމުގައި ހުންނަވަން ޖެހޭ ސަބަބު އޮޅުން ފިލުއްވައިދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.
"މަސީހަކީ ސިޔާސީ މައިދާނުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެއް. އަޅުގަނޑު ދަންނަވާނީ މަސީހު މަގާމުގައި އެ ހުންނެވީ ރައީސް އަބްދުﷲ ޔާމީން މަޖުބޫރު ކުރައްވާތީއޭ،" އަމީތު ވިދާޅުވި އެވެ.
"އެކަމަކު ވަކި ބޭފުޅަކަށްޓަކައި މަޖިލީހުގެ ރައީސް ގުރުބާން ވާން ނުޖެހޭ. މަސީހު ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަވައި މަގާމުގައި ދެމި ހުންނަވާ ސަބަބު އޮޅުން ފިލުވައިދޭން ޖެހޭ،"
މަސީހު ހިމޭނުން ހުންނަވާ މައްސަލައިގައި އެ މަނިކުފާނުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ މަސީހަކީ ބޭކާރު ވާހަކަތައް ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ.
"މަސީހާއެކު މަސައްކަތް ކުރުމުގެ ފުރުސަތު 2004 އިން ފެށިގެން ވަނީ ލިބިފައި. ގިނަ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކުރިއިރު، މަސީހަކީ ބޭކާރު ވާހަކަދައްކާ ބޭފުޅެއް ނޫން" ރިޔާޒް ވިދާޅުވި އެވެ.
ސާޅީސް ފަސް މެމްބަރުން ސޮއި ކުރައްވައި މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މިދިޔަ ހަފުތާގެ ހޯމަދުވަހު އެވެ. މަސީހު ވަކި ކުރުމުގެ މައްސަލަ ހުށަހެޅުމަށް ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވި އެވެ. އަދި އޭގެ ތެރެއިން ބައެއް މެމްބަރުން ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ މަސީހު ވަކި ކުރުމަށް އިތުރު މެމްބަރުންގެ ވޯޓު ލިބޭނެ ކަމަށެވެ. ނަމަވެސް ޕީޕީއެމުން ބުނަނީ މަސީހުގެ ވޯޓު ނާކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މިއީ އިދިކޮޅު ފަރާތްތަކުން މަސީހު ވަކި ކުރަން ހުށަހެޅި ތިން ވަނަ ފަހަރެވެ.
މިދިޔަ މާޗް 27 ބޭއްވި މަޖިލިހުގެ ޖަލްސާގައި މަސީހްގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އެ މަނިކުފާނު އެ ދުވަހު ވިދާޅުވީ މެމްބަރުންގެ އިއްޒަތާއި ޝަރަފަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ފާހަގަ ކުރަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށް މަސީހު ވިދާޅުވި އެވެ.