ޒުވާން ތަރި ސަބާޔޯސް ހޯދަން ރެއާލާއި ބާސެލޯނާ ގަދަހިފުމަކަށް
ޒުވާން ތަރި ސަބާޔޯސް ހޯދަން ރެއާލާއި ބާސެލޯނާ ގަދަހިފުމަކަށް

މެޑްރިޑް (ޖުލައި 6) - މި ފަހަރުގެ 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ވިދާލި ސްޕެއިނުގެ އުއްމީދީ މިޑްފީލްޑަރު ޑެނީ ސަބާޔޯސް ހޯދަން ރެއާލް މެޑްރިޑާއި ބާސެލޯނާ ގަދަ ހިފުމަކަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 20 އަހަރުގެ ސަބާޔޯސް އަކީ މިދިޔަ ސީޒަނުގައި ރެއާލް ބެޓިސްގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ސަބާޔޯސް ވަނީ 2015 ވަނަ އަހަރު ބެޓިސްއާ އެކު 2020 ގެ ނިޔަލަށް އެއްބަސްވުން އާ ކޮށްފަ އެވެ.

އެހެން ނަމަވެސް މި ފަހަރު 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ސަބާޔޯސް އަށް ލިބުމާ ގުޅިގެން ރެއާލާއި ބާސެލޯނާ އިން ވަނީ އޭނާ ހޯދަން މަސައްކަތް ފަށައިފަ އެވެ. ބެޓިސް އިން އޭނާ ނުވިއްކާނެ ކަމަށް ބުނަމުން އައި ނަމަވެސް ބޮޑު ހުށަހެޅުމެއް ލިބިއްޖެނަމަ ނޫނެކޭ ބުނަން އެ ޓީމުން ފަސް ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ސަބާޔޯސް ހޯދަން ބެޓިސްގެ ވެރިންނާއި މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް ރަސްމީކޮށް އަދި ރެއާލުން ސަބާޔޯސް އަށް ބިޑެއް ކޮށްފަ އެއް ނުވެ އެވެ. ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޮސް ވެސް ވަނީ ސަބާޔޯސް އަކީ ރެއާލުގެ ތަރި އަކަށް ވެވިދާނެ ފަދަ ހުނަރުހުރި މޮޅު ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.

ސަބާޔޯސް އަކީ ޒުވާން އުމުރުގައި ބާސެލޯނާ ސަޕޯޓަރެކެވެ. ޔޫތު ކެރިއަރު ސެވިއްޔާ އިން ފެށި ނަމަވެސް ސަބާޔޯސް ފުރަތަމަ ބައިވެރިވީ ބާސެލޯނާގެ ޓްރަަޔަލްގަ އެވެ. އެހެން ނަމަވެސް ބާސެލޯނާގައި އޭނާ އަށް ކުރިއަށް ދެވޭ ގޮތްނުވުމުން ދެން އޭނާ ކުޅުނީ އުޓްރޭރާ ޔޫތު ޓީމަށެވެ. އަދި އޭގެ ފަހުން ބެޓިސްގެ 16 އަހަރުން ދަށުގެ ޓީމާ ގުޅުނެވެ.

ސަބާޔޯސް ގަންނަން ރެއާލުން 20 މިލިއަން ޕައުންޑް ހުށަހާޅާނެ ކަމަށް ބެލެވިފައިވާއިރު، ބާސެލޯނާ އިން ވެސް އެ އަދަދަށް ހުށަހާޅާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.