07 ޖުލައި 2017 - 07:58

ވަރަށް ކާމިޔާބު ޓެލެވިޒަން ކެރިއާއަަކަށް ފަހު ބޮލީވުޑް ފަތަހަ ކުރަން މޯނީ ރޯއީ ތައްޔާރުވެއްޖެ އެވެ. މޯނީ ބޮލީވުޑަށް ތައާރަފްވާނީ އަކްޝޭ ކުމާރުގެ "ގޯލްޑް" އިންނެވެ. ފަރްހާން އަޚްތަރު އާއި ރިތޭޝް ސިދްވާނީ ޕްރޮޑިއުސްކޮށް ރީމާ ކަގްޓީ ޑައިރެކްޓްކުރާ މި ފިލްމު ކުޅެން ސޮއި ކުރެވުނީތީ މޯނީ ހުރީ އުފަލުން ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދީފައިވާ އިންޓަވިއުއެއްގައި މޯނީ ބުނީ މިއީ ހަގީގަތެއްކަން އަދިވެސް ގަބޫލުކުރަން ދަތިވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ ބޮލީވުޑް ފިލްމު ކުޅުމުގެ ފުރުސަތު ލިބުނަސް އަދި ފިލްމުތަކުގައި މަސައްކަތް ކުރިޔަސް ޓީވީ ސިލްސިލާތައް ކުޅުން ދޫކޮށް ނުލާނެ ކަމަށެވެ.
އޭނާއަށް މިއަށް ވުރެ އުފާވެރި، މިއަށް ވުރެ ނަސީބުވެރި އަދި މިއަށް ވުރެ ރަނގަޅު ފުރުސަތެއް ދެން ލިބޭނެހެން ހީނުވާ ކަަމަށާއި "ގޯލްޑް" ގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާވި ކަމަށް މޯނީ ބުންޏެވެ. ޚާއްސަކޮށް އަކްޝޭ ކުމާރާ އެކު ފިލްމެއް ކުޅެން ލިބުމަކީ އޭނާއަށް ޚާއްސަ އުފަލެއް އިހްސާސްވި ކަމެކެވެ.
މޯނީ ބުނި ގޮތުގައި މީގެ ކުރިން ވެސް ވަރަށް ގިނަ ފިލްމުތަކަށް އޮޑިޝަންދީ ޝޯޓްލިސްޓް ވެސް ވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ފިލްމެއް އޭނާއަކަށް ނުލިބުނެވެ. އެހެންވެ އޭނާ ގަބޫލުކުރަނީ ކޮންމެ ކަމެއް ވެސް ދިމާވުމުގައި ކޮންމެވެސް ނޭނގޭ މަގްސަދެއް އޮންނާނެކަމަށާއި އަކްޝޭގެ ފިލްމަކުން އޭނާގެ ބޮލީވުޑް ކެރިއަރު ފެށުމަށް ވުރެ ރަނގަޅު ފުރުސަތެއް ލިބޭނެހެން ހީނުވާ ކަމަށެވެ.
މޯނީ ބުނި ގޮތުގައި "ގޯލްޑް" އަށް އޮޑިޝަން ދިންތާ ދެ މަހެއްހާ ދުވަސް ފަހުން އޭނާ ޝޯޓްލިސްޓްވެފައިވާ ކަމަށް ބުނެ މެސެޖެއް ލިބުނެވެ. އަދި ހޮވުނުކަން އެނގުނީ އޭގެ ވެސް މާ ފަހުންނެވެ.
މޯނީ އަކީ "ކަލާޒް"ގެ "ނާގިން" ސީރީޒްގައި ލީޑް ރޯލު ކުޅެފައިވާ ބަތަލާ އެވެ. ޓީވީ ސިލްސިލާތަކަކީ އޭނާ ކާންބޯން ކުރި މަސައްކަތް ކަމަށާއި އޭނާ އެ އިންޑަސްޓްރީއަށް ނެރެދިން އެކްތާ ކަޕޫރަށް އޭނާ ދަރާފައިވާ ދަރަނި ބޮޑުކަމަށް މޯނީ ބުންޏެވެ.
އަކްޝޭގެ ފިލްމުގެ އިތުރުން ސަލްމާން ޚާންގެ ޅިޔަނު އަޔޫޝް ޝަރުމާ ބޮލީވުޑަށް ތައާރަފް ކުރުމުގެ ގޮތުން ސަލްމާންގެ ކުންފުނިން އުފައްދާ ފިލްމުގެ ބަތަލާ އަކީ ވެސް މޯނީ ކަަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެ އެވެ. ނަމަވެސް މި ފިލްމު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.