06 ޖުލައި 2017 - 11:39

ލަންޑަން (ޖުލައި 6) – ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދޭނެ ކަމަށާއި އެއަށް ފަހު ބަޔާން މިއުނިކުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު އޮޓްމާ ހިޒްފެލްޑް ލަފާކޮށްފި އެވެ.
ޖަރުމަނަށް އުފަން ކްލޮޕް ވަނީ އެ ގައުމުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ޖަރުމަން ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު ބަޔާނަށް އެންމެ ބޮޑު ވާދައެއް ކުރީ ވެސް ކްލޮޕް ޒަމާނުގައި ޑޯޓްމަންޑުންނެވެ. އޭރު ބަޔާނުން ކްލޮޕް ގެންދަން މަސައްކަތްކުރި އެވެ. އެކަމަކު އޭނާ ގުޅުނީ ލިވަޕޫލާ އެވެ.
ބަޔާން މިއުނިކަށާއި ޑޯޓްމަންޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ ހިޒްފެލްޑް ބުނީ 1990 ވަނަ އަހަރުގެ ފަހުން ލިވަޕޫލަށް ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ކްލޮޕް ކާމިޔާބުކޮށްދޭނެ ކަމަށެވެ.
"ޔާގެން ކްލޮޕް އަކީ އެންމެ މޮޅު އެއް ކޯޗު. އެކަމަކު އެހެން ކޯޗުންނާ ބަލާއިރު ކްލޮޕް އަދި އެބަޖެހޭ ބައިނަލްއަގްވާމީ ބޮޑު ތަށްޓެއް ކާމިޔާބުކުރަން. އޭނާ ޕްރިމިއާ ލީގު ލިވަޕޫލާ އެކު ކާމިޔާބުކުރާނެ. އަހަންނަށް އެކަން ޔަގީން،" ހިޒްފެލްޑް ބުންޏެވެ.
ހިޒްފެލްޑް ބުނީ ކްލޮޕް އަންނަނީ ލިވަޕޫލުގައި ވަރުގަދަ ޓީމެއް ބިނާކުރަމުން ކަމަށެވެ. އަދި އޭނާ އަކީ ކުޅުންތެރިން މޯޓިވޭޓްކުރާ ކޯޗެއް ކަމަށް ވެސް ހިޒްފެލްޑް ބުންޏެވެ.
"ބަޔާން މިއުނިކުގެ ކޯޗަކަށް ގެންނަން ޝޯޓްލިސްޓްކުރާއިރު އަބަދުވެސް ކްލޮޕް ހިމެނޭނެ. އޭނާ އަށް ޖަރުމަން ލީގު އެނގޭ. އޭނާ އަކީ ލީގު އަދި ކަޕް ޗެމްޕިއަނެއް. އަހަރެން ދެކޭ ގޮތުގައި އަދި އަހަރެން ބޭނުން ވެސް މެ އޭނާ ކޮންމެވެސް ދުވަހަކު ބަޔާން މިއުނިކާ ހަވާލުވާން،" ހިޒްފެލްޑް ބުންޏެވެ.