06 ޖުލައި 2017 - 11:46

ނައިރޯބީ (ޖުލައި 6) - ކެންޔާގައި ޗައިނާ އިން ހެދި 12 މިލިއަން ޑޮލަރުގެ ބްރިޖް ވެއްޓުމުން އެ ގައުމުގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.
ޖޫން މަހު 26 ވަނަ ދުވަހު ބްރިޖް ވެއްޓުނީ އެ ބްރިޖް މުޅިން ފުރިހަމަ ނުކުރެވި އުޅެނިކޮށެވެ. އަދި ބްރިޖް ވެއްޓިފައި މި ވަނީ ކެންޔާގެ ރައީސް އުހުރު ކެންޔާއްޓާ ބްރިޖް އިންސްޕެކްޓް ކުރެއްވިތާ ދެ ހަފުތާ ފަހުންނެވެ.
ބުސިއާ ކައުންޓީގައި ބްރިޖް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޗައިނީޒް އޯވަސީސް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޮމްޕެނީންނެވެ. ސިގިރީ ބްރިޖް ހަދަމުން ދިޔައީ ކޯރެއްގެ މަތިންނެވެ.
މިދިޔަ މަހު 14 ވަނަ ދުވަހު ރައީސް ކެންޔާއްޓާ ވަނީ އަންނަ މަހު 8 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ކެމްޕޭނުގައި އުޅުއްވަމުން ބްރިޖް ސަރަހައްދަށް ވަޑައިގެން ބްރިޖް ބައްލަވާލައްވާ އަދި އެ ތަނަށް އެއްވި މީހުންނާ ބައްދަލު ކުރައްވައިފަ އެވެ. އެމަނިކުފާން ވަނީ އަޅާނުލެވި އޮތް އެ ސަރަހައްދަށް ބްރިޖުގެ ސަބަބުން ތަރައްގީ އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންތިޚާބުގައި ރައީސް ކެންޔާއްޓާއާ ވާދަކުރައްވާ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ވިދާޅުވީ ބްރިޖް ވެއްޓުނީ ސަރުކާރުން އަވަސް އަރުވާލައިގެން ސިޔާސީ މަގްސަދު ހާސިލް ކުރަން ކަންކަން ކުރަން އުޅުމުން ކަމަށެވެ.
ކެންޔާގެ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ޗއިނާ އިން ދަނީ އެހީވަމުންނެވެ. ރައީސް ކެންޔާއްޓާ މިދިޔަ މަހު ވަނީ މަޑަރަކާ އެކްސްޕްރެސް ރޭލްވޭ ހުޅުއްވައިދެއްވައިފަ އެވެ. މިއީ ކެންޔާ މިނިވަންވީ ފަހުން އެ ގައުމުގައި ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި ރޭލްވޭ އަށް ޚަރަދުވި 3.8 ބިލިއަން ޑޮލަރު ދީފައި ވަނީ ޗައިނާގެ އެކްޒިމްބޭންކުންނެވެ.
ރައީސް ކެންޔާއްޓާގެ ޖުބިލީ ކޯލީޝަނުން ދަނީ ކެންޔާގައި އިންފްރާސްޓްރަކްޗާ ބޮޑެތި މަޝްރޫއުތައް ހިންގަމުންނެވެ.