07 ޖުލައި 2017 - 07:57

ހިންދީ ފިލްމު އިންޑަސްޓްރީން އަބަދުވެސް ފިލްމީ ތަރިންގެ ދަރިންނަށް އިސްކަންދީ އެ މީހުން ޕްރޮމޯޓްކުރާ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. ޚާއްސަކޮށް، ފިލްމީ ބަތަލާ ކަންގަނާ ރަނާވަތު މިކަމުގެ އިލްޒާމު މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ ބޮލުގައި އެޅުވި ފަހުން މިއީ ބޮލީވުޑްގައި ވަރަށް ބަހުސް ކުރެވޭ ކަމަކަށް ވަނީ ވެފަ އެވެ.

ނަަމަވެސް މިފަދަ ވާހަކަތަކަށް ބެލުމެއް ނެތި ޔާޝްރާޖް ފިލްމްސް އިން ވަނީ ރާޖް ކަޕޫރުގެ ކާފަދަރިފުޅު އާދާރް ޖެއިން ފިލްމު އިންޑަސްޓްރީއަށް ނެރޭކަން އިއުލާން ކޮށްފަ އެވެ. އެއާ އެކު އާދަރަށް ޓްވިޓާގައި ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ.
އާދަރް އަކީ ރާޖް ކަޕޫރުގެ ހަގު އަންހެންދަރިފުޅު ރީމާ ޖެއިންގެ ދަރިއެކެވެ. އަދި ރަންބީރު ކަޕޫރާއި ކަރިޝްމާ އަދި ކަރީނާގެ ދެބެންގެ ދެދަރި މީހެކެވެ. އާދަރް މީގެ ކުރިން ވަނީ ފަރަހަ ޚާންގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި "ހެޕީ ނިއު އިޔާ" ގައި އަދި ކަރަން ޖޯހަރްގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި "އޭ ދިލް ހެ މުޝްކިލް"ގައި މަސައްކަތް ކޮށްފަ އެވެ.
ފިލްމު އެކްޓަރެއްގެ ގޮތުގައި އާދަރް ތައާރަފްކުރުމަށް ޔާޝްރާޖުން އުފެއްދި ޚާއްސަ ޓުވިޓާ ކާޑުތަކުގައި މުޅިން ވެސް ހުރީ އޭނާގެ ކާބަފައިންގެ ވާހަކަތަކެވެ. މީގެ ތެރެއިން އެއް ފޮޓޯގައި އާދަރްގެ ޓީޝާޓުން ރާޖް ކަޕޫރުގެ މޫނު ފެންނަން ހުއްޓެވެ.
އާދަރް އަށް ޓުވިޓާގައި ފާޑުކިޔަމުންދިޔަ މީހުންނަށް ޖަވާބުދީ ބައެއް ފިލްމީ ތަރިން ޓުވީޓް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސޮނާކްޝީ ސިންހާ އާއި ވަރުން ދަވަން ހިމެނެ އެވެ. މި ދެ ތަރިންނަކީ ވެސް ފިލްމީ އާއިލާތަކަށް ނިސްބަތްވާ މީހުން ކަމުން މި މީހުން އާދަރް ކަހަލަ ސްޓާރުންގެ ދަރިން ދިފާއުކުރާނެ ކަން މާ ކުރިން ވެސް އިނގޭ ކަމަށް ބައެއް މީހުން ފަހުން ކުރި ކޮމެންޓް ތަކުގައި ބުނެފައިވެ އެވެ.
އާދަރާ އެކު ބަތަލާގެ ރޯލަށް ޔާޝްރާޖުން ތައާރަފްކުރަނީ މުޅިން އާ އަދި ފިލްމީ އާއިލާއަކަށް ނިސްބަތްނުވާ އަންޔާ ސިންގް އެވެ. ފިލްމުކުޅުމުގެ ޝައުގުވެރިކަމުގައި މީގެ އަހަރެއްހާ ދުވަސް ކުރިން މުމްބައި އަށް ދިޔަ އަންޔާ ވަނީ ވަރަށް ގިނަ އޮޑިޝަންތައް ހަދައި އެ އޮޑިޝަންތަކުން ފާސްވެގެން ޔާޝްރާޖް އިން އުފައްދާ މި ފިލްމުގެ ބަތަލާކަން ހޯދާފަ އެވެ. އާދަރް އާއި އަންޔާ ތައާރަފްވާ ފިލްމުގެ ޑައިރެކްޓަރަކީ "އިޝަގްޒާދޭ" އުފެއްދި ކުޅަދާނަ ޑައިރެކްޓަރު ހަބީބް ފައިޒަލް އެވެ.
އާދަރް އާއި އަންޔާ ތައާރަފްކުރުމަށް ޔާޝްރާޖް އިން ވަނީ ބުދަ ދުވަހުގެ ރޭ ޚާއްސަ އިވެންޓެއް ވެސް ބާއްވާފަ އެވެ. މި އިވެންޓުގައި ރަސްމީކޮށް މި ދެ ތަރިން ތައާރަފްކޮށްދީފައި ވަނީ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ އެވެ.