06 ޖުލައި 2017 - 10:56

ކޮލަމްބޯ (ޖުލައި 6) - ސައުދީ ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލް ބިން އަބްދުލް އަޒީޒަށް ސްރީ ލަންކާގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ފެނިވަޑައިގެން އެ ގައުުމުގައި އިންވެސްޓްކުރަން ޝައުގުވެރިވެވަޑައިގެންފި އެވެ.

ބޮޑު ވިޔަފާރި ވަފުދަކާ އެކު މިހާރު ލަންކާ އަށް ވަޑައިގެން އުޅުއްވާ ޕްރިންސް ވަލީދު ވަނީ ރައީސް މައިތުރިޕާލާ ސިރިސޭނާއާ ބައްދަލު ކުރައްވާ ލަންކާގެ އިގްތިސާދު ފުޅާވާ މިންވަރާ މެދު ބޮޑު ޝައުގެއް އުފެދިފއިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓޫރިޒަމް ފަދަ ދާއިރާތަކުގައި ލަންކާގައި ބޮޑު އިންވެސްޓެއް ކުރުމަށް ހުރި ފުރުސަތުތައް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
ސައުދީ ޝާހީ އާއިލާގައި ވެސް ހިމެނިވަޑައިގަންނަވާ ވަލީދު ވަނީ ޓޫރިޒަމަށް ލަންކާގައި ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން ލަންކާގެ ތާރީޚާއި ސަގާފަތާއި މީހުންގެ ހެޔޮކަން ވަލީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ރައީސް ސިރިސޭނާ ވަނީ ލަންކާގެ ތަރައްގީ އަށް ސައުދީން ވެދެމުން އަންނަ އެހީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ސައުދީގައި މަސައްކަތް ކުރާ ލަންކާގެ 400،000 އަށް ވުރެ ގިނަ މީހުންގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް މަންފާ ކުރާ ކަމަށް ވިދާޅުވި އެވެ. ލަންކާގައި ފެންބޮޑުވުމުން ހާލުގައި ޖެހުނު މީހުންނަށް ޕްރިންސް ވަލީދު ދެއްވި އެހީ އަށް ވެސް ސިރިސޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ޕްރިންސް ވަލީދު ވިދާޅުވީ އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި ލަންކާ ޕްރޮމޯޓް ކުރައްވާނެ ކަމަށެވެ. އަދި ލަންކާގެ ވިޔަފާރި އާއި އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުމަށް ވިޔަފާރި ވަފުދަކާ އެކު ސިރިސޭނާ ސައުދީ އަށް ވަޑައިގަތުމަށް ހުށަހެޅުއްވި އެވެ.
ޕްރިންސް ވަލީދު ލަންކާ އަށް ވަޑައިގެންނެވީ ޚާރިޖީ ވަޒީރު ރަވީ ކަރުނަޔަކަގެ ދައުވަތަކަށެވެ.