23 ޖޫން 2016 - 13:38

ކަސްޓަމަރެއްގެ މައުލޫމާތު ލީކުކުރި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ބީއެމްއެލްގެ ކުރީގެ މުވައްޒަފު ދޫކޮށްލަން ހަތަރު މަސް ފަހުން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރަކަށް ކުރިން ހުރި ގާސިމް އަބްދުލްކަރީމް މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރީ އެ ބޭންކުގެ ކަސްޓަމަރެއްގެ މައުލޫމާތު ހުއްދަ ނެތި އާންމުކޮށްފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައިި ގާސިމް ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް އޭނާ ހުރީ ބަންދުގަ އެވެ.
ގާސިމްގެ ބަންދަށް އެންމެ ފަހުން ކޯޓުން އިތުރުކޮށްދިން މުއްދަތު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށާއި އެހެންވެ އޭނާ ބަންދުން ދޫކޮށްލުމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ހެކި ނައްތާލަފާނެ ކަމަށް ބުނެ ގާސިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރިއިރު ގާސިމްގެ ފަރާތުން ހެކި ނައްތާލުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި މިހާތަނަށް 12 ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިިތުރުކޮށްފައިވާ ކަން އެ ހުކުމުގައިވެ އެވެ.
ގާސިމްގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ބީއެމްއެލުންނެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މުއާމަލާތްތަކުގެ މައުލޫމާތު ވެސް އޭނާ ލީކުރި އެވެ. އެކަމަކު އޭގެ ތެދެއް ދޮގެއް ނޭނގެ އެވެ.