މަޖިލިސް މެމްބަރަކު ވަކިކޮށްފިއްޔާ އެ ގޮނޑިއެއް ލިބޭނީ އިދިކޮޅަށް: ރޮޒައިނާ
މަޖިލިސް މެމްބަރަކު ވަކިކޮށްފިއްޔާ އެ ގޮނޑިއެއް ލިބޭނީ އިދިކޮޅަށް: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދައިފި ނަމަ ހުސްވާ ކޮންމެ ގޮނޑިއެއް ވެސް ލިބޭނީ އިދިކޮޅު ފަރާތްތަކަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެމްބަރަކު ވަކިކޮށްފިއްޔާ އެ ގޮނޑިއެއް ލިބޭނީ އިދިކޮޅަށް: ރޮޒައިނާ
މަޖިލިސް މެމްބަރަކު ވަކިކޮށްފިއްޔާ އެ ގޮނޑިއެއް ލިބޭނީ އިދިކޮޅަށް: ރޮޒައިނާ

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަޑުފެތުރެމުންދާތީ، އިދިކޮޅު ކޯލިޝަންގެ މިރޭގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ އެގޮތަށް ނިންމައިފި ނަމަ އެންމެ ފުރަތަމަ ސުވާލު އުފެދޭނީ ޕީޕީއެމްގެ މެމްބަރުންގެ ގޮނޑީގެ ސައްހަކަމާ މެދު ކަމަށެވެ. ސަބަބަކީ ޕީޕީއެމްގައި މިހާރު ތިއްބެވި ގިނަ މެމްބަރުންނަކީ އެހެން ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވިފައިވާ މެމްބަރުންނަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގައި ރައީސް ޔާމީންގެ ސުޕަ މެޖޯރިޓީ އޮތީ އެހެން ޕާޓީގެ ޓިކެޓްތަކެއްގައި ނިކުތް މެމްބަރުންތަކެއް ލައިގެން. އެހެންވީމަ ވަކިވަނީ ކޮން ޕާޓީއެއްގެ މެމްބަރުންތޯ އެބަ ސުވާލު އުފެދޭ. ކޮން ޕާޓީއަކުން ވަކިވެގެންތޯ ގޮނޑި ގެއްލެނީ އެބަ އެ ސުވާލު އުފެދޭ. އެ މީހަކު ހޮވުން ޕާޓީންތޯ ނުވަތަ އޭގެފަހުން ގޮސް ވަތް ޕާޓީއަކުންތޯ؟" މީދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ނިންމައިގެން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ އެ ގޮނޑިއެއް ލިބޭނީ އިދިކޮޅު ކޯލިޝަނަށެވެ. އެހެންވެ، އެފަދަ އިންތިޚާބަކަށް ދާން ސަރުކާރަށް ނުކުރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އަނެއް ދުވަހު އިންތިޚާބު އިއުލާން ކުރިޔަސް ހުރިހާ ގޮނޑިއެއް އަޅުގަނޑުމެން ގެންނާނަމޭ. އަޅުގަނޑުމެންގެ އެއްވެސް ފިކުރެއް ނެތް މަޖިލިސް މެމްބަރެއް ވަކިކޮށްފާނެތީ. ދިވެހި ރައްޔިތުން މިތިބީ އަޅުގަނޑުމެނާ އެކީގައި. ވޯޓަކަށް ދާކަށް ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމާ އެކު މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާތީ އެކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ. އެކަމަކު މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމުގެ ހުރިހާ ބާރެއް އޮންނަނީ މަޖިލީހުގެ އަމީން އާންމަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އެގޮތުން ނޯޓިސް ފޮނުވުމާއި ވޯޓު ނެގުމުގެ ޖަލްސާ ބޭއްވުން ފަދަ ހުރިހާ ކަމެއް ހިނގާނީ އަމީން އާންމުގެ ބެލުމުގެ ދަށުން ކަން މަޖިލީހުގެ ގަވާއިދާ ހަވާލާ ދެއްވައި، އޭނާ ވިދާޅުވި އެވެ. އަދި އިތުރު މަސައްކަތެއް ކުރެވެން އޮންނާނީ އެ ވޯޓެއް ނެގުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޯ ކޮންފިޑެންސް މޯޝަނެއް އެޖެންޑާ ކުރުމަށް ފަހު ދެން މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ދާނީ އެއަށް ގޮތެއް ނިންމާފައި. އެހެންވީމަ އިރާދަ ކުރެއްވިއްޔާ ދެން އަޅުގަނޑުމެން މަޖިލީހުގައި މަސައްކަތެއް ކުރާނީ މަސީހު އެ ގޮނޑިން ބާލުވާފައި،" ރޮޒައިނާ ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ މެމްބަރުންނަށް ރިޝްވަތު ދީގެން ކަމަށް ކުރާ ތުހުމަތު ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެއްވެސް ރިޝްވަތުގެ މުއާމަލާތެއް އެކަމުގައި ނުހިނގާ ކަމަށާއި ދިމާވި ސަބަބަކީ މަޖިލިސް މެމްބަރުން މާޔޫސްވުން ކަމަށެވެ. ކަންކަން ހިނގަމުންދާ ގޮތުން ޕީޕީއެމްގެ މެމްބަރުން ވެސް ރައްޔިތުންނާ ހަމައަށް ދާން ފަސްޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މެމްބަރުން ދާން އެބަޖެހޭ ރައްޔިތުން ގާތަށް. ރައްޔިތުން ގާތަށް ގޮސް ރައީސް ޔާމީންގެ ސިޔާސަތާ ބެހޭގޮތުން ދައްކާނެ ވާހަކައެއް ނެތް އެ މެމްބަރުންނަށް. މާޔޫސްކަން އޮތީ ޕީޕީއެމްގެ މެމްބަރުގައި. މިއަކީ ރިޝްވަތުގެ ކަންތައްތަކެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ރާއްޖޭގައި އެއްވެސް މިނިވަން މުއައްސަސާއެއް ނެތް ކަމަށާއި ސަރުކާރަށް މަގު ދައްކައިދޭން ތިބި މުއައްސަސާތައް ވެސް ތިބީ ރައީސް ޔާމީންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ އަޑުއެހުމެއް ނެތި ބޭނުން ގޮތަކަށް ކަންކަން ކުރުމުގެ ނަތީޖާ މިފެންނަނީ މިއަދު ކަމަށް އޭނާ ވިދާޅުވި އެވެ.