23 ޖޫން 2016 - 13:42

ވޮޝިންޓަން (ޖޫން 23) - އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ކޮރަޕްޓް ކެންޑިޑޭޓަކީ ހިލަރީ ކްލިންޓަން ކަމަށް ވިދާޅުވެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޑޮނަލްޑް ޓްރަމްޕް ދެއްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ ނޮވެމްބަރު މަހު އޮންނަ އިންތިޚާބުގައި އޭނާއާ ވާދަކުރައްވާނެ ކަމަށް ބެލެވޭ ހިލަރީ އަކީ ދުނިޔޭގެ ފެންވަރުގެ ދޮގުވެރިއެއް ކަމަށެވެ. އަދި ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނެވި އިރު ހިލަރީ ވަނީ ނިކަމެތިން ފަގީރުކޮށް އަމިއްލަ އަށް މުއްސަނދިކަން ހޯއްދަވައިފައި ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޚާރިޖީ ވުޒާރާ ހިލަރީ ހިންގަވާފައި ވަނީ އަމިއްލަ ޚަޒާނާއެއްގެ ގޮތަށް ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.
ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ ޓްރަމްޕް ވިދާޅުވީ އޭނާ އެންމެ އިސްކަމެއް ދެއްވަނީ އެމެރިކާގެ މަސައްކަތްތެރިންނަށް ކަމަށާއި އަދި ވަޒީފާ އުފެއްދުމުގައި އޭނާގެ ގާބިލްކަމުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ފައިދާ ކުރާނެ ކަމަށެވެ.
ޓްރަމްޕަށް ރައްދު ދެއްވައި ހިލަރީ ވިދާޅުވީ ޓްރަމްޕަކީ ދެފުށް ދެގޮތް ދޮގުވެރިއެއް ކަމަށެވެ. އަދި ހިލަރީގެ ތަރުޖަމާން ވިދާޅުވީ ޓްރަމްޕުގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން އެމެރިކާ ރިސެޝަނަކަށް ދާނެކަން އެންމެން ވެސް ގަބޫލް ކުރާ ކަމަށެވެ.