މަޑުން ތިއްބަސް ސަރުކާރުގައި "ގަޓު" އެބަހުރި: ޝައިނީ
މަޑުން ތިއްބަސް ސަރުކާރުގައި "ގަޓު" އެބަހުރި: ޝައިނީ

ސަރުކާރު މަޑުން އޮތަސް ސަރުކާރުގައި "ގަޓު" އެބަހުރި ކަމަށް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

މަޑުން ތިއްބަސް ސަރުކާރުގައި "ގަޓު" އެބަހުރި: ޝައިނީ
މަޑުން ތިއްބަސް ސަރުކާރުގައި "ގަޓު" އެބަހުރި: ޝައިނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން މައްސަލަ ހުށަހަޅައި، ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް މިއަދު ހަވީރު، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމަށް ކާނިވާ ސަރަހައްދަށް އެއްވި ޒުވާނުންގެ ބަޔަކާ ބައްދަލު ކުރައްވަމުން ޝައިނީ ވިދާޅުވީ މިހާރު ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް ޒުވާނުން ވިސްނަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ޒުވާނުންގެ މުސްތަގްބަލާ ގުޅިފައިވާ ކަންކަން ކަމަށެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ސަރުކާރު މަޑުން އޮތީ ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭނެތީއެއް ނޫނެވެ. ސަރުކާރުން މަޑުން މިތިބެނީ ގައުމު ހަލަބޮލި ކުރަން ބޭނުން ނުވާތީ ކަމަށާއި ސަރުކާރުން ބޭނުންވަނީ ޒުވާނުން ބޭނުންވާ ކަންކަން ފުރިހަމަކޮށް ދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތާމައަކީ ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އުޅުއްވަނީ އަޅުގަނޑުމެން ތަންކޮޅެއް މަޑުމަޑުން ތިބޭ ތިބުމަށް ނުވަތަ ފެންނަ ފެނުމަށް އަޅުގަނޑުމެން ތަންކޮޅެއް މައިތިރިކޮށް ތިބީމަ އަޅުގަނޑުމެންގެ ގަޓްސެއް ނުހުންނާނެއޭ. އަޅުގަނޑުމެންގެ ގަޓްސް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ ގައުމު ހަލަބޮލިކޮށްލާފައި އަދި ގައުމުގައި މިއޮތް އަމާންކަން ގެއްލުވާލާފައި އަޅުގަނޑުމެންގެ އަމިއްލަ ކަންކަން ކުރާކަށް،" ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވަނީ އިސްލާމް ދީނާއި ރާއްޖޭގެ އާދަކާދަ ނުގެއްލޭނެ ފަދަ ގޮތަކަށް އަދި ޒުވާނުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދަން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ "ލާދީނީ އެއްވެސް ބަޔަކަށް ދެން ވެރިކަމަށް ނާދެވޭނެ" ކަމަށެވެ.

"ތި ބޭފުޅުން ތިގޮތުގައި ތިއްބަވައިފިއްޔާ ރައީސް ޔާމީން ހުންނެވީ ތިބޭފުޅުންނާ އެކު ގެންގޮސް މި ގައުމު ތި ބޭފުޅުން ބޭނުންވާ ހިސާބަށް ގެންދިއުމަށް ފައިކުރި އޮޅާލައިގެން. އެއްވެސް ބޭފުޅަކު ހީކޮށްގެން ނުވާނެ މި ގައުމުގެ ވެރިކަމަށް ލާދީނީ އެއްވެސް ފަރާތަކަށް އާދެވޭނެ ކަމަކަށް. އެކަމެއް ނުކުރެވޭނެ،" ޝައިނީ ވިދާޅުވި އެވެ.

ޕީޕީއެމްގެ 10 މެމްބަރަކު ވެސް ހިމެނޭ ގޮތަށް 45 މެމްބަރުންގެ ސޮޔާ އެކު އިދިކޮޅު ކޯލިޝަނުން މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާއިރު ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވެ، މައްސަލަ ހޫނުވެފަ އެވެ. އެ މައްސަލައިގެ ތެރެއިން އެއް މެމްބަރުން ޕާޓީން ވަކިވެފައިވާއިރު އެހެން މެމްބަރަކު ވަނީ ޕާޓީގައި އޭނާ އަދާ ކުރައްވާ މަގާމުތަކުން އިސްތިއުފާ ދެއްވައިފަ އެވެ.