މުސާރަ މައްސަލައިގައި އީގަލްސް ގޮވައިގެން ރިސްޓޭ ފީފާ އަށް ދަނީ
މުސާރަ މައްސަލައިގައި އީގަލްސް ގޮވައިގެން ރިސްޓޭ ފީފާ އަށް ދަނީ

މިދިޔަ ސީޒަނުގައި އީގަލްސް އިން ދެ މަސް ދުވަހުގެ މުސާރަ ނުދީ އޮތް ކަމަށް ބުނެ މެސެޑޯނިއާ ފޯވާޑް ރިސްޓޭ ނައުމޯފް އެ މައްސަލަ އެފްއޭއެމަށް ހުށަހަޅައިފި އެވެ.

ރިސްޓޭ މިދިޔަ ސީޒަނުގައި އީގަލްސްއާ ގުޅުނީ ޖުލައި މަހު އެވެ. ކުރިން މާޒިޔާ އަށް ވެސް ކުޅުނު ރިސްޓޭ އަކީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް އީގަލްސް އިން ކާމިޔާބު ކުރިއިރު، އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

ރިސްޓޭ ވަނީ މިދިޔަ ސީޒަނުގައި އީގަލްސް އިން އޭނަ އަށް ދޭން ޖެހޭ ދެ މަސް ދުވަހުގެ މުސާރަ އާއި ބޯނަސް ކަމަށްވާ 7500 ޑޮލަރު (111،650 ރުފިޔާ) ހޯދަން އީގަލްސް އާއި އެފްއޭއެމް އަށް ސިޓީ ފޮނުވައިފަ އެވެ. އޭނާ ބުނީ މި ހަފްތާގެ ނިޔަލަށް ނުލިބިއްޖެނަމަ ފީފާ އަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

"އަހަރެން ރާއްޖެއިން ދިޔައިރު އީގަލްސް އިން ބުނި ޑިސެމްބަރު މަސް ނިމުމުގެ ކުރިން ލާރި ދޭނެ ކަމަށް. އެކަމަކު އަދިވެސް ނުލިބޭތީ އަހަރެން ފުރަތަމަ އެފްއޭ އާއި އީގަލްސް އަށް ލިޔުމުން މި އެންގީ. މި ހަފްތާގެ ނިޔަލަށް ނުލިބިއްޖެނަމަ ފީފާ އަށް މައްސަލަ ހުށަހަޅާނަން،" ރިސްޓޭ ބުންޏެވެ.

"އަހަރެންނަށް އީގަލްސް އިން ވަރަށް ރަނގަޅަށް ކަންތައް ކޮށްދިން. އަހަރެން ކޮންޓްރެކްޓަށް ވެސް އިހުތިރާމް ކުރިން. އެކަމަކު އީގަލްސްގެ ފަރާތުން މި ކަންތައް ލަސްވާތީ އިތުރު ގޮތެއް ނެތިގެން ރަސްމީކޮށް ކުރިއަށް ގެންދަން މި ނިންމީ." އޭނާ ބުންޏެވެ.

އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ ރިސްޓޭއާ އެކު ކޮންޓްރެކްޓް ހަދާފައިވާނީ ޑިސެމްބަރުގެ ނިޔަލަށް ކަމަށް ވިޔަސް ނޮވެމްބަރު މަހު ސީޒަން ނިމިއްޖެ ކަމަށާއި މުސާރަ ނުދެވި ލަސްވީ އެކަމާ މެދު އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ.

"ރިސްޓޭއާ އެކު އީގަލްސް އިން ހެދި އެގްރިމެންޓް ހަމަވުމުގެ އެެއް މަސް ކުރިން ސީޒަން ނިމިއްޖެ. އެހެންވެ ނުކުޅޭ މަހަކަށް މުސާރަ ދިނުމާ މެދު ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން މުސާރަ ނުދީ ލަސްވީ. އެ މައްސަލަ އަޅުގަނޑުމެން ހައްލުކުރާނަން،" މުފާ ވިދާޅުވި އެވެ.

އުމުރުން 35 އަހަރުގެ ރިސްޓޭ ވަނީ ކުރިން ރާއްޖޭގެ މާޒިޔާ އަށް ކުޅެފަ އެވެ. އެ ޓީމު 2014 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރިއިރު އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ރިސްޓޭ ވަނީ މެސެޑޯނިއާގެ ގައުމީ ޓީމުގެ އިތުރުން 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

މީގެ ކުރިން ފީފާ އިން ވަނީ ވިކްޓަރީ އަށް ކޯޗުކޮށްދިން ސްލޮވާކިއާގެ ލަޑިމިއަ ގޮފާ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް 2015 ވަނަ އަހަރު އަމުރުކޮށްފަ އެވެ. ފީފާއިން ވިކްޓަރީގެ މައްޗަށް އެ ފަހަރު އަމުރުކުރީ 2013 ވަނަ އަހަރު ގޮފާ ވިކްޓަރީ އަށް ކޯޗުކޮށްދިންއިރު ދޭން ޖެހޭ މުސާރަ ދިނުމަށެވެ. އެ ފަހަރު ވިކްޓަރީ އަށް ގޮފާގެ މުސާރައިގެ އިތުރުން އޭނާގެ ވަކިލަށް ދޭން ޖެހުނު ލާރި އާއި ފީފާގެ ގާނޫނު ޓީމަށް ދައްކަން ޖެހޭ ފީގެ ގޮތުގައި ޖުމްލަ ދެ ލައްކައަށް ވުރެން ގިނަ ރުފިޔާ ދައްކަން ޖެހުނެވެ.

މީގެ އިތުރުން ވެލެންސިއާ އަށް މިދިޔަ ސީޒަނުގައި ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒް ވެސް ވަނީ އޭނާ އަށް އެ ޓީމުން ލިބެން ޖެހޭ މުސާރަ ހޯދުމަށް އެފްއޭއެމް އަށް ހުށަހަޅައިފަ އެވެ. އެނގިފައިވާ ގޮތުގައި ވެލެންސިއާ އިން އެންހެލް އަށް 9000 ޑޮލަރު ދޭން ޖެހެ އެވެ.