05 ޖުލައި 2017 - 20:03

މެޑްރިޑް (ޖުލައި 5) - ވިހެއުމަށް ފަހު ސްޕޭނުން ވަގަށް ނެގި ކަމަށް ބެލެވޭ ކުޑަ ކުއްޖާގެ މައްސަލަ އެންމެ ފަހުން ޔޫރަޕުގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓަށް ހުށަހަޅައިފި އެވެ.
ސްޕޭނުގެ ނޯތު ޔޯކްޝަޔާގެ އަންހެނެއް ކަމަށްވާ ރޫތު އެޕްލެބީ އަށް 1992 ވަނަ އަހަރު ސިއްހަތު ރަނގަޅު އަންހެން ދަރިއަކު ލިބުނު ނަމަވެސް އޭނާ ގާތު ބުނެފައި ވަނީ ވިހެއުމަށް ފަހު މާގިނައިރު ނުވަނީސް ދަރިފުޅު މަރުވެފައިވާ ކަމަށެވެ. އެކަމަކު އެޕްލެބީ އަށް ފަހުން އެނގުނު ގޮތުގައި ސްޕޭނުގައި ވަނީ މީހުންގެ ޅަ ދަރިން ވިހާ ތަނުން ވަގަށް ނަގާކަން އެނގިފަ އެވެ. އެހެންވެ އޭނާ ވަނީ މި މައްސަލައިގައި އަލި މަގެއް ފެނޭތޯ ސްޕޭނުގެ ޝަރުއީ ނިޒާމުގެ ތެރޭން ވަރަށް ބޮޑަށް މަސައްކަތްކޮށް އެކަމަކު ނާކާމިޔާބުވެފަ އެވެ.
ސްޕޭނުގެ ކޮންސްޓިޓިއުޝަނަލް ޓްރިބިއުނަލުން ކާމިޔާބު ނުލިބުމުން އެޕްލެބީ ނިންމީ ޔޫރަޕިއަން ހިއުމަން ރައިޓްސް ކޯޓަށް މައްސަލަ ވެއްދުމަށެވެ.
ސްޕޭނުގައި ކުދިން ވަގަށް ނަގާ މައްސަލަ އެޕްލެބީ ވަނީ 2012 ވަނަ އަހަރު ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އޭގެ ފަހުން ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރުންނާ އެކު އޭނާ ވަނީ މެޑްރިޑަށް ގޮސް މައްސަލައިގެ ތަހުގީގެއް ހިންގައިފަ އެވެ.