05 ޖުލައި 2017 - 13:10

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުން މިއަދު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖާއި މަހުފޫޒު ސައީދު ފުލުހަށް ހާޒިރުވާން އެންގީ މިއަދު މެންދުރުފަހު 2:00 އަށެވެ.
ވަކީލް މަހުފޫޒު ވިދާޅުވީ ފުލުހަށް ހާޒިރުވާން އެންގީ، އަދީބު އަވަހާރަ ކޮށްލަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅޭ ގޮތުން އެ އިދާރާ އަށް ހުށަހެޅި ސިޓީއަކާ ގުޅިގެން ކަމަށެވެ. އެ ސިޓީގައި އޭނާ ވަނީ އަދީބު ދޫނިދޫ ގޮޅީގައި އޮއްވައި އަވަހާރަ ކޮށްލަން ރޭވުންތަކެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ހާއްސަ ސަމާލުކަމެއް ދީގެން އެކަން ތަހުގީގު ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
"އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރަން ފުލުހަށް ހާޒިރު ކުރަނީ،" މަހުފޫޒު ވިދާޅުވި އެވެ.
އެކަމަކު އަދީބު އަވަހާރަ ކޮށްލަން އުޅޭ ވާހަކަތައް ފުލުހުން ވަނީ ދޮގު ކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަދީބު އަވަހާރަ ކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ކޮންމެ މީހަކަށް ރައްކާތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދީބު ދޫނިދޫ ޖަލުގައި ހުންނެވީ ފުރިހަމަ ރައްކާތެރިކަމާ އެކު ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެހެންވެ، އެ މަނިކުފާނު ރާއްޖޭން ބޭރުން ފަރުވާ ކުރުމުގެ ހުއްދައަކަށް ވަނީ އެދިފަ އެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އެ ހުއްދައެއް ނުދެ އެވެ.