ޕީޕީއެމްގެ މަގާމުތަކުން އިލްހާމް އިސްތިއުފާ ދެއްވައިފި
ޕީޕީއެމްގެ މަގާމުތަކުން އިލްހާމް އިސްތިއުފާ ދެއްވައިފި

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ޑެޕިއުޓީ ލީޑަރުގެ މަގާމުންނާއި ރައްޔިތުންގެ މަޖިލިހުގެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރު ކަމުން ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމް، އެ ޕާޓީގެ މަގާމުތަކުން އިސްތިއުފާ ދެއްވިކަން އެންގެވީ ޕީޖީ ލީޑަރު އަހުމަދު ނިހާނަށް ފޮނުއްވި މެސެޖެއްގަ އެވެ.

- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

- ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު

- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން

- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ

- ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ

- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

- ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު

- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)

- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ

- އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)

ރާއްޖެ އިން ބޭރުގައި މިވަގުތު ހުންނެވި އިލްހާމް ޕީޕީއެމްގެ މަގާމުތަކުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ޕާޓީގެ ލީޑަޝިޕާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އޮކްޓޯބަރު 20، 2016 ގައި ޕީޕީއެމާ އަލުން ގުޅުނު އިލްހާމާއި އެ ޕާޓީއާ ދެމެދު އުފެދުނު އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ވަނީ ވިދާޅުފަ އެވެ.

ޕީޕީއެމްގެ މަގާމުތަކުން އިލްހާމް އިސްތިއުފާ ދެއްވިއިރު، މަސީހުގެ އިތުބާރު ނެތްކަމުގެ ލިސްޓުގައި ޕީޕީއެމުން ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު ވަނީ އެ ޕާޓީން އިއްޔެ ވަކިވެފަ އެވެ.