05 ޖުލައި 2017 - 11:19

ޕިއޮންޔޮން (ޖުލައި 5) - ނޯތު ކޮރެއާ އިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް އިއްޔެ ޓެސްޓްކުރީ އެމެރިކާގެ މިނިވަން ދުވަހު ދިން ހަދިޔާއެއްގެ ގޮތުގައި ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެއްޖެ އެވެ.
ބައެއް ތަޖްރިބާކާރުން ބުނި ގޮތުގައި ނޯތު ކޮރެއާ އިން ޓެސްޓް ކުރީ އެމެރިކާގެ އެލަސްކާ ނުވަތަ އެއަށް ވުރެ ވެސް ދުރަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެކެވެ. ނޯތު ކޮރެއާ އިން ވެސް ބުނެފައި ވަނީ އެއީ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ހަމަލާ ދެވޭނެ މިސައިލެއް ކަމަށެވެ.
"މިއީ އެމެރިކާގެ މިނިވަން ދުވަހު ދިން ހަދިޔާއެއް،" ކިމް ޖޮން-އުންއާ ހަވާލީ ކޮރެއަން ނިއުސް އެޖެންސީން ބުންޏެވެ.
އެންމެ ފަހުން ނޯތު ކޮރެއާ އިން މި ކުރި ޓެސްޓް ވެސް ކިމް ވަނީ އިންސްޕެކްޓް ކުރައްވައިފަ އެވެ. އަދި އެ ޓެސްޓާ މެދު އޭނާ ވަނީ ހިތްހަމަޖެހުން ފާޅު ކުރައްވައިފަ އެވެ.
މިސައިލް އުފެއްދި ނޯތު ކޮރެއާގެ އެކަޑަމީ އޮފް ޑިފެންސް ސައެންސް އިން ބުނީ އެ މިސައިލް 2،802 ކިލޯ މީޓަރު އުހުން 933 ކިލޯ މީޓަރަށް ދަތުރު ކުރި ކަމަށެވެ.
ނޯތު ކޮރެއާގެ މިސައިލް ޓެސްޓް އެމެރިކާ އިން ވަނީ ކުށްވެރިކޮށްފަ އެވެ. ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވީ އިންޓަކޮންޓިނެންޓަލް މިސައިލެއް ނޯތު ކޮރެއާ އިން ޓެސްޓް ކުރުމަކީ އެމެރިކާ އާއި ދުނިޔެ އަށް ކުރިމަތިވި އިތުރު ބިރެއް ކަމަށެވެ. އަދި މި ޓެސްޓާ ގުޅިގެން އެމެރިކާ އިން ވަނީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވެސް ގޮވާލައިފަ އެވެ.