ރެކޯޑް އަގަކަށް ލަކަޒެޓޭ އާސެނަލަށް
ރެކޯޑް އަގަކަށް ލަކަޒެޓޭ އާސެނަލަށް

ލަންޑަން (ޖުލައި 5) - ލިޔޯން އަށް ކުޅޭ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒެޓޭ ރެކޯޑް އަގަކަށް އާސެނަލަށް ބަދަލުވުމަށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލަކަޒެޓޭ އަށް އާސެނަލުން 46 މިލިއަން ޕައުންޑް ބިޑްކޮށްފައިވާއިރު، ފުރަތަމަ ސީޒަނުގައި އޭނާ ދައްކާ ކުޅުމަށް ބަލާފައި އިތުރު ހަ މިލިއަން ޕައުންޑް ދޭން ވަނީ ނިންމައިފަ އެވެ.

މިއީ އެއް ކުޅުންތެރިއަކަށް އާސެނަލުން ހޭދަކުރާ އެންމެ ބޮޑު އަދަދެވެ. މީގެ ކުރިން އާސެނަލުން ގަތް އެންމެ އަގުބޮޑު ކުޅުންތެރިއަކީ މެސުޓް އޮޒިލް އެވެ. މީގެ ހަތަރު އަހަރު ކުރިން އާސެނަލުން އޮޒިލް ގެނައީ 42.3 މިލިއަން ޕައުންޑް ދައްކައިފަ އެވެ.

ލަކަޒެޓޭ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާސެނަލަށް ސޮއިކުރާނެ ކަމަށް ލިޔޯންގެ ރައީސް ޖިއަމް މިކެލް އޯލަސް ވަނީ ވިދާޅުވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ލަކަޒެޓޭ މިހާރު ވަނީ އާސެނަލްގެ މެޑިކަލް ޓެސްޓްތައް ފުރިހަމަ ކޮށްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ޓީމާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ލަކަޒެޓޭ ސޮއިކުރާނެ އެވެ.

ފްރާންސް ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ލަކަޒެޓޭ ފުރަތަމަ ބަދަލުވާން ނިންމީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެހެން ނަމަވެސް އެ ނިންމުން ބަދަލުކުރީ އެތުލެޓިކޯ މި ވަގުތު ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ. ގަވައިދާ ހިލާފަށް ޒުވާން ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރުމުން ކުޅުންތެރިން ނުގަނެވޭ ގޮތަށް ފީފާއިން އެތުލެޓިކޯ އަށް ދީފައިވާ ސަސްޕެންޝަންގެ މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ މަހަށެވެ.

ލަކަޒެޓޭ އެތުލެޓިކޯ އަށް ސޮއިނުކުރީ މި ވަގުތު އެ ޓީމަށް ބަދަލުވި ނަމަވެސް އެންމެ އަވަހަށް މެޗެއް ކުޅެވޭނީ ޖެނުއަރީ މަހުގައި ކަމަށް ވުމުންނެވެ. އަދި އަންނަ އަހަރަކީ ވޯލްޑް ކަޕް އަހަރަކަށް ވެފައި ފްރާންސް ގައުމީ ޓީމުން ޖާގަ ލިބޭނީ ގަވައިދުން ކްލަބް ލެވެލްގައި ކުރިއަށް އޮތް ސީޒަނުގައި ކުޅެގެން ކަމަށްވާތީ އެވެ.

ފާއިތުވި ސީޒަނަކީ ލަކަޒެޓޭގެ އެންމެ ކާމިޔާބު ސީޒަނެވެ. މިދިޔަ ފަހަރު ފްރެންޗް ލީގުގައި އޭނާ ވަނީ 28 ލަނޑު ކާމިޔާބު ކޮށްފަ އެވެ.