އެއީ ސައްހަ ސޮޔެއް، މަޖިލިހުގެ ރައީސް ކަމުން މަސީހު ވަކި ކުރަން ފެނޭ: ސައުދުﷲ
އެއީ ސައްހަ ސޮޔެއް، މަޖިލިހުގެ ރައީސް ކަމުން މަސީހު ވަކި ކުރަން ފެނޭ: ސައުދުﷲ

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން ފެނިވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި ލިސްޓުގައި ސޮއިކުރެއްވި ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މިރޭ ވިދާޅުވެއްޖެ އެވެ.

ސައުދުﷲ އަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ލިސްޓުގައި، ވެރިކަން ކުރާ ޕީޕީއެމުން ސޮއި ކުރެއްވި 10 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ 45 މެމްބަރުންގެ ސޮޔާއެކުގަ އެވެ.

އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ލިސްޓުގައި ސައުދުﷲ ސޮއިކުރެއްވީ 41 ވަނަ މެމްބަރުގެ ގޮތުގަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮއި ސައްހަ ނޫން ކަަމަށް އެ ޕާޓީން ބުނަމުންދާ މި ދަނޑިވަޅުގައި ސައުދުﷲ ވަނީ އެ ލިސްޓުގައި ވަނީ އޭނާގެ ސޮއި ކަމަށް ވިދާޅުވެ، އެ ސޮއި ޓުވިޓާގައި މިރޭ އާންމު ކުރައްވައިފަ އެވެ.

"މިއީ އަޅުގަނޑު ކޮށްފައިވާ ސޮއި. އަޅުގަނޑުގެ ސޮއި ކަމާ މެދު ސުވާލު އުފައްދަވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާލީ،" ސައުދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ސައުދުﷲ "މިހާރު" އަށް ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ސޮއިކުރެއްވީ މަޖިލިހުގައި ކަންކަން ހިނގާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ. އެހެންވެ، މަސީހު އެ މަގާމުގައި ބަހައްޓަވަން ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިހުގައި އަޅުގަނޑު ބޭނުންވާ ގޮތަށް މަސައްކަތްކޮށް ނުކުރެވޭ، ބޭނުންވާ ގޮތަށް ވާހަކަ ވެސް ނުދެއްކޭ. އެހެންވެ، ފަހުން އައިސް މަޖިލިހުގައި ވާހަކަ ދައްކަން ފުރުސަތަކަށް ނޭދެން،" އޭނާ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވީ މަޖިލިހުގައި ހިމެނޭ ކޮމެޓީތަކުގައި ވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި މަޖިލިހަށް ހުށަހަޅާ ބިލުތަކަކީ ދިރާސާކޮށްގެން ފާސްކުރަން ޖެހޭ ބިލުތަކަކަށްވާއިރު، އެކަމަށް ވެސް ފުރުސަތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

- ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު

- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން

- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ

- ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ

- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

- ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު

- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)

- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ

- އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބިލުތައް ދިރާސާކޮށްގެން ފާސް ކުރަން ޖެހޭނީ. އެކަމަކު އެއާ މުޅިން ޚިލާފަށް ވަރަށް އަވަހަށް ބިލުތައް ފާސްކޮށް ނިންމާލަނީ. ގިނަ ފަހަރަށް ފުރުސަތު ނުލިބޭ ދިރާސާ ކުރަން،" ސްވިފްޓް އިންޖީނިއަރިންގެ އެއް ހިއްސާދާރު ސައުދުﷲ ވިދާޅުވި އެވެ.

ތިނަދޫ އިންޖީނުގޭގައި ސީނިއާ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި ޔާމީން މުހައްމަދު ހއ. ތުރާކުނު އިންޖީނުގެ އަށް ބަދަލުކުރި މައްސަލައިގައި ވެސް ސައުދުﷲ ކުރިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ސަރުކާރަށާއި މަސީހަށް، ސައުދުﷲ ފާޑު ވިދާޅުވާން މި ފެއްޓެވީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް ވަރަށް އަވަހަށް ގެންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.

މީގެ ކުރިން ސައުދުﷲ މައުމޫން ފަޅިއަށް އަރާވަޑައިގެންނެވި މައްސަލާގައި އޭނާގެ ވިޔަފާރި އަށް ދަތިތަކެއް ކުރިމަތިކުރި އެވެ. ސައުދުﷲ ގެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ވެސް ހުއްޓުވި އެވެ. މިގޮތަށް ބިރުދައްކަން ފެށުމުން، ސައުދުﷲ ވަނީ އަލުން ރައީސް ޔާމީން ފަޅިއަށް އަރާވަޑައިގެންފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ހުންނަވަނީ ޕީޕީއެމާ ވަރަށް ބޮޑަށް އެކަހެރިކޮށްފަ އެވެ.