06 ޖުލައި 2017 - 06:26

އިންޑިއާގެ އަވަށެއްގައި، ސިކުނޑި ހަމަނުޖެހޭ ނިކަމެތި އަންހެނަކަށް ބޮޑެތި އަނިޔާތައް ދީ މަރާލި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އޮޓެރާ ބީބީ، 42، މަރާލާފައި ވަނީ ވެހިކަލެއްގައި ބަނދެ ބިންމަތީ ދަމާފައި ގެންދިއުމަށް ފަހު އެކި އަނިޔާތައް ކޮށްގެންނެވެ.
ދިހަ އަހަރުގެ ކުޑަ ކުއްޖަކު ކިޑްނެޕްކުރަން އުޅުނުކަމުގެ ދޮގު އިލްޒާމް ބީބީގެ ބޮލުގައި އަޅުވާފައިވެ އެވެ. ނަމަވެސް އޭނާއަކީ ކުށެއް ނެތް މީހެއްކަން އެނގުނުއިރު އޭނާގެ ހަށިގަނޑުގައި ފުރާނައެއް ނެތެވެ.
އިންޑިއާގެ ވެސްޓް ބެންގާލްގެ ސެކަންދަރު ވިލެޖްގައި ހިނގި މި ހާދިސާގައި އަނިޔާދީ މަރާލި މީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެކެވެ. މައިންބަފައިންނާ އެކު ދިރިއުޅޭ ބީބީ ގޭގައި ހުއްޓާ އަވަށުގެ މީހުން އޭނާ ގެންގޮސް ތިން ގަޑިއިރު ވަންދެން އެކި ކަހަލަ އަނިޔާތައް ކޮށްފައިވެ އެވެ.
ބީބީގެ ހަމައެކަނި ކުށަކީ އޭނާގެ ގެއާ ކައިރީގައި ހުރި ގެޔަކަށް ވަނުމެވެ. އެވަގުތު އޭނާގެ އަތުގައި ކޮންމެވެސް އެއްޗެއް އޮތުމުން އޭނާ އެގެއަށް ވަދެގެން ދިޔަތަން ފެނުނު އެ އަވަށުގެ މީހަކު ހީކުރީ ބީބީ އެ ގެއަށް ވަނީ އެ ގޭގައި އުޅޭ 10 އަހަރުގެ ކުއްޖަކު ކިޑްނެޕްކުރަން ކަމަށެވެ. އަދި އޭނާގެ އަތުގައި އޮތީ ކްލޯރޯފޯމް އިން ފޯކޮށްފައި އޮތް ފޮތިގަނޑެއް ކަމަށެވެ.
މި މީހާއަށް އަނިޔާކުރާތަން ފެންނަ ވީޑިއޯއިން އެނގޭ ގޮތުގައި އެކަން ކުރުމަށް އެއްބަޔަކު ހިތްވަރުދެމުން ދިޔަ އެވެ. މި އަންހެންމީހާ އަކީ ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ މީހަކަށް ވާތީ އޭނާގެ ކުށެއް ނެތްކަން ބުނެދޭން އޭނާ ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. ސަބަބަކީ އޭނާ ކީ އެއްވެސް އެއްޗެއް އެތަނަށް އެއްވެ ތިބި މީހުންނަށް އޮޅުން ނުފިލީމަ އެވެ.
މިތަނަށް ފުލުހުން ދިޔައިރު ބީބީ އޮތީ މަރުވެފަ އެވެ.
މުރްޝީދުއާބާދު ސުޕްރިންޓެންޑެންޓް ވިދާޅުވި ގޮތުގައި އެ އަވަށުގެ ގިނަ ބަޔަކު އަންހެންމީހާ އަށް ހަމަލާދިނީ އެ ހިސާބުގަނޑުގެ ގެއެއްގެ ކުއްޖަކު ވަގަށް ނަގަން އަންހެންމީހާ އުޅޭ ކަމުގެ ދޮގު ޚަބަރުތަކެއް ފެތުރުމާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށާއި އަންހެންމީހާ މަރާލި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދޮގު ޚަބަރު ފެތުރި މީހުން ވެސް ދޫނުކުރާނެ ކަމަށާއި އެމީހުންނަށް ވެސް ބީބީ މަރާލުމުގެ ދައުވާ ކުރާނެކަމަށް ސުޕްރިންޓެންޑެންޓް ވިދާޅުވި އެވެ.
ބީބީ އަކީ ކުޑަކުދިން ވަގަށް ނަގާ މީހެއް ކަމަށް އެ އަވަށުގެ މީހުން ދައްކާ ވާހަކަތައް ފުލުހުން ވަނީ ދޮގު ކޮށްފަ އެވެ.
ބީބީގެ ފިރިމީހާ ބުނި ގޮތުގައި އޭނާގެ އަންހެނުންނަކީ ސިކުނޑި ހަމަނުޖެހޭ މީހެކެވެ. އަދި އެކަމަށް ބޭސްކުރާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.