ސިންގަޕޫރުގެ ބޮޑު ވަޒީރުގެ އާއިލާގެ ތެރޭގައި ބޮޑު ކޯޅުންގަނޑެއް
ސިންގަޕޫރުގެ ބޮޑު ވަޒީރުގެ އާއިލާގެ ތެރޭގައި ބޮޑު ކޯޅުންގަނޑެއް

ސިންގަޕޫރު (ޖުލައި 4) - ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫންގެ އާއިލާގެ ތެރޭގައި އޮތް މައްސަލަގަނޑު ބޮޑުވެ އެންމެ ފަހުން ޕާލަމެންޓުގެ ބައްދަލުވުމެއްގައި އެ ވާހަކަތައް ދައްކާ ހިސާބަށް ހިނގައްޖެ އެވެ.

ބޮޑު ވަޒީރު ލީ،65، ގެ ދެ ކޮއްކޮ އިން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ލީ ނާޖާއިޒް ފައިދާ ހޯއްދަވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ހިތްހަމަނުޖެހުން އެންމެ ބޮޑުވީ ބައްޕާފުޅު ލީ ކުއާން ޔޫގެ ގޭގެ މައްސައިގަ އެވެ. އާއިލާގެ ތެރޭގައި މި ދެބަސްވުން ހިނގާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ދެ ކޮއްކޮ އިންގެ ތުހުމަތުތަކަށް ތަކުރާރުކޮށް ދެކޮޅު ހައްދަވަމުން ވަޑައިގެންނެވި ލީ އެންމެ ފަހުން އިއްޔެ ވަނީ ޕާލަމެންޓަށް ވަޑައިގެން އެ ވާހަކަ ދައްކަވައިފަ އެވެ. ލީ ވިދާޅުވީ އޭނާއާ ބެހޭ ގޮތުން ދެ ކޮއްކޮ އިން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އެ މީހުންނާ ދެކޮޅަށް ކޯޓަށް ވަޑައިގެން އަބުރުގެ ދައުވާ ނުކުރައްވާނެ ކަމަށެވެ. އަދި މައިން ބަފައިންގެ ޝަރަފަށް ހުތުރަކަށް ވެދާނެތީ ވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ލީގެ ދެ ކޮއްކޮ އިން ކަމަށްވާ ލީ ސިއެން ޔަން އާއި ލީ ވެއި ލިން ވަނީ ވޭތުވެދިޔަ ތިން ހަފުތާއެއްހާ ދުވަހުތެރޭ ބޮޑު ވަޒީރުގެ މައްޗަށް ތުހުމަތުތައްކޮށް ފޭސްބުކުގައި އެ ވާހަކަތައް ލިޔަން ފަށައިފަ އެވެ.

ބޮޑު ވަޒީރު ލީ ޕާލަމެންޓުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ލީގެ ފިރިހެން ކޮއްކޮ ސިއެން ޔަން ވިދާޅުވީ ބޮޑު ވަޒީރު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އަދި ބައްޕާފުޅު ދިރިއުޅުއްވި ގޭ ތަޅާނުލަން ބޮޑު ވަޒީރު ބޭނުން ވަނީ ސިޔާސީ ފައިދާއެއް ހޯއްދަވަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.