04 ޖުލައި 2017 - 15:58

ރައްޔިތުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކަށް އަދި އެހެން ބަޔަކަށް ވެސް ރިޝްވަތު ނުދެއްވާ ކަމަށާއި ރިޝްވަތު ހުށަހެއް ވެސް ނާޅުއްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުކުރަން މަޖިލިހުގެ ބައެއް މެމްބަރުންނަށް ފާރިސް ރިޝްވަތު ދެއްވި ކަމުގެ ހެއްކާއި ގަރީނާ އެބަ ހުރި ކަމަށް، ފުލުހުން މިއަދު ބުނެފައިވާތީ، އޭނާ "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީ، އަދި ހުށަހެޅި ކަމުގެ އެއްވެސް ހެއްކެއް ނުހުންނާނެ ކަމަށެވެ.
"ސައްހަ ހެއްކެއް ނުހުންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ސައްހަ އޯޑިއޯއެއް، ވީޑިއޯއެއް ނުހުންނާނެ ކަން ޔަގީން. ސައްހަ ރެކޯޑިން އެއް ނުހުންނާނެ. ގާނޫނާ ޚިލާފު ވާހަކައެއް ދައްކާފައެއް ނޯންނާނެ. ނަމަވެސް ބަޔަކަށް ހެކިތަކެއް ނުހެދޭނެއެކޭ ނޫން އަޅުގަނޑު މި ދެންނެވީ،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށްޓަކައި މެމްބަރުންގެ އެއްބާރުލެއްވުން ހޯއްދެވުމަށްޓަކައި މަޝްވަރާތައް ކުރައްވަ އެވެ. އެކަމުގެ ތެރޭގައި ރިޝްވަތު ދިނުމާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ފާރިސް ވިދާޅުވި އެވެ.
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
- ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ
- ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ
- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
- ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު
- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)
- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ
- އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)
އޭނާ ވިދާޅުވީ 45 މެމްބަރުންގެ ސޮޔާއެކު މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއިރު ވެސް ފިއްތުންތައް ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށް އިދިކޮޅު މީހުން ތައްޔާރު ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން [ސަރުކާރު] ކުރާ ކަންތައްތަކުން ވެއްޓެނީ އަޅުގަނޑުމެންގެ އަގެއް ނޫން. އިތުބާރެއް ވެސް ނޫން. ބަލަން ތިއްބެވި ބޭފުޅުންނަށް އެކަން ފެންނަމުން ދާނެ،" އޭނާ ވިދާޅުވި އެވެ.