ރިޝްވަތުގެ މައްސަލާގައި ފާރިސްއާ ދެކޮޅަށް ހެކި އެބަ ހުރި: ފުލުހުން
ރިޝްވަތުގެ މައްސަލާގައި ފާރިސްއާ ދެކޮޅަށް ހެކި އެބަ ހުރި: ފުލުހުން

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުކުރަން މަޖިލިހުގެ ބައެއް މެމްބަރުންނަށް ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް ރިޝްވަތު ދެއްވިކަމުގެ ހެއްކާއި ގަރީނާ އެބަ ހުރި ކަމަށް، ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުންގެ ފަރާތުން އިއްވި ބަޔާނެއްގައި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ޝަކުވާއެއް ރޭ ވެސް ހުށަހެޅި ކަމަށާއި އެ މައްސަލާގައި މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ، ޝިފާން ވިދާޅުވި ގޮތުގައި، އަަހުމަދު ޝާފިއު، ސްވީޓް ފްލާވާ، ލ. ފޮނަދޫ އެވެ. އޭގެ އިތުރުން އަހުމަދު ސޮފްވާން ހޯދަމުން އަންނަނީ ވެސް މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޝާފިއު ހައްޔަރުކުރި ރޭ ކުނޫޒްގައި ބޭއްވި އިދިކޮޅު ފަރާތްތަކުގެ ޖަލްސާ އަށް ފަހު، އެ ސަރަހައްދުންނެވެ.

ސޮފްވާން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މުވަައްޒަފެއްގެ ގޮތުން އުޅުނު މީހެކެވެ. އޭނާ މިހާރު އުޅެނީ ރާއްޖެ އިން ބޭރުގަ އެވެ.

- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

- ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު

- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން

- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ

- ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ

- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

- ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު

- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)

- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ

- އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)

ޝިފާން ވިދާޅުވީ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ މައްސަލަތައް ތަހުގީގުކުރަން ފުލުހުން ތިބީ ސާބިތުވެ އެވެ. އަދި އެކަމުން އެއްވެސް ފަރާތެއް އިސްތިސްނާ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ކުއްލި ބަޔާން މިއައީ މަސީހާ ދެކޮޅަށް 45 މެމްބަރަކު މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެމްބަރަކު ވެސް ހިމެނެ އެވެ. އެކަމަކު ސޮއި ހިމެނޭ އިސްދޫ ދާއިރާގެ އަހުމަދު ރަޝީދު ފަހުން ވިދާޅުވެފައި ވަނީ އޭނާ ސޮއިނުކުރައްވާ ކަމަށެވެ.

ރޭ އޭނާ ފުލުސް އޮފީހަށް ވަޑައިގެން ޝަކުވާއެއް ހުށަހެޅުއްވި ކަމަށް، މިއަދު ހެނދުނު ޝިފާން ވިދާޅުވި އެވެ. އަދި ފުލުހުންގެ ބަޔާނުގައި ރޭ ވެސް "އެފަދަ ޝަކުވާއެއް" ހުށަހެޅި ކަމަށް ހިމަނާފައި އޮތީ، ރަޝީދުގެ މައްސަލައާ ގުޅުވައިގެން ކަމަށް ބެލެވެ އެވެ.

ސުވާލުކުރުމުގެ އެއްވެސް ފުރުސަތެއް ފުލުހުން މިއަދު ނުދެ އެވެ. އަދި މި ފަހުން ނޫސްވެރިންނަށް ބާއްވާ ފުލުހުންގެ ބައްދުލުންތަކުގައި ސުވާލުކުރަން ފުރުސަތު ނުދީ ހަމައެކަނި އިއްވަނީ ބަޔާނެކެވެ.

ފާރިސްއާ ބެހޭ ގޮތުން ފުލުހުން ވާހަކަ ދެއްކި އޭނާއާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާއާ ގުޅޭ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހަވާލުކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުންގެ މައްޗަށް ކުރަނީ، ޕީޕީއެމްގެ ދިދަ ބޭނުންކުރެއްވި މައްސަލާގައި، ޝަހްސު އޮޅުވައިލުމުގެ ދައުވާ އެވެ.